ކައުންސިލަރަކު ޕާޓީން ވަކިކުރިއަސް، ގޮނޑި ނުގެއްލޭ ގޮތަށް މައުމޫން ފެކްޝަނުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅަނީ

ޕާޓީގެ ޓިކެޓްގައި ވާދަކޮށް ކައުންސިލަރު ކަމަށް ހޮވިފައިވާ ކައުންސިލަރަކު ޕާޓީން ވަކިކުރިއަސް، ގޮނޑި ނުގެއްލޭނެ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅުއްވަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި ޕީއޭއާ އެކު ޑީއާރުޕީގެ ބައެއް މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން މަހުލޫފް ވިދާޅުވީ ސިޔާސީ ގޮތުން ފިކުރު ތަފާތުވާ ކައުންސިލަރުންނާ މެދު ފިޔަވަޅު އަޅައި ޕާޓީން ވަކިކުރުމަށް ޑީއާރުޕީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެފަދަ ގޮތަކަށް އަމަލުކޮށްފި ނަމަ ކައުންސިލަރުންގެ ގޮނޑި ގެއްލިދާނެތީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ކައުންސިލަރަކު މަގާމުން ވަކިވާނެ ސަބަބުތައް ބަޔާކޮށް ލާމަރުކަޒީ ގާނޫނުގެ 119 ވަނަ މާއްދާގައި ބުނެފައި ވަނީ "ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބުވާ ފަރާތްތައް، އިންތިހާބުވި އިރު، ނިސްބަތްވި ޕާޓީން ވަކިވުން ނުވަތަ އެމީހަކު ނިސްބަތްވާ ޕާޓީން ވަކިކުރުމުން،" އެ ކައުންސިލަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ.

މަހުލޫފް ހުށަހެޅުއްވާ އިސްލާހާ އެކު ތަސްތީގުކޮށްފައިވާ ގާނޫނަށް ދެ ވަނަ ފަހަރަށް އިސްލާހު ގެންނަން ބޭނުންވާ ކަމަށް ވިދާޅުވެ އޭނާ ވިދާޅުވީ ކައުންސިލަރަކު ޕާޓީ ބަދަލުކޮށްފި ނަމަ އޭނާގެ ގޮނޑި ގެއްލޭނެ ކަމަށް ބުނެފައިވާ އިބާރާތް އުނި ނުކުރާނެ ކަމަށެވެ. އަދި އިސްލާހު ގެންނާނީ ކައުންސިލަރަކު ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ބުނާ އިބްރާތް ކަމަށެވެ.
މަހުލޫފް ވިދާޅުވީ އެ އިސްލާހު ފާސް ކުރުމަށްޓަކައި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ އެހީތެރިކަމެއް ނުލިބޭނެތީވެ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އެހީ ހޯއްދަވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިކަމުގައި އެމްޑީޕީގެ އެހީތެރިކަން ހޯދަން ޖެހިއްޖެއްޔާ އެކަން ކުރާނަން. މިފަދަ އިސްލާހެއް ފާސްވަންޏާ ފާސްވާނީ ތަސްމީނު މެންނާ އެކު ތިބި ބަޔަކު ނުވަތަ އެމްޑީޕީގެ ބަޔަކު ވޯޓްދީގެން. އަޅުގަނޑަކަށް ހިއެއް ނުވޭ، މިހާރު ޑީއާރުޕީގެ އެތެރޭގެ ހާލަތު އޮތް ގޮތުން އަޅުގަނޑުމެންނަށް އެހީތެރިކަމެއް ދެއްވާނެހެން." މަހުލޫފް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު