ސަންގް ޓީވީއަށް ވަނީ އިންޒާރު ދޭ ވީޑީއޯ އަޕްލޯޑްކުރި މައްސަލާގައި: ފުލުހުން

އެސިސްޓެންޓް ކޮމިޝަނާއޮފް ޕޮލިސް އަބްދުﷲ ނަވާޒް މިރޭ މީޑިއާއަށް މައުލޫމާތުދެއްވަނީ -- ސަން ފޮޓޯ: އަލީ ނަސީރު

ފުލުހުން ރޭ ދަންވަރު ސަންގް ޓީވީއަށް ވަނީ އެ ސްޓޭޝަނުގެ ކޮމްޕިއުޓަރަކުން ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސްވެރިންނަށް އިންޒާރުދިން ވީޑިއޯ އަޕްލޯޑް ކުރިކަން ފުލުހުންނަށް ކަށަވަރު ވުމުން ކަމަށް ފުލުހުން ބުނެފިއެވެ.

އިސްކަންދަރު ބިލްޑިންގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާއޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ ސަންގު ޓީވީގެ އިމާރާތުގެ ކޮމްޕިއުޓާ ސިސްޓަމަކުން އެ ވީޑިއޯ އަޕްލޯޑުކޮށްފައިވާ ކަމަށް ފުލުހުންނަށް ކަށަވަރު ވުމާއެކު ސަންގު ޓީވީއަށް ވަދެފައިވާ ކަމަށެވެ.

"އެކަންތައް ޔަގީން ވުމާއެކު ފުލުހުން ސަންގު ޓީވީއަށް ވަދެ އެމަސައްކަތް ކުރީ. އެހެން ކަމުން ފުލުހުން އެތަނަށްވަދެ ފުލުހުންގެ ތަހުގީގަށް ބޭނުންވާ އިތުރު ހެކި ހޯދުމަށް ތަކެތި ގެންދިޔައީ،" އޭނާ ވިދާޅުވިއެވެ.

މޭމަހުގެ ނުވަ ވަނަ ދުވަހު ޔޫޓިއުބް އަށް އަޕްލޯޑް ކުރި ވީޑިއޯގައި ރައީސް ޔާމިން އާއި ކުރީގެ ކޮމިޝަނާ ހުސައިން ވަހީދާއި ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް މަރުގެ އިންޒާރު ދީފައިވެއެވެ. އޭގެ އިތުރުން ރާއްޖޭގެ ސިނާއަތަށްވެސް ބޮޑެތި ގެއްލުންތަކެއް ދޭނެ ކަމަށް އެ ވީޑިއޯގައި ވަނީ ބުނެފައެވެ.

ކޯޓު އަމުރުގެ ދަށުން އެ މަސައްކަތް ކޮށްފައިވާއިރު އޭގެ ފަހަތުގައި އެއްވެސް ވަރަކަށް މީޑިއާގެ މަސްއޫލިއްޔަތަށް ހުރަސް އެޅުމަށް ފުލުހުން މަސައްކަތް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ފުލުހުންގެ ވާޖިބު އަދާކުރަމުން ދާ ވަގުތެއްގައި އެ މަސައްކަތަށް މީޑިއާއިން އަދި އެހެން ފަރާތަކުން ނަމަވެސް ހުރަސް އަޅާކަމުގައި ވާނަމަ ފުލުހުން ފިޔަވަޅު އަޅާނެ ކަމަށް ނަވާޒު ވިދާޅުވިއެވެ.

ނަވާޒު ވިދާޅުވީ ފުލުހުން އެހާ ގިނަ ކަންތައްތަކެއް ކުރިއަށް ގެންދިޔަ ކަމުގައި ވިނަމަވެސް ކަމާ ނުގުޅޭ ފަރާތްތަކަށް ނުވަތަ ބައެއްގެ ހައްގު ގެއްލޭ ފަދަ ގޮތަށް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު