ނޯޓިސް ނުދޭތީ މައުމޫން ފެކްޝަނުގެ ބޭފުޅުން ކައުންސިލް ބައްދަލުވުންތަކުގައި ބައިވެރިނުވާން ނިންމައިފި

ތިން ދުވަހުގެ ނޯޓިސް އަކާ ނުލައި ޑީއާރުޕީގެ ކައުންސިލް ބައްދަލުވުންތައް ބާއްވަމުން ގެންދާ ކަމަށް ވިދާޅުވެ، ޑީއާރުޕީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މައުމޫން ފެކްޝަނުގެ ބޭފުޅުން ކައުންސިލު ބައްދަލުވުމަށް ހާޒިރު ނުވާނެ ކަމަށް ބުނެފި އެވެ.

ޑީއާރުޕީން ވަކިކޮށްފައިވާ އުމަރު ނަސީރުގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ޒައީމް މައުމޫން ފެކްޝަނުގެ ފަރާތުން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ މިއަދު ހަވީރު ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްޓަކައި އިއްޔެ އެސްއެމްއެސް އަކުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ދަންނަވާފައިވާ ކަމަށެވެ. އަދި ކައުންސިލްގެ ބައްދަލުވުންތަކަކީ ތިން ދުވަހުގެ ނޯޓިސްއެއް ދިނުމަށް ފަހު ބާއްވަންޖެހޭ ބައްދަލުވުމަކަށްވީ ނަމަވެސް މެމްބަރުންނަށް އެއް ދުވަހުގެ މުއްދަތު ދިނުމަށް ފަހު ކައުންސިލްގެ ބައްދަލުވުންތައް ބާއްވަމުން ގެންދާ ގެންދިއުމަކީ ގަވާއިދާ ޚިލާފަށް ކުރާ ކަމެއް ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

ޑީއާރުޕީގެ މައުމޫން ފެކްޝަނުން ބުނީ ތިން ދުވަހުގެ ސާފު ނޯޓިސްއެއް ދިނުމަކާ ނުލައި ޕާޓީ ކައުންސިލްގެ ބައްދަލުވުމެއް ބެއްވޭނީ "ކުއްލި" ކައުންސިލްބައްދަލުވުމެއްގެ ގޮތުގައި އެކަނި ކަމަށެވެ.

ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ގާތް ބޭފުޅުން ބައިތިއްބަވައިގެން ކައުންސިލް ބައްދަލުވުންތައް އެ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް އަމިއްލަ މަސްލަހަތު ހިމެނޭ ގޮތަށް ޕާޓީގެ މެމްބަރުންގެ ވިންދަށް އިހްތިރާމް ކުރުމެއް ނެތި ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވެ، ކައުންސިލްގެ ބައެއް މެމްބަރުން ވަނީ ބައިވެރިނުވާނެ ކަމަށް ވިދާޅުވެ އެ ޕާޓީގެ އަމީން އާންމު އަބުދުއްރަޝީދު ނާފިޒަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ.

އޭގެ ތެރޭގައި އަހުމަދު ނިހާސް ހުސެއިން މަނިކާއި، އަހުމަދު މަޚުލޫފާއި އިލްހާމް އަހުމަދުގެ އިތުރުން މުހައްމަދު ވަހީދު އިބްރާހިމާއި އަބުދުލް މުހުސިން ހަމީދު ހިމެނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު