ތިރީސް އަހަރު ރާއްޖެއަށް ގެނައި ތަރައްޤީގެ ރަން މެޑަލް ޖަހާކަށް ބޭނުމެއް ނުވޭ: ރައީސް މައުމޫން

14:30


ތިރީސް އަހަރުގައި ރާއްޖެއަށް ގެނައި ތަރައްޤީގެ ރަން މެޑަލް ޖައްސަވަން ބޭނުންނުވާ ކަމަށާއި އެ ތަރައްޤީގެ އަސްލަކީ ދައުލަތައް ހިދުމަތް ކުރެއްވި ބޭފުޅުން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޑީއާރުޕީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.


ޑީއާރުޕީން އިންތިޒާމް ކޮށްގެން ރޭ އާޓްފިޝަލް ބީޗްގައި "ރަން 30" އަހަރުގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޑީއާރުޕީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވީ 30 އަހަރުގެ ތެރޭގައި ރާއްޖެއަށްއައި ތަރައްގީއާއި ތަހުޒީބުގެ ހައްގުވެރިންނަކީ އެ މަނިކުފާނު ނޫން ކަމަށާއި އެ ތަރައްގީގެ ހައްގުވެރިންނަކީ ދިވެހި ދައުލަތަށް ހިދުމަތް ކުރެއްވި އެންމެހައި ބޭފުޅުން ކަމަށެވެ.


ރައީސް މައުމޫން ވިދާޅުވީ އެ މަނިކުފާނު ޑީއާރުޕީގެ ސިޔާސީ ޒައާމަތުން ވަކިވެގެން ދިޔުމުން ތަފާތު އެކި އަޑުތައް ފެތުރެމުންދާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ދައްކާ އެފަދަ ވާހަކަތަކަށް އިޖާބަ ނުދިނުމަށާއި އެ މަނިކުފާނު ރާއްޖެދޫކުރައްވައި އެހެން ގައުމަކަށް ދިރިއުޅުން ބަދަލުނުކުރައްވާނެ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި އެ މަނިކުފާނު އަބަދުވެސް ހުންނަވާނީ ދިވެހިރައްޔިތުންނާއި އެކީގައި ދިވެހިރާއްޖޭގައި ކަމަށް ރައީސް މައުމޫން ދިވެހި ރައްޔިތުނަނަށް ވައުދުވެވަޑައިގަތެވެ.


ރައީސް މައުމޫން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކަމިޔާބު ކުރުމަށްޓަކައި ޑީއާރުޕީންއަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް އެމަނިކުފާނު ކުރައްވާނެ ކަމަށެވެ. އަދި އަބަދުވެސް އެ ޕާޓީގެ މެންބަރުން ބުނާ ބީދައިން "މައުމޫނަކީ ޑީއާރުޕީ" ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.


ރޭގެ އެ ޖަލްސާގައި ކުރީގެ ރައްޔިތުން މަޖިލީހުގެ ރައީސް އަހުމަދު ޒާހިރު ލިޔުއްވާފައިވާ "30 އަހަރު" އެ ފޮތް ރައީސް މައުމޫން ވަނީ ނެރެދެއްވާފައެވެ. އަދި އެ ފޮތާއި ބެހޭގޮތުން އަހުމަދު ޒާހިރު ވިދާޅުވީ އެ ފޮތް ލިޔުއްވާފައި ވަނީ ވަކި ފަރާތަކަށް ބުރަވުމެއް ނެތި، ރައީސް މައުމޫންގެ 30 އަހަރުގެ ޒައާމަތުގައި ކުރައްވާފައިވާ ހިދުމަތްތަކާއި އަޅުއްވާފައިވާ ފިޔަވަޅުތަކެއްގެ މައްޗަށް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު