ނައިބުގެ ރައީސްގެ ގާނޫނީ ވަކީލުން ވާހަކަ ދައްކަވަނީ ސިޔާސީ ބަހުރުވައަކުން: މުއިއްޒު

ސަން ޓީވީގެ ފަންސާސް މިނިޓް ޕްރޮގްރާމްގައި މިނިސްޓަރު ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވަނީ: ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓްނަގަން ކުރާ މަސައްކަތަކީ ގައުމީ ޖިހާދެއް ވިދާޅުވި ---- ސަން ފޮޓޯ/ އަލީ ނަސީރު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބުގެ ވަކީލުން ވާހަކަދައްކަވަނީ ސިޔާސީ ބަހުރުވައަކުން ކަަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަން ޓީވީގެ 50 މިނިޓް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރިޔާސީ ލޯންޗްގައި ބޮމެއް ގޮއްވާލި ހާދިސާ ތަހުގީގުކުރަމުންދަނީ ގާނޫނާއި ގަވައިދާ އެއްގޮތަށް ކަމަށެވެ. އެހެންނަމަވެސް ނައިބު ރައީސް އަދީބުގެ ގާނޫނީ ވަކީލުން ގެންދަވަނީ ހަގީގަތް އޮޅުވާލުމަށް މަސައްކަތްކުރައްވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނައިބު ރައީސްގެ ގާނޫނީ ވަކީލުންގެ ޓީމްގައި އިސްކޮށް ހަރަކާތްތެރިވަނީ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމު އެވެ. ޝަމީމް ވަނީ ނައިބު ރައީސް ހައްޔަރުކޮށްފައި ވަނީ ހަމައެކަނި އިންޓަލިޖެންސް ރިޕޯޓަށް ބިނާކޮށް ކަމަށް ވިދާޅުވެފައެވެ.

ޑރ. މުއިއްޒު ވިދާޅުވީ، ރިޔާސީ ލޯންޗްގައި ބޮމެއް ގޮއްވާލި ތަހުގީގު ކުރިއަށް ދަނީ ވަރަށް ފުރިހަމައަށް ކަމަށެވެ.

" ހެކި ހުރެގެން ހައްޔަރުކުރަނީ، ހައްޔަރުކޮށްފައި ހެކި ހޯދަނީކީ ނޫން. އެހެންވީމަ ކަންތައްތައް މީހުންނަށް އޮޅުވާލުމަށް މަސައްކަތް ކުރުމަކީ ވަރަށް ނާތަހުޒީބު ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

އިތުބާރު ނެތްކަމުގެ ވޯޓަކީ ގައުމީ ޖިހާދެއް

އޭނާ އިތުރަށް ވިދާޅުވީ ކެބިނެޓްގައި ތިއްބަވަން ޖެހޭނީ ރައީސަށް އިތުބާރުކުރެވޭ މީހުން ކަމަށެވެ. ނައިބު ރައީސް އަހުމަދު އަދީބުގެ އިތުބާރު ގެއްލިފައިވާ ކަމަށާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓްނަގަން ކުރާ މަސައްކަތަކީ ގައުމީ ޖިހާދެއް ކަމަށް މުއިޒް ވިދާޅުވި އެވެ.

" އަޅުގަނޑުމެން މަޖިލިސް މެމްބަރުން ހުރިހާ ބޭފުޅުން އެކުގައި މި ކުރައްވާ މަސައްކަތް، އިތުބާރު ނެތްކަމުގެ ވޯޓް ނައިބު ރައީސާ އިދިކޮޅަށް ނަންގަވަން އެ ކުރައްވާ މަސައްކަތަކީ އަޅުގަނޑު ދެކޭ ގޮތުގައި އެއީ ގައުމީ ޖިހާދެއް އެ ބޭފުޅުން ކުރައްވަވާ. ކޮންމެހެން ކުރަންޖެހޭ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

އެމްޑީޕީ ވެސް ހިމެނޭގޮތަށް ހުރިހާ މެމްބަރުން ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގަން އެއްބާރުލުން ދެއްވުމަށް މުއިއްޒު ވަނީ ރޭ އެދިވަޑައިގެންފައެވެ.

ދިވެހި ގައުމުގެ ހައްގުގައި ވާންޖެހުނު ކޮންމެ ގުުރުބާނީއެއް ރައީސް ޔާމިން ވެވަޑައިގަންނަވާނެ ކަަމަށް މުއިއްޒު ވިދާޅުވި އެވެ.

ރައްޔިތުން ތިބީ ހޭލާ ކަމަށާއި ސަރުކާރުން އިޚްލާސްތެރިކޮށް މަސައްކަތްކުރާކަން ރައްޔިތުން ގަބޫލުކުރާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް