'ގަޑި ހެދި އަހުމަދު' ބަދަލުގެ ގޮތުގައި 15 މިލިއަން ޑޮލަރު ހޯދަން ހުށަހަޅައިފި

އަހުމަދު މުހައްމަދަށް ވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާ ބައްދަލު ކުރުމުގެ ފުރުސަތު ލިބިފައި -- ފޮޓޯ: ޑެއިލީމެއިލް

އާވިން (ނޮވެމްބަރ 24) : އެމެރިކާގެ ޓެކްސަސްގެ ސްކޫލަކަށް ގަޑި އެއް ހަދައިގެން ދިޔުމުން އެއީ ބޮމެއް ކަމަށް ހީކޮށް ފުލުހުން ހައްޔަރު ކުރި އަހުމަދު މުހައްމަދަށް އެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަން ޑޮލަރާއި، ޓެކްސަސްގެ މޭޔާ އާއި ޕޮލިސް ޗީފްގެ ފަރާތުން ލިޔެފައިވާ މާފް ދިނުމަށް އަހުމަދުގެ އާއިލާ އިން ބުނެފި އެވެ.

އަހުމަދު މުހައްމަދުގެ އެޓާނީ ބުނި ގޮތުގައި އަހުމާދާ މެދު އަމަލުކޮށްފައި އޭނާގެ ހައްގުތަކަށް ނުބަލައި ކަމަށެވެ. އަދި ހާދިސާ އަށް ފަހު އޭނާ އަށް އިންޓަނެޓުން ލިބުނު އިންޒާރުތަކުގެ ސަބަބުން އޭނާ އަށް ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ ކަމަށެވެ. އެހެންކަމުން އޭނާ ބޭނުން ވަނީ ހާދިސާ ހިނގި އާވިން ސިޓީގެ ފަރާތުން 10 މިލިއަން ޑޮލަރުގެ ބަދަލާއި އޭނާ ކިޔަވަމުން ދިޔަ އާވިން އިންޑިޕެންޑެންޓް ސްކޫލް ޑިސްޓްރިކްޓުގެ ފަރާތުން ފަސް މިލިއަން ޑޮލަރުގެ ބަދަލު ކަމަށެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު އަހުމަދު ގޭގައި ގަޑިއެއް ހަދައިގެން ސްކޫލަށް ގެންދިޔުމުން އޭނާގެ ޓީޗަރު އެއީ ބޮމެއް ކަމަށް ހީކޮށް ފުލުހުންނަށް އަހުމަދު ރިޕޯޓުކޮށް ސްކޫލުން ސަސްޕެންޑު ކުރި އެވެ. އަދި ފުލުހުން ވަނީ އޭނާގެ އަތުގައި ބިޑި އަޅުވައިގެން ފުލުސް އޮފީހަށް ގެންގޮސްފަ އެވެ.

އޭގެ ފަހުން ގަތަރުގެ ފައުންޑޭޝަނަކުން ވަނީ ގަތަރުގައި ކިޔެވުމަށް އަހުމަދަށް ފުލް ސްކޮލާޝިޕެއް ދީފައި އެވެ. އެހެންކަމުން އަހުމަދުގެ އާއިލާ އިން ވަނީ އަހުމަދުގެ ކިޔެވުން ކުރިއަށް ގެންދިޔުމަށް ޓަކައި ގަތަރަށް ބަދަލުވެފަ އެވެ.

އަހުމަދު ހައްޔަރު ކުރުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ އެކަންތައް ކުށްވެރި ކޮށްފަ އެވެ. އެގޮތުން އެދުވަސްވަރު ޓުވިޓާގައި ވަނީ 'އައިސްޓޭންޑް ވިތް އަހުމަދު' ކިޔާ ހޭޝްޓެގެއް އާންމުވެފަ އެވެ.

މީގެ އިތުރުން އޭނާ އަށް ވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި އަރަބި ބައެއް ގައުމުތަކުގެ އިސްވެރިންނާއި ބައްދަލުކުރުމުގެ ފުރުސަތު ވެސް ލިބިފަ އެވެ.

މައުލޫމާތު: ބީބީސީ

ގުޅޭ ޓެގު
comment ކޮމެންޓް