ދިރާގުން ތިމާވެއްޓާ ރައްޓެހިވާން އުޅޭތާ 22 އަހަރު!

އާ ކަންކަން ތައާރަފު ކުރުމުގައި ދިރާގު އަބަދުވެސް އިސް ނަގައެވެ. ފުޅާވަމުން ފެތުރެމުން އަންނަ މުވާސަލާތީ "ދާގަނޑު" ގައި ފާއިތުވި 22 އަހަރު ދުވަހު "ރަސްކަލަކަށް" ވެގެން އޮތް ދިރާގުގެ "ފެހި" ސިޔާސަތަކީ އޭގެ އެއް މިސާލެކެވެ.

ގިނަ ކުންފުނިތަކުން ތިމާވެށީގެ "ރައްޓެއްސަކަށް" ވާން މަސައްކަތް ފެށީ ވިހިވިހީގެ ނިޔަލަށް ރާއްޖެ 100 ޕަސަންޓް ކާބަން ނިއުޓްރަލް ގައުމަކަށް ބަދަލުކުރަން ސަރުކާރުން 2009 ވަނަ އަހަރު ނިންމި ނިންމުމާއެކު ކަމަށްވީ ނަމަވެސް، ދިރާގުން ވަނީ ތިމާވެށީގެ އެކުވެރިޔަކަށްވާން މީގެ 22 އަހަރު ކުރިން މަސައްކަތް ފަށައިފަ އެވެ.

ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަވާނެ ގޮތެއްގައި ހިދުމަތްތައް ރާއްޖޭގެ ރަށްރަށަށް ފުޅާކުރަން ދިރާގުން ފެށި މަސައްކަތުގައި އިއާދަކުރުވަނިވި ހަކަތަ ފުޅާދާއިރާއެއްގައި ރާއްޖޭގައި ބޭނުންކުރަން ފެށި ފުރަތަމަ ކުންފުންޏަނީ ވެސްވ މުއާސަލާތީ ބޮޑު ކުންފުންޏެވެ. ރަށްރަށުގައި ހުންނަ ދިރާގުގެ ސްޓޭޝަންތަކުގައި ސޯލާ ޕެނަލްތައް ބަހަހައްޓައި އަވިން ކަރަންޓު އުފައްދަމުން އަންނަތާ 22 އަހަރުވެފައިވުމުން ދިވެހިރާއްޖޭގެ ގުޅުމާ ތިމާވެއްޓާ ދެމެދު މިހާރު ވަނީ "ލޯތްބެއް" އުފެދިފަ އެވެ.

މިހާތަނަށް ރާއްޖޭގެ 174 ރަށުގައި ސޯލާ ޕެނަލްތައް ގާއިމްކޮށްފައިވެ އެވެ. އެ ޕެނަލްތަކުން އުފައްދާ ހަކަތަ، ހަތަރު ހަފުތާއަށް ގުދަންކޮށް ބޭނުން ކުރެވޭނެ އޮނިގަނޑެއްގެ ތެރެއިން ހަކަތަ ބޭނުން ކުރެ އެވެ. މިއީ ތިމާވެއްޓާ ރައްޓެހިވާ ހިތުން ކޮށްފައިވާ ކަންކަން ކަމަށް ބުނެ ބޮޑު ކުންފުނިން ދެއްކި ވާހަކަ އެކެވެ. ދިރާގުން ބުނާ ގޮތުންނަމަ އަތޮޅުތަކުގައި އެ މީހުން ބޭނުންކުރާ ކަރަންޓުގެ 10 ޕަސަންޓު އުފައްދަނީ އެ ސޯލާ ޕެނަލްތައް މެދުވެރިކޮށެވެ.

"ސަތޭކަ ހަތްދިހަ ހަތަރު ރަށުގައި ދިރާގުގެ ފަރާތުން 21528 އަކަފޫޓުގެ ސޯލާ ޕެނަލް ބޭނުންކުރަން. އެ ބޭނުންކޮށްގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައި ހުރި ދިރާގު ސައިޓްތަކުގައި ހުރި އިކުއިޕްމަންޓްތައް ހިންގާ މުވާސަލާތީ ހިދުމަތް ފޯރުކޮށްދިނުމަށް ޖުމްލަކޮށް އަހަރަކަށް 261000 ކިލޯވޮޓް އަވާގެ ހަކަތަ އެބަ އުފައްދަން. އެއީ އަޅުގަނޑުމެންގެ، ރާއްޖެ ތެރެއަށް ބަލާއިރު ކަރަންޓުގެ 10 ޕަސަންޓް،" ހެޑް އޮފް މާކެޓިން އަހްމަދު މައުމޫން (މާނު) ވިދާޅުވި އެވެ.

އަތްވަކީ ރާއްޖޭގައި ފަސޭހައިން ލިބޭ ހަކަތައެކެވެ؛ އަވިން ކަރަންޓު އުފައްދައިގެން ދިރާގުގެ ކާބަން ފުޓްޕްރިންޓް ނުވަތަ ޖައްވަށް ބޭރުކުރާ ވިހަ ގޭހުގައި ދިރާގުން ހިއްސާވާ މިންވަރު ބޮޑުތަނުން މިހާރު ކުޑަކުރެވިފައިވާ ކަމަށް މާނު ވިދާޅުވި އެވެ. އަދި އެއިން ތިމާވެށީގެ އިތުރުން ދިރާގުން ކަރަންޓަށް ހޭދަކުރާ މިންވަރު ކުޑަވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކި ރަށްރަށުގައި އެކިވަރަށް ކަރަންޓަށް މިނަގަނީ. އެހެންވެ، އެ ހުރިހާ ރަށަކަށް ބަލަންޏާ އަވިން ކަރަންޓު އުފައްދައިގެން އެ [ޚަރަދު] އެބަ ސޭވްކުރެވޭ،" މާނު ވިދާޅުވި އެވެ.

އަވިން އުފައްދައިދޭ ހަކަތަ ހަތަރު ހަފުތާއަށް ގުދަންކޮށް ބޭނުން ކުރެވޭނެފަދަ ނިޒާމް އެއް ދިރާގުން ރާއްޖެއަށް ތައާރަފުކޮށް ބޭނުންކުރާއިރު ދިރާގުން މިހާރު މަސައްކަތްކުރަނީ އެ ޓެކްނޮލޮޖީ އިތުރަށް ފުޅާކޮށް އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރު ކުރާށެވެ. މީގެ ކުރިން އިއާދަކުރަނިވި ހަކަތަ އުފައްދަން ކުރަންޖެހޭ ހޭދަ ބޮޑު ނަމަވެސް، ބާޒާރުގައި މިހާރު އެ ޓެކްނޮލޮޖީގެ އަގުހެޔޮ ވެފައިވާތީ، އެ ހަކަތަ އުފެއްދުމުގައި ދިރާގަށް ވެސް ލުއިވެ ތިމާވެއްޓާ ރުޅި ނުވެ އޮންނަން ވަނީ ފަސޭހަވެފަ އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓު 10 ޕަސަންޓަށްވުރެ އިތުރުކުރަން. އެ މަސައްކަތް މިހާރު ވެސް ކުރިއަށްދަނީ،" މާނު ވިދާޅުވި އެވެ."މީގެ ސަބަބުން ތިމާވެއްޓަށް އޭގެ ހޮޔެ އަސަރުކޮށް، އިކޮނޮމީއަށް ވެސް ފައިދާވާނެ،"

ސޯލާ ޕެނަލްތައް ބެހެއްޓުމުގެ އިތުރަށް ދިރާގުން ވަނީ، ދިރާގުގެ ސާވާތަކުން ބޭނުންކުރާ ކަރަންޓް "ވާޗްއަލައިޒޭޝަން" ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުޑަކުރެވޭނެ ނިޒާމެއް ގާއިމްކޮށްފަ އެވެ. ކުރިއަށް އޮތްތަނުގައި އެފަދަ އިތުރު ފިޔަވަހިތައް ހިންގުން ދިރާގުގެ ގްރީން ޓެކްނޮލޮޖީ ޕްލޭންގައި ވެއެވެ. އެއާއެކު އެކަމަށް ގާބިލް މުވައްޒަފުން ބިނާކުރުމުގެ މަސައްކަތް ވެސް ދިރާގުން ވަނީ ފަށައިގެންފަ އެވެ.

ރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ވާން މިސްރާބު ޖަހާފައިވާއިރު، ދިރާގު ފަދަ ބޮޑެތި ކުންފުނިތަކުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށް ގްރީން ޓެކްނޮލޮޖީއަށް ހިޖުރަކުރުން ވަރަށް މުހިންމެވެ. ތިމާވެއްޓާ ރައްޓެހިވާން 22 އަހަރު ކުރިން، ދިރާގުން އަހާނީ ވެސް އެހެން ވެގެނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް