ފިހާޅޮހި ރިސޯޓުން މަރުވެފައި އޮއްވާ ފެނުނު ޒުވާނާ މަރުވީ ކަރަންޓް ޝޮކެއް ޖެހިގެން: އޭޑީކޭ

ކ. ފިހާޅޮހި އައިލެންޑް ރިސޯޓުގެ ފާޚާނާތެރޭ މަރުވެފައި އޮއްވާ ފެނުނު ޒުވާނާ މަރުވެފައި ވަނީ ކަރަންޓް ޝޮކެއް ޖެހިގެން ކަމަށް އެ ޒުވާނާގެ ހަށިގަނޑު ބެއްލެވި ޑޮކްޓަރުންނާ ހަވާލާދީ އޭޑިކޭ ހޮސްޕިޓަލުން ބުނެފި އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އައްފާލް މިއަދު ވިދާޅުވީ ރޭ ގާތްގަނޑަކަށް 10:00 ޖަހާކަން ހާއިރު ގެންދިޔަ ޒުވާނާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާގެ އެއްވެސް އަސަރެއް ނުފެންނަ ކަމަށާއި އޭނާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. އަދި އެ ޒުވާނާ މަރުވެފައި ވަނީ ކަރަންޓް ޝޮކެއް ޖެހިގެން ކަމަށް ވެސް އައްފާލް ވިދާޅުވި އެވެ.

"މިގައުމުގައި އަދި ޕޯސްޓްމޯޓަމެއް ނެހެދޭ. އެހެންވީމަ އަޅުގަނޑުމެންނަށް ވެސް ދެންނެވޭނީ ލަފާ ކޮށްފައި. އެހެންވީމަ އެ ޒުވާނާ މަރުވި ކަމަށް މި ބެލެވެނީ އިލެކްޓްރިކް ޝޮކެއް ޖެހިގެން،" އައްފާލް ވިދާޅުވި އެވެ.

ފިހާޅޮހި އައިލެންޑް ރިސޯޓުން ވާހަކަ ދެއްކި މީހަކު އިއްޔެ ބުނީ މަރުވެފައި އޮއްވާ ފެނުނީ އެ ރިސޯޓުގެ ހެޑް ރޫމް ބޯއީއެއްގެ ގޮތުގައި މަސައްކަތް ކުރާ ސ. ހިތަދުއަށް އުފަން، މުހަންމަދު ނިޔާޒް 25، ކަމަށެވެ. އޭނާ ބުނީ ނިޔާޒް މަރުވެފައި އޮއްވާ ފެނުނީ އޭނާއާ އެއް ކޮޓަރި އެއްގައި އުޅޭ މީހަކު ކޮޓަރި އަށް ވަތްއިރު އެ ކޮޓަރީގެ ފާހާނާތެރެއަށް ވެއްޓިފައި އޮއްވާ ކަމަށެވެ.

"އޭނާ އާ އެކު އެކޮޓަރީގައި އުޅޭ އަނެއް މީހާ ޑިއުޓީއަށް ދާންވެގެން ފާހާނާއަށް ވަތް އިރު ފެނުނީ ނިޔާޒް ވެއްޓިފައި އޮތީ ފާހާނާ ތަޅުންގަނޑު މައްޗަށް. ނިޔާޒް އަކީ އާންމު ބައްޔެއް ހުންނަ މީހެއް ވެސް ނޫން. ވަރަށް މަސައްކަތައް ވެސް ރަނގަޅު ކުއްޖެއް،" އެ މީހާ ބުންޏެވެ.

ނިޔާޒްގެ ކުއްލި މަރާއި ގުޅިގެން އެ މައްސަލަ ފުލުހުން ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ. އަދި ނިޔާޒްގެ ހަށިގަނޑު ރޭގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު