"ދަ ލިޓްލް މާމެއިޑް"ގެ ލައިވް އެކްޝަން ފިލްމެއް، "އޭރިއަލް"ގެ ބައި ކްލޯއީ މޮރޭޓްޒަށް

ކްލޯއީ މޮރެޓްޒް: ޒުވާން އެކްޓްރެސް ވަނީ ލިޓްލް މާމެއިޑްގެ އިތުރުން ބޮޑު ބަޖެޓެއްގެ ގިނަ ފިލްމުތަކެއްގައި ސޮއިކޮށްފައި---

ޑިޒްނީގެ މަޝްހޫރު ކްލެސިކް "ދަ ލިޓްލް މާމެއިޑް"ގެ ލައިވް އެކްޝަން ފިލްމެއް ތައްޔާރު ކުރުމަށް ހަމަޖައްސައި ލީޑް ކެރެކްޓަރަކަށް ކްލޯއީ މޮރެޓްޒް ހަމަޖައްސައިފި އެވެ.

ލިޓްލް މާމެއިޑްގެ އެންމެ ފަހުން ތައްޔާރު ކުރުމަށް ހަމަޖެހިފައިވާ ފިލްމުގައި "އޭރިއަލް"ގެ ރޯލު ކުޅޭ މޮރޭޓްޒްއަކީ ހޮލީވުޑްގައި މަގުބޫލުކަން ހޯދަމުން އަންނަ 18 އަހަރުގެ އެކްޓްރެސް އެކެވެ.

ލިޓްލް މާމެއިޑް ނެރުމަށް ހަމަޖެހިފައިވާ ތާރީހެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް މޮރެޓްޒް ލީޑް ކެރެކްޓަރަކުން ފެނިގެންދާ އިތުރު ފިލްމެއް މިހާރު ދަނީ ސިނަމާ އަށް ނެރުމަށް ތައްޔާރުވަމުންނެވެ.

ބޮޑު ބަޖެޓެއްގައި ތައްޔާރު ކުރާ ފިލްމު "ދަ ފިފްތު ވޭވް" އަންނަ އަހަރު ޖެނުއަރީގައި ނެރުމަށް ވަނީ ހަމަޖެހިފައެވެ. އެ ފިލްމަކީ ރިކް ޔޭންސީ ލިޔެފައިވާ މަޝްހޫރު ޔަންގް އެޑަލްޓް- ޑިސްޓޯޕިއާ ވާހަކަ ސީރީޒް، "ފިފްތު ވޭވް"އަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

ލިޓްލް މާމެއިޑްގެ މަސައްކަތް ކުރަމުން އަންނަތާ މިހާރު ކުޑަ ދުވަސްކޮޅެއް ވެއްޖެ ކަމަށް ޔުނިވާސަލް ޕިކްޗާސް އިން ވަނީ ބުނެފައެވެ. އެގޮތުން ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކުރާނީ ރިޗާޑް ކާޓިސް ކަމާ މެދު މަޝްވަރާ ކުރެވޭ ވާހަކަ އެ ކުންފުނިން ވަނީ ބުނެފައެވެ.

ފިލްމު ޑައިރެކްޓް ކުރުމުގެ މަސައްކަތް ހަމަޖެހިފައިވަނީ މަޝްހޫރު ޑައިރެކްޓަރު ސޯފިއާ ކޮއްޕޯލާއެވެ. ނަމަވެސް ފާޑުކިޔުންތަކާ ގުޅިގެން އޭނާ ވަނީ އެމަގާމުން ވަކި ވެފައި ކަމަށް ޔުނިވާސަލް އިން ބުންޏެވެ.

ފިލްމުގެ އިތުރު ކެރެކްޓަރުން ކައިރި މުސްތަގުބަލެއްގައި އާންމު ކުރަމުންދާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

comment ކޮމެންޓް