މި އަހަރު އެކްސްޕޯޓް ކުރި މުދަލުގެ އަގު 3.4 ބިލިއަން ރުފިޔާ އަށް!

އެމްޕީއެލްގެ މުދާ ބާލާ ސަރަހައްދު ---- ސަން ފައިލް ފޮޓޯ

މި އަހަރުގެ މިހާތަނަށްު ރާއްޖެއިން 3.4 ބިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނެފި އެވެ.

ކަސްޓަމްސް އިން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް އެކްސްޕޯޓް ކޮށްފައި ވަނީ 2.5 ބިލިއަން ރުފިޔާގެ މުދަލެވެ.

ނަމަވެސް މި އަހަރުގެ މިހާތަނަށް 3.4 ބިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓް ކޮށްފަ އެވެ. މިއީ 34 ޕަސެންޓްގެ ކުރިއެރުމެކެވެ.

މި އަހަރުގެ މިހާތަނަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުުނު އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1.84 ބިލިއަން ރުފިޔާ ލިބުުނު އިރު އެއީ 14 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނީ 1.61 ބިލިއަން ރުފިޔާއެވެ.

އޭގެ އިތުރުން، މި އަހަރުގެ މިހާތަނަށް 28.9 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާކަމަށް ހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި އެތެރެކޮށްފައި ވަނީ 28.8 ބިލިއަން ރުފިޔާގެ މުދާ ކަމަށާއި އެހެންކަމުން މިއީ 0.4 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި، ރާއްޖޭގެ އިމްޕޯޓަށް ކުރަން ޖެހޭ ހޭދަ ދަށްވަމުން އައިސްފައި ވަނީ މިދިޔަ އަހަރަށް ވުރެ މި އަހަރު ތެލުގެ އަގު އެވްރެޖްކޮށް ވަރަށް ބޮޑަށް ދަށްވުމުން ކަމަށެވެ. އިމްޕޯޓު ހިސާބުކުރަނީ މުދަލުގެ އަގުން ކަމަށް ވާއިރު، ރާއްޖެއަށް އެތެރެކުރާ މުދަލުގެ ބޮޑު ބައެއް ބިނާވެފައި އޮންނަނީ ތެލަށް ކުރާ ހޭދައަށެވެ.

ތެލުގެ ބާވަތްތަކަށް ކުރެވުނު ހޭދަ ފިޔަވައި، އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ އަގު ވަނީ 16 ޕަސެންޓް މަތިވެފައެވެ.

މިދިޔަ އަހަރު، މެޓްރިކް ޓަނެއްގެ އަގު އެވްރެޖްކޮށް 14,700 ރުފިޔާގައި ހުރި ނަމަވެސް، މި މިންވަރު 47 އިންސައްތަ ދަށްވެ، މިއަހަރު މެޓްރިކް ޓަނަކަށް އެވްރެޖްކޮށް ޖެހިފައިވަނީ 8,300 ރުފިޔާ އެވެ.

comment ކޮމެންޓް