ހިސާބުން ބޮޅެއް ޖެހުމުން މިލަންދޫ، "ޕްރިންސިޕަލް ފޯބިއާ" ގައި!

ކެމްބްރިޖް އިމްތިހާންގައި ރަށުގެ ސްކޫލް ރަން ވަނަތަކެއް ހޯދާތީ މިލަންދޫގެ ބެލެނިވެރިން އުފާވެފައި ތިބީ ވަކި ވަރަކަށް ނޫނެވެ. ކޮންމެ މީހަކުވެސް "މަމީ މިލަންދޫ މީހެކޭ" ބުނެލަ އެވެ. މިލަންދޫ ސްކޫލް ވަރަށް "ގަދަ"އޭ ބުނި ކިތައްމެ މީހަކު އެރަށުގައި ތިއްބެވެ. ނަމަވެސް އެއީ މިދިޔަ އަހަރު އެންމެ ފަހުން ހެދި އިމްތިހާނުގެ ނަތީޖާ ލިބުމާ ހަމައަށެވެ.

މިދިޔަ އަހަރުގެ ކެމްބްރިޖް އިމްތިހާން ހެދި މިލަންދޫ ސްކޫލްގެ ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިންނަށް ލިބުނީ ޝޮކެކެވެ. ހުރިހާ ދަރިވަރުންނަށް ހިސާބުން ސުމެއް ލިބުމުންނެވެ. ކެމްބްރިޖް އިމްތިހާނުން ރަށު ސްކޫލް ދެ ވަނަ ހޯދިތާ އަހަރެއް ފަހުން ހުރިހާ ދަރިވަރުންނަށް ހިސާބުން ބޮޑު "ބޮޅެއް" ލިބުމުން ގިނަ ބެލެނިވެރިންނަށް އެކަން ގަބޫލެއް ނުކުރެވުނެވެ. ބެލެނެވެރިންގެ ސިކުނޑި ވެސް އެހިސާބުން ސުމަކަށް ދިޔަ އެވެ.

"ފުރަތަމަވެސް ހިތަށް އެރީ ކެމްބްރިޖް ޔުނިވާސިޓީގެ ކަމާ ބެހޭ ބޭފުޅުންނަށް އޮޅުމެއް އެރީކަމަށް،" ހިސާބު ޕޭޕަރުން ސުމެއް ލިބުނު ވާހަކަ އަޑު އިވުމުން އުފެދުނު ޝުޢޫރުތައް ކިޔާދެމުން އެރަށުގެ ބެލެނިވެރިއަކު ބުންޏެވެ. "މިހާރު ހުރިހާ ކަމެއް އެނގުމުން ލަދުން ގޮސް އަވަދިވެއްޖެ،"

މާގިނަ ދުވަހެއް ނުވެ ހިސާބު ޕޭޕަރުތައް ބޭކާރުވި ސަބަބު ދަރިވަރުންނަށާއި ބެލެނިވެރިން އަދި މުޅި ރާއްޖެއަށް ވެސް ހާމަވެއްޖެ އެވެ. ސުވާލުގެ ހުރިހާ ބައެއް ނުބައިކޮށް ހެދި ކުދިންވެސް ޖަވާބު ލިޔެފައި އޮތީ ވަށައި ޖެހޭ ގޮތަށް ބަރާބަރަށެވެ. ހުރިހާ ކުދިންވެސް ހިސާބުތައް ޖަހާފައި އޮންނަނީ އަކުރުން އަކުރަށެވެ. ނިމެނީ އެއް ޖަވާބަކަށެވެ.

ހިސާބު ޕޭޕަރުތައް "މޮޑެ ކެއުމުގައި" ސްކޫލްގެ އިސް ބޭފުޅުންގެ އަތެއް ވާނެކަމަށް މިލަންދޫގެ ބެލެނިވެރިން ކުރަމުން އައި ޝައްކު ޔަގީނަން ބަދަލުވީ އެހިސާބުންނެވެ.

"އަހަންނަށް އޭރުވެސް އެނގޭ ހޯލުގައި ތިބި މީހުންގެ އިހުމާލެއް ނެތި ހުރިހާ ކުދިންނަށް އެއް ޖަވާބެއް ނުލިޔެވޭނެކަން،" ޕޭޕަރުތަކުގެ މައްސަލައިގާ ރުޅިއައިސްފައި ހުރި އެއް ބެލެނިވެރިއެއް ކަމަށްވާ އަބްދުލް ޣަނީ ބުންޏެވެ.

ހިސާބު ޕޭޕަރުގެ މައްސަލައިގާ ސްކޫލްގެ ކޮންމެވެސް މުވައްޒަފުން ތަކެއް އިހުމާލުވެފައި ވާކަން ގާތްގަނޑަކަށް ޔަގީން ވެފައިވާއިރު ވެސް އެކަން ތަހުގީގު ނުކުރާތީ މިލަންދޫ ސްކޫލުން 2010 ވަނަ އަހަރު ވަކިވި ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިން ރަތަށް އެރީ މިދިއަ މާޗްމަހުގެ 30 ވަނަ ދުވަހު އެވެ. އެދުވަހު "ޝުއޫރު ފާޅުކޮށްލަން" ނުކުތް ބެލެނިވެރިންގެ އަޑު ގަދަވެ، އެންމެ ފަހުން ސްކޫލް ވެސް ބަންދުކުރީ އެވެ.

"އެމީހުންގެ މާބޮޑު ޑިމާންޑްތަކެއް ނެތް. އެމީހުން އެއްވީ ސްކޫލްގެ މެނޭޖްމަންޓާއި މެދު ހިތްހަމަ ނުޖެހޭ ކަމުގެ ޝުއޫރު ފާޅުކޮށްލަން،" މިލަންދޫ ބެލެނިވެރިންގެ އިހުތިޖާޖު ފެށުނު ވަގުތު ދެއްވި އިންޓަވިއުއެއްގައި ށ. އަތޮޅުކައުންސިލްގެ މިލަންދޫ ދާއިރާގެ މެމްބަރު އަޙުމަދު ފިރާޤު ވިދާޅުވެފައިވ އެވެ.

" ޝުއޫރު ފާޅުކުރަން" ފެށިތާ މާގިނައިރެއް ނުވެ ސްކޫލްގެ އިސް ބޭފުޅުން ކޮޅެއް މިލަންދޫ މީހުން ކިޔާ ގޮތުން ނަމަ "ސީނިއާ މެނޭޖް މަންޓް" ގައި ހިމެނޭ ބައެއް ބޭފުޅުން އިސްތިއުފާ ދެއްވި އެވެ. އެ އިސްތިއުފާއަށް ފަހު ދެން އިވުނީ ސަސްޕެންޑް ކުރި ވާހަކަ އެވެ. ސަސްޕެންޑް ކުރި ބޭފުޅުންގެ ތެރޭގައި ހިސާބު ޕޭޕަރު ހެދި އިރު ހޯލްގައި ޗީފް އިންވިޖިލޭޓަރަކަށް ހުންނެވި ޢަލީ ޝިފާޒް ހިމެނިވަޑައިގަތެވެ.

ހަފުތާއެއް ފަހުން ރައީސް ނަޝީދުގެ އެންގެވުމަށް ފުލުހުންގެ ހާއްސަ ޓީމަކުން ހިސާބު ޕޭޕަރުތަކުގެ މައްސަލަ ތަހުގީގު ކުރަން ފެށި އެވެ. ފުލުހުން ދަރިވަރުންނާއި އިންވިޖިލޭޓަރުންނާ ވަކިވަކިން ސުވާލު ކުރުމަށް ފަހު ރަށުން ފޭބި ނަމަވެސް އެހާ އަވަހަށް އެނބުރި މިލަންދުއަށް އައީ އިންވިޖިލޭޓަރަކު ހައްޔަރު ކުރާށެވެ. ފުލުހުން ހައްޔަރު ކުރީ ޗީފް އިންވިޖިލޭޓަރެވެ.


"އެއީ ވެސް ސުވާލު އުފެދޭ ކަމެއް. ތަހުގީގު ނިންމާފައި ކުށްވެރިވާކަމަށް ފެންނަ މީހަކު ހައްޔަރު ނުކޮށް ފުރީ ކާކުގެ އަމުރެއް ނައިސްގެންބާ؟" ޣަނީ ބުންޏެވެ.


"ހިސާބު ޕޭޕަރު ތަކުގެ މައްސަލައިގެ ސަބަބުން ރައްޔިތުން ސްކޫލްގެ ޕްރިންސިޕަލާ މެދު ވަރަށް ހިތްހަމަ ނުޖެހޭ. އޭނާ ސްކޫލްގައި ބަހައްޓަން ބައެއް ބެލެނި ވެރިން ބިރުގަނޭ،" ށ. އަތުޅު ކައުންސިލްގެ މިލަންދޫ ދާއިރާގެ ކައުންސިލަރު އަޙުމަދު ފިރާޤު ވިދާޅުވި އެވެ.

ކެމްބްރިޖް އިމްތިހާނުގައި ކުއްލިއަކަށް ވިދާލައި ހަޑި ގޮތަކަށް ވެއްޓުމުން މިލަންދޫގެ ދަރިވަރުންގެ ބެލިނެވެރިންނާއި، ރައްޔިތުން ވަނީ ބުނާނެ އެއްޗެއް، ނޭނގި ބަސްހުއްޓިފައެވެ.

ގިނަ މީހުން ބުނަނީ "ލަދުން މަރައިފި" ކަމަށެވެ. އެމީހުންގެ ރުޅިވެރި ކަމުގެ އިނގިލި ދިއްކުރަނީ ޕްރިންސިޕަލަށެވެ. ބުނަނީ މިއީ އެމީހުންނަށް ޖެހުނު "ލަދުވެތި ބައްޔެއް" ކަމަށެވެ. އިމްތިހާނު ހަދައިގެން ވަނަ ހޯދި ކުދިންނާއި ސުމެއް ޖެހުނު ކުދިންވެސް ބުނަނީ "އަހަރެމެނަށް ޖެހުނީ ޕްރިންސިޕަލް ފޯބިއާ" ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް