ނިއުގެ ޗެއާމަންކަން ބަލަކު ދޫކޮށްލަނީ

ނިއުރޭޑިއަންޓުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) އެ ކްލަބްގެ ކުޅުންތެރިއަކާ ވާހަކަ ދައްކަވަނީ --- ސަން ފައިލް ފޮޓޯ/

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޗެއާމަން ކަމުން ޢަލީ ވަހީދު (ބަލަކު) އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

ބަލަކު މިއަދު ވަނީ ޓުވިޓާގައި އެކަން ކަށަވަރުކޮށް ދެއްވައިފަ އެވެ.

ނިއުގެ ޗެއާމަން ކަމަށް ވެވަދައިގެންނެވުމުގެ ކުރިން ނިއުގެ މެނޭޖަރުކަން ވެސް ކުރައްވާފައިވާ ބަލަކު އެޓީމުގެ ޗެއާމަން ކަމާ ހަވާލުވެވަޑައިގެންނެވީ 2011 ވަނަ އަހަރު އެވެ.

ނިއުގެ ޗެއާމަން ކަމާ ހަވަލުވެ ދިވެހި ލީގާއި ޕްރެޒިޑެންޓް ކަޕް މިލުކުކޮށް ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބަށް ނިއު ހެއްދުވުމުގެ އެންމެ އިސް މޭސްތިރިއަކީ ވެސް ބަލަކެވެ.

ނިއުގެ ޗެއާމަންކަމުން ބަލަކު އިސްތިއުފަ ދެއްވަން ނިންމެވުމުން ރާއްޖޭގެ އެއް ވަނަ ކޯޗް ޢަލީ ސުޒޭން ބުނެފައި ވަނީ ނިއުރޭޑިއންޓްގެ ޗެއާމަނެއްގެ ހައިސިއްޔަތުން ބަލަކު ކުރެއްވި މަސައްކަތަކީ ދިވެހި ފުޓްބޯޅައިގެ ތާރީޚީ މަސައްކަތެއް ކަމަށާއި އެއީ ކުރިއަށް އޮތް ތަނުގައި ވެސް ނިއުރޭޑިއަންޓް ލީޑާޝިޕަށް އަންނަ ބަޔަކަށް ރަނގަޅު ނަމޫނާއެއް ކަމަށެވެ.

"ސިޔާސީ ސަބަބުތަކާ ހެދި" ރާއްޖެ ދޫކޮށް މިވަގުތު އިނިގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ އަލީ ވަހިދު ނިއުގެ މެނޭޖަރުކަން ދޫކޮށްލައްވަން ނިންމެވި ވަކި ސަބަބެއް ވިދާޅުވެފައެއް ނުވެ އެވެ.

ކުރިން ޢަލީ ވަހީދު ވިދާލުވެފައި ވަނީ ނިއުގެ ޗެއާމަން ކަމަކީ މުޅި ރާއްޖޭގައި ވެސް ޝަރަފުވެރި މަގާމެއް ކަމަށާއި ނިއުގެ ޗެއާމަން ކަމަށް ވުރެ ވަކިން ޝަރަފްވެރިކަން ލިބޭނޭ އޮތީ އެންމެ މަގާމެއް ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ކަމަށެވެ.

comment ކޮމެންޓް