މާލޭގެ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭގެ ބޮޑު މަގެއްގައި ހަލާކުވެފައި ހުރި ގާތައް ނެގުމަށްފަހު އާ ގާ އަތުރަނީ: ފޮޓޯ/ މިނިސްޓަރު މުއިއްޒު ޓުވީޓާ

މާލޭގެ ބޮޑެތި މަގުތަކުގައި ހުރި އަޑިގުޑަންތައް އެއްވަރުކޮށް މާލޭގެ މަގުތައް އެއްވަރު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން އިއްޔެ ފަށައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މާލޭގެ ބޮޑެތި މަގުތަކުގެ ގާތައް ނަގައި މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން އިއްޔެ ފަށާފައިވާ ކަމަށެވެ.

މިނިސްޓަރު މުއިއްޒު މީގެކުރިން ވިދާޅުވެފައި ވަނީ، މާލޭގެ މަގުތަކުގައި މިހާރު އެތުރިފައި ހުރި ގާތަކަކީ މީގެ އެތަކެއް އަހަރު ކުރިން އަތުރާފައިވާ ގާތަކެއް ކަމަށެވެ. އަދި އެކަމުގެ ފައިދާތައް ވެސް އެތައް ދުވަހެއް ވަންދެން ރައްޔިތުންނަށް ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ، މާލޭގެ މަގުތަކުގައި އަތުރާފައިވާ ގާތަކުގެ "ޔޫސަބަލް ލައިފު" ހަމަވެފައިވާ ކަމަށާއި އެކަން އެހެން ދިމާވެފައި ވަނީ ރަނގަޅަށް "މެއިންޓެއިން" ނުކުރެވިގެން ކަމަށެވެ.

މާލޭގެ މަގުތައް އެއްވަރުކޮށް އަޑިގުޑަންތައް ރަނގަޅު ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ފެށުމަށް ހަމަޖައްސާފައި ވަނީ މާލޭގެ ބޮޑެތި މަގުތަކުގައި ކަމަށްވެސް ހައުސިން މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އެންމެ ފުރަތަމަ އެ މަސައްކަތް ފަށާނީ އަމީނީ މަގުގެ ކޮޅުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ގާ އެތުރުމަށް މުޅިން އަލަށް ގާ ގެނެސްފައިވާ ކަމަށެވެ. މަގުތަކުގައި މިހާރު އަތުރާފައި ހުރި ގާތަކުގެ ތެރެއިން ބޭނުން ކުރެވެން ހުރި ގާތައް މިހާރުވެސް ބޭނުން ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ ބޮޑު މަގެއްގައި ހަލާކުވެފައި ހުރި ގާތައް ނެގުމަށްފަހު އާ ގާ އަތުރަނީ: ފޮޓޯ/ މިނިސްޓަރު މުއިއްޒު ޓުވީޓާ

މާލޭގެ މަގުތައް އެއްވަރުކޮށް އަޑިގުޑަންތައް ރަނގަޅު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން އިއްޔެ ފަށާފައިވާއިރު މާލޭގެ މަގުތައް އަލުން ޑިޒައިން ކުރުމުގެ ދިރާސާއެއް ކުރުމަށް ޗައިނާގެ ކުންފުންޏަކާ އެކު މިދިޔަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު އެ މިނިސްޓްރީން ވަނީ ސޮއިކޮށްފައެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ، މާލޭގެ މަގުތައް ރީ ޑިޒައިން ކުރުމުގެ ގޮތުން ދިރާސާ ހެދުމަށް ހަވާލުކުރި ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސީސީސީސީ ހައިވޭ ކޮމްޕެނީ ލިމިޓެޑްގެ ރައީސް ޒެން ޒީގަންގެ މައިގަނޑު މަސައްކަތަކަށް ވާނީ މާލޭގެ މަގުތަކަށް ދާއިމީ ހައްލެއް ހުށަހެޅުން ކަމަށެވެ. އެގޮތުން މާލޭގެ ޓްރެފިކު ފުލޯއަށް އަންނާނެ ބަދަލުތަކާއި ގެންނަންޖެހޭނެ ބަދަލުތައް އެފަރާތުން ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް