ގެރެތު ބޭލް އާއި ކްރިސްތިއާނޯ ރޮނާލްޑޯ ކާމިޔާބު ކުރި ލަނޑު ތަކުން މޮޅުވެ 2-0 ގެ ނަތީޖައަކުން އެއިބާގެ މައްޗަށް ރެއާލް މެޑްރިޑުން ކާމިޔާބު ހޯދައިފި އެވެ.
އެއިބާގެ ދަނޑު އިޕްރުއާ މުނިސިޕަލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ރެއާލްގެ ފުރަތަމަ ލަނޑު ބޭލް ކާމިޔާބު ކުރީ ލުކަ މޮޑްރިޗް އެއިބާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނެގި ހުރަސް އެއިބާގެ ގޯލަށް ފުރަގަސް ދީގެން ހުރެ ބޭލްގެ ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.
ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ރޮނާލްޑޯ އެއިބާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލަން މަސައްކަތް ކުރި ބޯޅަ އެއިބާގެ ކީޕަރު އެއިސާ ރިއެސްގޯ ދިފާއު ކުރުމުން ރީބައުންސަށް ނިކުތުމުން ރެއާލްގެ މިޑްފީލްޑާ މާޓެއޯ ކޮވަޗިޗަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅާ ދިޔައީ ބޭރަށެވެ.
މެޗުގައި ބޭލަށް ވަނީ ލަނޑު ޖާހާނެ އިތުރު ފުރުސަތެއް ލިބިގެންގޮސްފަ އެވެ.
ނަމަވެސް އޭނާ ފޮނުވަލިބޯޅަ އެއިބާގެ ކީޕަރު ރިއެސްގޯވަނީ ސޭވްކޮށްފައެވެ.
މެޗްގައި އެއީބައިން ވަނި ރެއާލްގެ ހަމަލާތައް ހުއްޓުވުމަށް ބުރަ މަސައްކަތެއް ކޮށްފައެވެ.
ނަމަވެސް ރެއާލްގެ ނަތީޖާ ފުޅާ ކުރީ މެޗްގެ 82 ވަނަ މިނެޓްގައި ރެއާލްގެ ޑެނީ ކަރަވާހާލްއަށް އެއިބާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެޓީމް ލޫކަސް ވަޒްކޭޒް ކުރި ފައުލާ ގުޅިގެން ލިބުނު ޕެނަލްޓީ ރޮނާލްޑޯ ކާމިޔާބު ކޮށްގެންނެވެ.
ސްޕެނިޝް ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗްގައި ސެވިއްޔާއާއި ބާސެލޯނާ އަތުން ބަލިވުމަށްފަހު ލީގްގައި ލިބުނު މިމޮޅާ ގުޅިގެން ރެއާލްގެ ކޯޗް ރަފާ ބެނިޓޭޒްއަށް ހިތް ހަމަޖެހުން ލިބިގެންދާނެއެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކީޕަރު ކޭލޯ ނާވަސް ބުނީ އެ ޓީމަށް މިނަތީޖާ ލިބުނީ އުނދަގޫ ހާލަތެއްގެ ތެރެއިން ކަމަށާއި ތައްޓަށް ވާދަ ކުރުމަށް ރެއާލުން އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ތާވަލްގެ ތިން ވަނާގައި އޮތް ރެއާލަށް މި މެޗުން މޮޅުވުމުން ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް މިހާތަނަށް ވަނީ 27 ޕޮއިންޓް ލިބިފަ އެވެ.
ދެ ވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑް އޮތީ ރެއާލްއަށް ވުރެ ދެ ޕޮއިންޓް ކުރީގައެވެ. އެއް ވަނާގައި އޮތް ބާސެލޯނާ އޮތީ ރެއާލަށް ވުރެ ހަ ޕޮއިންޓް ކުރީގަ އެވެ.