އައްޑޫ ސިޓީގެ ކަރަންޓް މައްސަލަ:
އަނދިރީގައި 24 ގަޑިއރުވާން ދަނިކޮށް ސިޓީގެ ގުޅިފައިވާ ރަށްތަކަށް އަލިކަން

އައްޑޫ ސިޓީގެ ގުޅިފައިވާ ފަސް ރަށަށް ކަރަންޓް ދެމުން އަންނަ މަރުކަޒީ އިންޖީނުގޭގެ ހައިވޯލްޓޭޖް ކޭބަލްތައް އަނދައި އެ ފަސް ރަށުން ކަރަންޓް ކެނޑުނުތާ 24 ގަޑިއިރު ހަމަވާން ދަނިކޮށް މިއަދު އިރު އޮއްސުނުއިރު އަލުން ކަރަންޓް ދީފި އެވެ.
~
އައްޑޫ ސިޓީގެ މޭޔަރު ޢަބުދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ ގުޅިފައިވާ ފަސް ރަށަށް ކަރަންޓް ލިބުނީ މިއަދު ހަވީރު 6:00 ޖެހިއިރު ކަމަށާއި ރޭ އިރާކޮޅުން ފެށިގެން "ކަރަންޓަށް ޖެހިފައި" އޮތް ރަށްތައް މިހާރު އާދައިގެ ހާލަތަކަށް އައިސްފައިވާ ކަމަށެވެ.

"ގާތް ގަނޑަކަށް 24 ގަޑިއިރު ހަމަވާން އުޅެނިކޮށް ކަރަންޓް މި ލިބުނީ. އެ 24 ގަޑިއިރުގެ ތެރޭގައި ރައްޔިތުންނަށް ވަނީ މިލިޔަނުން އަގު ކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ލިބިފައި،" ކަރަންޓް ދިއުމުގެ ކުރިން ރައްޔިތުންނަށް އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާތީ ހިތްހަމަ ނުޖެހިފައި ހުންނެވި ސޯބެ ވިދާޅުވި އެވެ.

ގުޅިފައިވާ ފަސް ރަށުން ކަރަންޓް ދިއުމުގެ ސަބަބުން ލިބުނު ގެއްލުން ތަކުގެ ބަދަލު ރައްޔިތުންނަށް ދޭން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ގެއްލުމުގެ ބަދަލު ހޯދަން ރައްޔިތުން ދައުވާ ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

ސިޓީގެ ގުޅިފައިވާ ފަސް ރަށަށް ކަރަންޓް ދެމުން އަންނަ ސަދަން ޔުޓިލިޓީސް ކުންފުނީގެ ޗެއާމަން އަހުމަދު ޒަރީރު ވިދާޅުވި ގޮތުގައި އަނދާފައިވާ ކޭބަލްތައް ބަދަލު ކުރުމުގެ މަސައްކަތް މުޅިން ނިންމާލީ މިއަދު މެންދުރު ފަހު އެވެ. އަދި ވިދާޅުވީ މިއަދު އިރު އޮއްސެނިކޮށް ފަސް ރަށަށް ކަރަންޓް ފުރިހަމައަށް ކަރަންޓުދީ އާދައިގެ ހާލަތަކަށް ގެނެވިފައިވާ ކަމަށެވެ.

" މި މަސައްކަތް ކޮށްފައި މިވަނީ ހަމަ ދާއިމީ ހައްލެއް ލިބޭ ގޮތަށް،" ޒަރީރު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު