ށ. އަތޮޅު ސްކޫލުތަކުގެ މެދުގައި ކުރިއަށް ގެންދިޔަ "ވިއަވަތި ޕްރޮމޯޝަނަލް ކަޕް" ގެ ސެމީ ފައިނަލް މެޗުގައި ށ.ފޯކައިދޫއާއި ފުނަދޫ ސްކޫލު ބައްދަލު ކުރި މެޗުގައި ހިނގި ހަމަނުޖެހުމަކަށްފަހު ފުނަދޫ ޓީމްގެ ކުޅުންތެރިންނަށް ޗޭންޖިން ރޫމުން ނުނުކުމެވި ގިނައިރު ތަކެއްވުމުގެ ސަބަބުން އެކުދިންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ އިން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެކުދިންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދީ އެކުދިންގެ ހާލަތު ދެނެގަތުމުގެ ގޮތުން ފުނަދޫ ކައުންސިލް އިދާރާއާ ގުޅިގެން އެ މިނިސްޓްރީގެ ޓީމެއް ފުނަދޫގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެޓީމް މިއަދުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ފުނަދޫގައި ހަރަކާތްތެރިވާއިރު އެޓީމްގައި ޖެންޑާ މިނިސްޓްރީގެ ސައިކޯ-ސޯޝަލް ސަޕޯޓް ޔުނިޓްގައި މަސައްކަތްކުރައްވާ ސައިކޯތެރަޕިސްޓަކާއި ނަފްސާނީ އިލްމްގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވާ ތިން އެސިސްޓެންޓް ސައިކޮލޮޖިސްޓުން ބައިވެރިވެއެވެ.
އެ ހާދިސާގައި ހިމެނޭ ހުރިހާ ކުދިންނާ ވަކިވަކިން އެ ޓީމުން ބައްދަލުކޮށް ކުދިންގެ ހާލަތު ދެނެގަނެ އެ ކުދިންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
ޖެންޑާ މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކާއި ސައިކޯ-ސޯޝަލް ސަޕޯޓް ޚިދުމަތް ބޭނުންވާ ފަރާތްތަކަށް އެކިބާވަތްތަކުގެ ތެރެޕީ، މިނިސްޓްރީގެ ތެރެއިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެކަމަށް ބޭނުންވާ ފަންނީ މުވައްޒަފުން ހޯދައި އެފަދަ ޚިދުމަތްދެވޭނެ ގޮތަކަށް ޚިދުމަތްދޭ އޮފީހުގެ މާހައުލުބައްޓަން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.