ޑީއާރްޕީގެ ކުރިމަގަށްޓަކައި ކުރިއަށް އޮތް ތަނުގައި ވެސް، ޕާޓީގެ ޒައީމުގެ ހައިސިއްޔަތުން ކުރަންޖެހިއްޖެ ކޮންމެ ކަމެއް ކުރުމުގައި ދެމިހުންނާނަން: ރައީސް މައުމޫން

10:00


ޑީއާރުޕީގެ ކުރިމަގައްޓަކައި، ކުރިއަށްއޮތް ތަނުގައި ވެސް ޒައީމްގެ ހައިސިއްޔަތުން އަދާކުރަން ޖެހުނުކޮންމެ މަސްއޫލިއްޔަތެއް އަދާކުރުންމަތީ ވަރުބަލިކަމެއްނެތި ދެމި ހުންނަވާނެ ކަމަށް ޑީއާރުޕީގެ ޒައީމް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.


ޑީއާރުޕީގެ ޒައާމަތު، އާ ދައުރަށް ހޮވުނު ލީޑާޝިޕާ ހަވާލު ކުރުމުގެ ގޮތުން ދަރުބާރު ގޭގައި ރޭ ބޭއްވި ޖަލްސާގައި، އާ ލީޑާޝިޕާ މުހާތަބު ކުރައްވައި، ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ޑީއާރުޕީގެ އަސާސީ މަގުސަދުތައް އަބަދު ވެސް ހަނދާންބަހައްޓަންޖެހޭނެ ކަމަށެވެ. އެ މަގުސަދު ތަކަކީ، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތު ވަރުގަދަކޮށް ހިމާޔަތްކުރުމާއި، އިސްލާމީ އަގީދާ ކުރިއަރުވައި ރައްކާތެރި ކުރުމާއި، ދިވެހިވަންތަކަމާއި، ދިވެހިބަހާއި ސަގާފަތު ރައްކާތެރިކޮށް ދެމެހެއްޓުމާއި، ގައުމުގެ އެއްބައިވަންތަކަން ހަރުދަނާކޮށް ދެމެހެއްޓުމާއި، ޑިމޮކްރަސީގެ ހަމަތައް އާލާކޮށް ކުރިއެރުވުމާއި ރައްޔިތުންގެ ހެވާ ލާބައަށް މަސައްކަތްކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މި މުހިއްމު އަސާސީ މަގުސަދުތަކުގެ މަތިން ހަނދާންކޮށްގެން މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. ޑީއާރުޕީ އުފެދިފައި ވަނީ، ރައްޔިތުންނަށް ހިދުމަތްކުރަން ކަމުގައި އަބަދު ވެސް ހަނދާން ބަހައްޓަންޖެހޭނެ ކަމަށާއި، ޕާޓީގެ މެންބަރުންގެ އޮންނަންޖެހޭ އެކުވެރިކަމާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.


ރައީސް މައުމޫން އަދި ވިދާޅުވީ، ޑީއާރުޕީ އަކީ އެންމެ ބޮޑު އަދި އެންމެ މެންބަރުންގިނަ ޕާޓީއަށް ވުމާއެކު މިހާރު ވެސް ކުރިމަގުގައި ވެސް ގައުމަށް އިތުރު ކުރިއެރުމާއި، ތަރައްގީ ހޯދައިދެވޭނީ، އަދި ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދެވޭނީ ޑީއާރުޕީއަށް ކަމީ ކަށަވަރު އަދި ޔަގީންކަމެއް ކަމަށެވެ. އެހެންކަމުން ހުރިހާ މަސައްކަތެއް އަމާޒު ކުރަންވާނީ އެ މުހިއްމު ގައުމީ މަސްއޫލިއްޔަތު އަދާކުރެވޭތޯ ބެލުމަށް ކަމަށާއި، އެކަމުގައި އެންމެބޮޑަށް ހާސިލްކުރަން ބޭނުންވާ އަމާޒަކީ ކުރިއަށްއޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ކަމަށާއި، އެ އިންތިހާބު ޑީއާރުޕީން ކާމިޔާބު ކުރުމަކީ މަޖުބޫރު ކަމެއް ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ.


ޑީއާރްޕީގެ ސިޔާސީ ޒައާމަތުން ރައީސް މައުމޫން ވަކިވެވަޑައިގެންނެވުމުން ރޭގެ އެޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަނީ އެމަނިކުފާނަށް ހެޔޮ އެދިވަޑައިގެން އެސްއެމްއެސް އެއް ފޮނުއްވާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު