އިސްމާއިލް އީސަ އާއި އަސްއަދު އަލީ (އަޑުބަރޭ) އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މާޒިޔާ ސްޕޯޓްސް ކްލަބާ މިއަދު ގުޅިއްޖެ އެވެ.
މި ސީޒަންގައި ކުލަބް އީގަލްސް އަށް ކުޅުނު އީސަ މާޒިޔާއަށް ސޮއިކޮށްފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ.
ސަންއާ ވާހަކަދައްކަމުން އީސަ ބުނީ މާޒިޔާއާ ގުޅުނީ ގިނަ ސަބަބުތަކާ ހެދި ކަމަށާއި އަންނަ އަހަރުގެ ލީގު އެ ކްލަބަށް ކާމިޔާބުކޮށްދިނުމަކީ އޭނާގެ ހުވަފެނެއް ކަމަށެވެ.
"ރަނގަޅު މެނޭޖުމަންޓެއް އޮތް، ރަނގަޅު ކޯޗެއް އޮތް، ވަރުގަދަ ސްކޮޑެއް އޮތް ޓީމަކަށް ގުޅިގެން ކާމިޔާބު ހޯދަން ބޭނުންވަނީ. އަނެއްކާ މާޒިޔާ އަކީ އަހަރެން ގަބޫލުކުރާގޮތުގައި ކުޅުންތެރިންނާ ވަރަށް ރަނގަޅު ރިލޭޝަނެއް އޮންނަ ކްލަބެއް. މެނޭޖްމަންޓު ވަރަށް ބެސްޓު ބައެއް. އަބަދުވެސް މާޒިޔާއަށް ކުޅޭ ހިތްވޭ. އެންމެ ބޮޑަށް ބޭނުންވަނީ އަންނަ އަހަރުގެ ލީގު ނެގުން. އިންޑިވިޖުއަލް އަމިއްލަ އެވޯޑަކަށްވުރެ މާޒިޔާއަށް ލީގު ނެގުން މިހާރު އެންމެ ބޮޑަށް ބޭނުންވަނީ،" އީސަ ބުންޏެވެ.
އޭއެފްސީ ކަޕްގައި ދެވެން އޮތް އެންމެ މައްޗަށް ދިޔުމަކީ ވެސް ދެކޭ ހުވަފެނެއް ކަމަށް އީސަ ބުންޏެވެ.
އޭނާ ބުނީ އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) އާއި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) ކޮށްދިން ކަންތައް އަބަދުވެސް ހަނދާން ހުންނާނެ ކަމަށާއި އެ ދެ މީހުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
މިއަހަރު އީގަލްސް އަށް ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ އީސަ ފުރަތަމަ މާޒިޔާ އަށް ކުޅުނީ 2012 ވަނަ އަހަރު އެވެ. އީސަ ބުނާގޮތުން ފުޓުބޯޅައިގެ ތެރެއަށް އޭނާ ވަނުމަށް މަގުފަހިކޮށްދިނީ ސުޒޭނެވެ. އަދި މިހާރު ފުޓުބޯޅައިގައި އޭނައަށް ލިބިފައިވާ ކުރިއެރުންތަކުގައި ސާންތިގެ ވަރަށް ބޮޑު ހިއްސާއެއް އެބައޮތް ކަމަށް އީސަ ބުންޏެވެ.