ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް މައުމޫންގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ރައީސް މައުމޫން ފުރަތަމަ ޒިޔާރަތް ކުރެއްވީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަރިހަށް ކަމަށެވެ. އޭގެ ފަހުން އެމަނިކުފާނާ އެކު ރައީސް މައިތްރިޕާލަ ސިރިސޭނާ އަރިހަށް ޒިޔާރަތް ކުރެއްވި ކަމަށް ވެސް މައުމޫންގެ އޮފީހުން ބުންޏެވެ.
ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާބެހޭ ގޮތުން ވަރަށް އެކުވެރި މާޙައުލެއްގައި ތިން ބޭފުޅުން ޚިޔާލު ބަދަލުކުރެއްވި ކަމަށް ވެސް ރައީސް މައުމޫންގެ އޮފީހުން ބުންޏެވެ.
ސްރީލަންކާގައި އަންނަ އަހަރު ބާއްވަން ގަސްދު ކުރައްވާ [އިސްލާމް އެންޑް ޑިމޮކްރަސީ އިން ސައުތު އޭޝިއާ]ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވައި، އެ ޖަލްސާ އިންތިޒާމްކުރާ ކޮމިޓީގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މައުމޫނަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ދަޢުވަތު ދެއްވި އެވެ. ރައީސް މައުމޫން އެ ދަޢުވަތު ގަބޫލުކުރެއްވި ކަމަށް ވެސް މައުމޫންގެ އޮފީހުން ބުންޏެވެ.
އެ ބައްދަލުކުރެއްވުންއޮތީ ސްރީލަންކަން ޕާލަމެންޓް ކޮމްޕްލެކްސްގަ އެވެ.
ރައީސް މައުމޫން އެ ދެ ބޭފުޅުންނާ ބައްދަލު ކުރެއްވީ ޢާއިލީ ބޭނުންފުޅެއްގައި ސްރީލަންކާއަށް ވަޑައިގެން އުޅުއްވަމުންނެވެ.