ބަނދަރުހެދުން ލަސްވާތީ ގދ. ވާދޫ ރައްޔިތުން އޮފީސް ބަންދުކުރިޔަ ނުދީ ހިފަހައްޓައިފި

ގދ. ވާދޫ ބަނދަރު ހެދުން ލަސްވާތީ އެރަށު ރައްޔިތުން ނުކުމެ، ރަށު ކައުންސިލްގެ އިދާރާ ބަންދުކުރިޔަ ނުދީ މިއަދު ހިފަހައްޓައިފި އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، މިއަދު މެންދުރުފަހު 3:30 އެހާކަންހާއިރު ރަށު ކައުންސިލްގެ އިދާރާ ކުރިމައްޗަށް 100 އަށް ވުރެ ގިނަ ރައްޔިތުން އެއްވެ ކައުންސިލް އިދާރާ ބަންދު ކުރިޔަ ނުދީ ހިފެހެއްޓީ، ބަނދަރު ހަދައިދޭނެ ކަމަށް ސަރުކާރުން ތިން ފަހަރު ވައުދުވެފައިވީ، ނަމަވެސް ބަނދަރުގެ އަމަލީ މަސައްކަތް ނުފަށާ ގިނަ ދުވަސް ވެގެން ކަމަށެވެ.

އަދި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަހަރު ތެރޭ އެރަށަށް ވަޑައިގެން ވެސް ބަނދަރު ހަދައިދޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށާއި އޭގެ 15 ވަރަކަށް ދުވަސް ފަހުން، ވާދޫ ބަނދަރު ހެދުމަށް އެމްޓީސީސީ އާއެކު ސަރުކާރުން ސޮއި ކޮށްފައިވާ ކަމަށް ވެސް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ބަނދަރުގެ އަމަލީ މަސައްކަތް ދެ މަސް ތެރޭ ފެށޭނެ ކަމަށް ބުނެ ދެމަސް ވެގެން ދިޔައިރުވެސް މަސައްކަތް ފެށިފައިނުވާ ކަމަށް ބުނެ އެތައް ސަތޭކަ ރައްޔިތުންތަކެއް ވަނީ، ރަށު ކައުންސިލްގެ އިދާރާ ދޮށަށް އެއްވެ ނުރުހުން ފާޅުކޮށްފަ އެވެ.

"ކޮންމެ ބޭފުޅަކު ވެސް ވަޑައިގެން ވިދާޅުވަނީ ވަރަށް އަވަހަށް ކޮށްދެއްވާނަމޭ، އެކަމަކު ކޮށްދޭ ތަނެއް ނާދޭ. އެހެންވެ މިއަދު މިތަނުން ދުރަށް ދާނީ ބަނދަރު ނިންމައިދޭނެ ތާރީހެއް އެންގީމަ،" ވާދޫ ރަށު ކައުންސިލް އިދާރާ ކައިރިއަށް އެއްވެ ހުރި މީހުންގެ ތެރެއިން އެކަކު ބުންޏެވެ.

އެއްވެ ތިބި މީހުން ބުނީ ރައްޔިތުން ބޭނުންވާ ގޮތަށް ލިޔުމަކުން އަންނަ ހަފްތާގެ އާދިއްތަ ދުވަހު 4:00 ޖެހުމުގެ ކުރިން ލިޔުމުން ޖަވާބު ދޭނެ ކަމަށް ރަށު ކައުންސިލްގެ އިދާރާއިން ބުނެފައިވާ ކަމަށެވެ.

ވާދޫ ކައުންސިލްގެ އިދާރާއިން ބުނީ، ރައްޔިތުން ކައުންސިލް އިދާރާ ދޮށަށް އެއްވެ ނުރުހުން ފާޅުކުރަން ފެށުމާ ގުޅިގެން އެކަން އެންގުމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކުރަމް ކަމާލުއްދީން އެމްޓީސީސީ އަށް ވާދޫ ބަނދަރު ހެދުން އަވަސް ކޮށްދިނުމަށް އެދި ފޮނުވާފައިވާ ސިޓީ އެއް ރަށު ކައުންސިލްގެ އިދާރާ އަށް މިއަދު ފޮނުވި ކަމަށެވެ. އެހެންނަމަވެސް އެ ސިޓީ ގައި މަސައްކަތް ފަށާނެ އަދި ނިންމާނެ ތާރީހެއް ބަޔާންކޮށްފައި ނުވާތީ ރައްޔިތުންގެ ޝަކުވާ ތަކަށް ބަދަލެއް ނާންނަ ކަމަށް ވެސް ރަށު ކައުންސިލްގެ އިދާރާއިން ބުންޏެވެ.

ާވާދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ފެބްރުއަރީ 2، 2011 ގަ އެވެ.

އެމްޓީސީސީން ބުނީ ސުނާމީގައި ހަލާކުވެފައިވާ ވާދޫ ބަނދަރު އަލުން ހަދައި ނިމޭއިރު އެ ބަނދަރުގެ ދިގުމިނުގައި 700 ފޫޓު އަދި ފުޅާ މިނުގައި 250 ފޫޓު ހުންނާނެ ކަމަށެވެ. މިހާރު އެ ރަށުގައި އޮންނަނީ 500 ފޫޓު ދިގު 250 ފޫޓު ފުޅާ ބަނދަރެކެވެ.

"އަޅުގަނޑުމެންނަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ބަނދަރު މަރާމާތުކޮށް ނިންމާލެވޭނެ. ބަނދަރު މަރާމާތު ކުރަން ފެށުމުގެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ފެށޭނެ. އަޅުގަނޑުމެންގެ އިކިއުވިޕްމަންޓްސް އެ ރަށަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ،" އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް ހުސެން އާމިރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ބުނީ މި ބަނދަރަކީ ސައުދީއަރަބިއްޔާ އިން ދޭ ލޯނު އެހީގެ ދަށުން މަރާމާތު ކުރާ ބަނދަރެއް ކަމަށެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 1.6 މިލިއަން ރުފިޔާއަށެވެ.

ވޯކްސް ކޯޕްރޭޝަނާ ގުޅިގެން މި އަހަރު 33 ބަނދަރެއް މަރާމާތު ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ. އަދި ވޯކްސްކޯޕްރޭޝަނާ މަރާމާތު ކުރުމަށް ހަވާލު ކުރި ގިނަ ބަނދަރުތަކަކީ ވެސް ސުނާމީގައި ހަލާކުވެފައި ހުރި ބަނދަރުތައް ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު