މ. މުލަކުގެ 30 ގެއަކުން، ކަރަންޓް ބިލަށް ދައްކަންޖެހޭ ލައްކައަކަށް ވުރެ ގިނަ ރުފިޔާ ނުދައްކައިގެން އެގޭގެ އިން ކަރަންޓް ކަނޑައިލަން ރަށު ކައުންސިލުން ނިންމާފައި ވަނިކޮށް އެއްވެސް ގެއަކުން ކަރަންޓް ކަނޑާނުލުމަށް މުލަކު ކޯޓުން އަމުރު ނެރެފި އެވެ.
މުލަކުގެ ރަށު ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނެފައި ވަނީ އެ ރަށުގެ މީހަކު އެ ކޯޓަށް ހުށަހެޅި މައްސަލަ ވަކިގޮތަކަށް ނިމެންދެން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހިދުމަތްތަކުގެ ތެރެއިން ކަރަންޓްގެ ހިދުމަތް މުލަކުގެ އެއްވެސް ގެއަކުން ކަނޑައިގެން ނުވާނެ ކަމަށެވެ. ރަށުގެ ގެއަކުން ކަރަންޓް ފީ ނުދެއްކި ކަމުގައި ވިޔަސް، އެނޫ ކަމެއްގައި ނަމަވެސް ގޭގެއިން ކަރަންޓް ނުކެނޑުމަށް ކޯޓުން ވަނީ ރަށު ކައުންސިލްގެ އިދާރާގެ މައްޗަށް އަމުރު ކޮށްފަ އެވެ.
"މި މައްސަލާ ނިންމައި، ވަކި ގޮތަކަށް އެންގުމުގެ ކުރިން މ. މުލަކުގެ އެއްވެސް ގެއަކުން ކަރަންޓް ފީ ނުދައްކައިގެން، ނުވަތަ އެހެން ވެސް ގޮތަކުން ކަރަންޓްގެ ހިދުމަތް ކަނޑައިނުލުމަށް މުލަކުގެ ކައުންސިލްގެ އިދާރާގެ މައްޗަށް އަމުރު ކުރަމެވެ،" މ. ވޭވަށު ކޯޓްގެ ގާޒީ މުހައްމަދު އިބްރާހިމް ކުރި ހުކުމްގައި ބުނެފައިވެ އެވެ.
މުލަކު ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ހަސަން މިއަދު ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން މިއަދާ ހަމައަށް ކަރަންޓް ބިލްތަކަށް ފައިސާ ނުދައްކާ، އެ ރަށުގެ 30 ގެއަކުން ޖުމުލަ 100،000ރ. އަށް ވުރެ ގިނައިން އިންޖީނު ގެއަށް ފައިސާ ދައްކަން ޖެހޭ ކަމަށެވެ. އެ ގޭގެއިން ކަރަންޓް ބިލަށް ފައިސާ ނުދައްކާ ހުރި ކަން އެގުނީ އެންޓިކޮރަޕްޝަން ކޮމިނިޝަނުން (އޭސީސީ) އިންޖީނުގެ ބަލާ ޗެކްކުރުމުން ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.
"(ބައެއް ގޭގެއިން) މިދިޔަ އަހަރުގެ ނުވަމަހަށް ވެސް ފައިސާ ނުދައްކާ ހުރި އިރު، ބައެއް ގެތަކުން މިއަހަރުގެ ޖެނުއަރީ ފެބްރުއަރީ މަހަށް ވެސް ފައިސާ ނުދައްކާ އެބަހުރި. ޖެނުއަރީ މަހަށް ވެސް އެބައުޅޭ 40،000ރ. އަރާފައި. ފެބްރުއަރީ މަހަށް އެބައުޅޭ 60،000 ރުފިޔާ. ހަމައެކާއެކު މިދިޔަ އަހަރަށް ވެސް އެބައުޅޭ ފައިސާ ނުދައްކާ. ޖުމްލަ 100،000 އަށް ވުރެ ގިނަ ފުރިޔާ އިންޖީނުގެއަށް ލިބެން އެބަހުރި،" އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފައިސާ ނުދައްކާ ހުރި ގެތަކުން ދިހަ ދުވަހުގެ ތެރޭ ކަރަންޓް ކަނޑާލާނެ ކަމުގެ ނޯޓިސް މިދިޔަ މާޗް 28 ފޮނުވާފައިވާނެ ކަމަށެވެ. ކަރަންޓް ކަނޑައިލަން ނިންމާފައިވަނީ މާދަމާ ކަމަށާއި ނަމެވެސް ކޯޓް އަމުރާ ގުޅިގެން އެކަން އެގޮތަށް ކުރެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.