12:47 ހަތަރު ގަޑިއިރަށް ފަހު އައްޑޫގެ ބޮޑު ބަޔަކަށް ދާދި ދެންމެއަކު ކަރަންޓް ދީފި އެވެ. ޔުޓިލީޓީސް ކުންފުނިން ބުނީ މިހާރު 80 ވަރަކަށް ޕަސެންޓަށް ކަރަންޓް ދޫކޮށްފައިވާނެ ކަމަށާއި އިރު އަރާއިރު މައްސަލަ ހައްލުކޮށް ހުރިހާ ދިމާއަކަށް ކަރަންޓްދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ފަށާފައިވާ ކަމަށެވެ.
އައްޑު އަތޮޅު ގުޅިފައިވާ ހުރިހާ ރަށަކުން ކަރަންޓް ކަނޑައިގެން ގޮސް އާންމުންނަށް ދަތިތަކާ ކުރިމަތިވެއްޖެ އެވެ.
އައްޑު އަތޮޅު ހިތަދޫން ސަން އަށް މައުލޫމާތު ދިން ގިނަ ފަރާތްތަކަކުން ބުނަނީ މިރޭ 7:00 ޖެހީއްސުރެ އިރުއިރުކޮޅާ އެކި ހިސާބުތަކުން ކަރަންޓު ކެނޑެމުން ގޮސް މީގެ ގަޑިއެއްހާއިރު ކުރިން ފެށިގެން ގަމުން ފެށިގެން ހިތަދޫއާ ހަމައަށް އެއްކޮށް ކަރަންޓް ކަނޑައިގެން ގޮސްފައިވާ ކަމަށެވެ.
ބައެއް ފަރާތްތަކުން ބުނީ ކަރަންޓް ކަނޑައިގެން ގޮސް މުޅި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައްތައް އަނދިރި ކަމުގެ ތެރެއަށް ދިޔައީ ކަރަންޓްދޭ ހައިވޯލްޓޭޖެ ކޭބަލެއް އަނދުމުގެ ސަބަބުން ކަމަށާއި ކުރިޔަށް އޮތް 12 ގަޑިއިރުގެ ތެރޭގައި ވެސް ކަރަންޓް ނުދެވޭނެ ކަމަށް ޔުޓިލިޓީ ކުންފުނިން އަންގާފައިވާ ކަމަށެވެ.
ބައެއް ފަރާތްތަކުން ބުނީ ކަރަންޓް ކަނޑައިގެން ގޮސް އެއްކޮށް އަނދިރިވުމުގެ ސަބަބުން މަގުމައްޗަށް ފޭރޭ މީހުން ނުކުމެ މީހުންނަށް ބިރުދައްކައި ބައެއް ގޭގެ އިން މިރޭ ފޭރިފައިވާ ކަމަށާއި ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމުގައި އާންމުން ދިރިއުޅުމަށް ބޮޑެތި ހުރަސްތައް ދިމާވެފައިވާ ކަމަށެވެ.
"ކަރަންޓް މިވަގުތު އޮތީ ދިރާގުގަ އާއި ހޮސްޕިޓަލުގައި އެކަނި. ދެން ގުޅިފައިވާ ހަތަރު ރަށުގެ އެއްވެސް ތަނެއްގައި ކަރަންޓެއް ނެތް، ލިބޭނެ ކަމުގެ އުންމީދެއް ވެސް ޔުޓިލިޓީސް އަކުން ނުދޭ،" އެކަކު ބުންޏެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ގޮސްފައިވާތީ މަރަދޫގައި ޔުޓިލިޓީ ކުންފުންޏާ ދެކޮޅަށް މިވަގުތު މުޒާހަރާއެއް ވެސް ހިނގަމުން އެބަދާ ކަމަށްވެއެވެ. އަދި މިރޭ ކަރަންޓް ދިއުމާ ގުޅިގެން ފިހާރަތަކުން އުއްބައްތި އަގުބޮޑުކޮށްފައިވާތީ ވެސް ވަރަށް ގިނަ އާންމުން ވަނީ ނުރުހިފައެވެ.
"ކުރިން ދެރުފިޔާއަށް ވިއްކި ކުދިކުދި އުއްބައްތި މިރޭ ވިއްކަނީ 12ރ. އަށް. އެކަމާ ވަރަށް ގިނަ ބަޔަކު ވަނީ ނުރުހުން ވެފައި،" އެކަކު ބުންޏެވެ.
ޔުޓިލިޓީ ކުންފުނީގެ ޗެއާމަން އަހުމަދު ޒަރީރު ވިދާޅުވީ ކަރަންޓް ދިޔައީ އޯވާ ހީޓްވެ، ޓްރާންފޯމަރުތަކާއި ހައިވޯލްޓޭޖް ކޭބަލްތަކުގައި އަލިފާން ރޯވުމުގެ ސަބަބުން ކަމަށާއި ކަރަންޓް މައްސަލަ ހައްލު ކުރުމަށްޓަކައި އިންޖިނޭރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ނަސީބަކުން އަލިފާނުގެ ބޮޑު ހާދިސާއެއް މެދުވެރި ނުވެ ސަލާމަތް ވެއްޖެ. މިއީ ހަމަ ދިމާވެދާނެ ކަމެއް. މިހާރު ބިމުގެ ފަސް ފޫޓު އަޑި ކޮނެ މައްސަލަ ހައްލު ކުރަން ކުރަންޖެހޭ މަސައްކަތް އެބަދޭ،" ޒަރީރު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ކުރިޔަށް އޮތް 45 މިނެޓްގެ ތެރޭ ބައެއް ސަރަހައްދުތަކަށް ކަރަންޓް ދެވިދާނެ ކަމަށް ބެލެވޭ ކަމަށާއި އިރު އެރުމުގެ ކުރިން އެއްކޮށް ކަރަންޓް ދެވޭވަރުވާނެ ކަމަށެވެ.