މެމްބަރު އާދިލް 15 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފި

ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ހަސަން އާދިލް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިރޭ އަމުރުކޮށްފި އެވެ.

އާދިލް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކުރިކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އާދިލް ބަންދުގައި ބަހައްޓާނީ ފުލުހުންގެ ބެލުމުގެ ދަށުގައި ފުލުހުންގެ މަރުކަޒެއްގައި ކަމަށެވެ. ނަމަވެސް އެއީ ކޮން މަރުކަޒެއް ކަމެއް ފުލުހުން ނުބުނެ އެވެ.

އާދިލް 24 ގަޑިއިރުގެ ތެރޭގައި ހައްޔަރު ކުރުމުގެ ކޯޓު އަމުރެއް ފުލުހުން މިއަދު ހެނދުނު ނެރުނު ނަމަވެސް އޭނާ ކޯޓަށް ހާޒިރުކޮށްފައި ވަނީ މިރޭ ނުވައެއް ޖަހާކަންހާއިރެވެ. އަދި އަޑުއެހުމަކަށްފަހު އާދިލް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމާފައި ވަނީ މިރޭ 11:30 އެހާކަންހާއިރެވެ.

މިއީ ބަދުއަހުލަގީ މައްސަލައެއް ކަމުން އެ މައްސަލަ އަޑުއެހުމަށް ނޫސްވެރިން ވައްދާފައެއް ނުވެ އެވެ.

ގާތްގަނޑަކަށް 10 ވަރަކަށް ފުލުހުންގެ ބެލުމުގެ ދަށުން އާދިލް ޖަސްޓިސް އިމާރަތުން ބޭރަށް ނެރުނު އިރު ބޭރުގައި ގިނަ އަދަދެއްގެ މީޑިޔާތަކުން ގޮސް ހުއްޓެވެ. އެކަމަކު ފުލުހުން އާދިލް ވަށައިލައި، ސެކިއުރިޓީ ވަރުގަދަކޮށްފައިވާތީ އޭނާގެ ސާފު ފޮޓޯއެއް ވަނީ ނެގޭ ގޮތް ނުވެފަ އެވެ.

ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި އުމުރުން 32 އަހަރުގެ އާދިލް ގަދަކަމުން ބެހުނު ކަމަށް ތުހުމަތު ކުރެވެނީ އުމުރުން އެންމެ 13 އަހަރުގެ ކުޑަކުއްޖަކާއެވެ. އެކަމަކު އާދިލް ފޯނު ނުނަންގަވާތީ މިކަމުގައި އާދިލް ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ގައުމީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގެންފައިވާ ހަސަން އާދިލް ވެރިކަން ކުރާ އެމްޑީޕީއަށް ބަދަލުވެފައި ވަނީ ސެޕްޓެމްބަރު 23، 2010 ގަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެމްޑީޕީއަށް ބަދަލުވެފައި ވަނީ ރައްޔިތުންގެ އެދުމުގެ މަތިން އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ކަމަށެވެ.

----------------

ހައްވާ ލުބްނާ އަދި ހަސަން މުހައްމަދު

11:50 -- ފުލުހުން ބުނީ، އާދިލް ބަންދުކުރާނީ ފުލުހުންގެ މަރުކަޒެއްގައި ކަމަށެވެ. ނަމަވެސް، އެއީ ކޮންތަނެއް ކަމެއް ވިދާޅެއް ނުވެ އެވެ.

11:30-- ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 15 ދުވަހަށް އާދިލް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.

22:55-- ކުޑަ ކުއްޖަކާ ބަދުއަހުލާގީ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހަސަން އާދިލުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޖިނާއީ ކޯޓަށް ހާޒިރުކޮށްފި އެވެ.

18:08-- ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އާދިލް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުންގެ އޮފިޝަލު ނުދެއްވަ އެވެ.

---------------------

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ނިސްބަތްވެވަޑައިގަންނަވާ މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލް ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރެއް ނެރެފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި، އާދިލް ހައްޔަރު ކުރުމަށް ކޯޓް އަމުރެއް ނެރުނީ، ކުޑަ ކުއްޖަކާ އެކު ބަދުއަހުލާގީ އަމަލެއެއް ހިންގެވި ކަމުގެ ތުހުމަތުގަ އެވެ. އަދި އެ އަމުރުގައި ވަނީ 24 ގަޑިއިރުތެރޭ އާދިލް ހައްޔަރުކުރުމަށް ކަމަށް ވެސް ސަން އަށް ވަނީ އެނގިފަ އެވެ. ނަމަވެސް، އަދި މިހާތަނަށް އާދިލް ހައްޔަރުކުރިކަމެއް ނުވަތަ ނޫން ކަމެއް ކަށަވަރެއް ނުވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، "އެފަދަ މައްސަލައެއް އެބައުޅޭ" ކަމަށާއި އެ މައްސަލަ ބެލުމަށް ފަހު އިތުރު މައުލޫމާތު ދެއްވާނެ ކަމަށެވެ.

ވަރަށް އިތުބާރު ހުރި ފަރާތަކުން ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މައްސަލަ ކަމާ ބެހޭ ފަރާރްތަކަށް ހުށަހަޅާފައި ވަނީ އާދިލްގެ ކުރީގެ އަންހެނުންނެވެ.

މަޖިލިސް މެމްބަރެއް ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގެވި ކަމަށް ބުނާ މައްސަލައެއްގެ ވާހަކަ މީޑިއާ އާއި އާއްމުންގެ ތެރޭ ފެތުރިފައިވީ ނަމަވެސް، އެއީ ކޮން ބޭފުޅެއް ކަމެއް އެއްވެސް ފަރާތަކުން ނުބުނެ އެވެ. ނަމަވެސް، އާދިލް ހައްޔަރުކުރުމަށް މިއަދު ކްރިމިނަލް ކޯޓުން އަމުރު ނެރުމާ ގުޅިގެން ހުރިހާ މީޑިއާތަކުން ވެސް ބުނެފައި ވަނީ، އާދިލަކީ ކުޑަކުއްޖަކާ ބެހުނު ކަމަށް ތުހުމަތުކުރެވޭ މަޖިލިސް މެމްބަރު ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އުމުރުން 32 އަހަރުގެ އާދިލުގެ މައްޗަށް ތުހުމަތުކުރެވެނީ 13 އަހަރުގެ ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގެވި ކަމަށެވެ. އެކަމާ ގުޅޭ ގޮތުން އާދިލުގެ ބަހެއް ހޯދުމަށް އެކިފަހަރުމަތިން ސަން ގުޅުމުން، އޭނާ ފޯނު ބިޒީކޮށްލައްވަނީ އެވެ. އެހެންކަމުން އާދިލުގެ ބަހެއް ނުލިބުނެވެ. ނަމަވެސް، އާދިލާ ގާތް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، އެއީ ސިޔާސީ ފައިދާތަކެއް ހޯދުމަށް ބަޔަކު ދައްކާ ވާހަކަ އެކެވެ.

ގައުމީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގެންނެވި އާދިލު އެމްޑީޕީ އަށް ސޮއިކުރައްވާފައި ވަނީ ސެޕްޓެމްބަރު 23، 2010 ގަ އެވެ. އެމްޑީޕީ އަށް ބަދަލުވީ ރައްޔިތުންގެ އެދުމުގެ މަތިން އެއްވެސް ނުފޫޒެއް ނެތި ކަމަށް އޭރު އާދިލް ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިމްތިޔާޒުގެ ޤާނޫނުގައިވާ ގޮތުން މަޖިލިސް މެމްބަރަކު ހައްޔަރުކުރެވޭނީ މަޖިލީހުގެ ރައީސަށް އެންގެވުމަށް ފަހު އެވެ. ނަމަވެސް، މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފޯނަށް ޖަވާބުނުދެއްވާތީ އެކަމާ ބެހޭ އިތުރު މައުލޫމާތެއް ނުލިބުނެވެ.
----

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލް ހައްޔަރު ކުރުމަށް ކޯޓު އަމުރު މިއަދު ނެރެފި އެވެ.

އާދިލް ހައްޔަރު ކުރުމަށް ކޯޓް އަމުރެއް ނެރުނީ، ސަން އަށް އެނގިފައިވާ ގޮތުގައި، ކުޑަ ކުއްޖަކާ އެކު ބަދުއަހުލާގީ އަމަލެއެއް ހިންގެވި ކަމުގެ ތުހުމަތުގަ އެވެ.

އަދި ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެފަދަ މައްސަލައެއް ބަލަމުންދާ ކަމަށާއި އެކަންތައް ބެލުމަށްފަހު މީޑިއާއަށް މައުލޫމާތުދޭނެ ކަމަށެވެ.

އާދިލަކީ ވެރިކަންކުރާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނޭ މެމްބަރެކެވެ. ނަމަވެސް، މަޖިލީހަށް ހޮވިވަޑައިގެންފައިވަނީ ގައުމީ ޕާޓީގެ ޓިކެޓުގަ އެވެ. ހައްހ
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު