މުއިނާ 15 ވަނަ ފަހަރަށް ޓީޓީގެ ގައުމީ ތަށި ކާމިޔަބުކުރި އިރު ފިރިހެން ޗެމްޕިއަންކަން މުންސިފަށް

މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މުއިނާ ކުޅެނީ. އޭނާ ވަނީ 15 ވަނަ ފަހަރަށް ޓީޓީގެ ގައުމީ ތަށި ކާމިޔާބު ކޮށްފައި --- އެމްއޯސީ ފައިލް ފޮޓޯ/ ޙުސައިން ސިނާން

ފަންސާސާ ފަސްވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ސިންގަލްސް ކެޓަގަރީގެ ފައިނަލްގައި އައިޝަތު ރަފާ ނާޒިމްގެ މައްޗަށް ހަތަރު ސެޓު ތިން ސެޓުން ކާމިޔާބު ހޯދައި މުބާރާޓުގެ ޗެމްޕިއަންކަން 15 ފަހަރަށް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ މުއީނާ މުހައްމަދު ހޯދިއިރު، މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންއަކަން އިބްރާހިމް ޝިއުރީގެ މައްޗަށް ހަތަރު ސެޓް އެއް ސެޓުން ކާމިޔާބު ހޯދައި މުސާ މުންސިފް ހޯދައިފި އެވެ.

ރޭ ކުޅުނު ސިންގަލްސް ކެޓަގަރީގެ ފައިނަލް މެޗްގައި މުއީނާއާ ވާދަ ކުރި ރަފާއަކީ އިއްޔެ ރޭ ކުޅުނު މުބާރާތުގެ ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދި ޕެއާއެވެ.

ރޭގެ މެޗްގެ ނަތީޖާ ނެރެން ކުޅުނު ސެޓް ވަރަށް ފޯރިގަދަކޮށް ދިޔައިރު އެސެޓް މުއީނާ ހޯދީ 11-9 ންނެވެ.

ފައިނަލްގައި ކުޅުނު އުމުރުން 12 އަހަރުގެ ރަފާއަކީ މުބާރާތުގެ ތާރީޚްގައި ފުރަތަމަ ޑިވިޝަންގެ ފައިނަލަށް ދަތުރު ކުރި އެންމެ ހަގު ކުޅުންތެރިޔާއެވެ.

ރާފާ ވަނީ 15 އަހަރުން ދަށުގެ އަންހެން ސިންގަލްސް ފައިނަލްގައި ލައިސާ ފަތުހުﷲގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައި އެ އުމުރުފުރާގެ ޗެމްޕިއަންކަން ހޯދާފައެވެ.

މުބާރާތުގެ ސިންގަލްސް ފިރިހެން ކެޓަގަރީގެ ފައިނަލް މެޗްގައި މުންސިފްއާ ވާދަކުރި ޝިއުރީއަކީ އިއްޔެރޭ ކުޅުނު ފުރަތަމަ ޑިވިޝަން ފިރިހެން ޑަބަލްސް ކެޓަގަރީގެ ފައިނަލްގައި މުހައްމަދު މައިޒަރު އާދަމްއާއި މުޙައްމަދު ޒީސްތު ނަސީމުގެ ޕެއާ ބަލިކޮށް ޗެމްޕިއަންކަން ހޯދި ޕެއާގެ ޕާޓްނަރެވެ.

ފަނަރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މާއީލް ޝައްފާން އިސްމާޢީލް ހޯދީ ފައިނަލްގައި މުޙައްމަދު އަހްނަފް ބަލިކުރުމަށްފަހުގައެވެ.

ޝައްފާންއާއި އަހްނަފް ވަނީ އެ އުމުރުފުރާގެ ޑަބަލްސް ކެޓަގަރީގެ ފައިނަލްގައި މުހައްމަދު ޚުމާލް ޝަނޫން އާއި ރިލްވާން މުހައްމަދު ބަލިކުރުމަށްފަހު ޗެމްޕިއަންކަން ހޯދާފައެވެ.

މުބާރާތުގެ 9 އަހަރުން ދަށުގެ އަންހެން ސިންގަލްސް ފައިނަލްގައި ފާތިމަތު މިޝްކާ ނިޔާޒު ތިން ސެޓް ދެ ސެޓުން ބަލިކުރުމަށްފަހު ޗެމްޕިއަންކަން ހޯދީ ދިޔާމް ސިފާހް ސަޢީދެވެ.

އެ އުމުރުފުރާގެ ފިރިހެން ސިންގަލްސް އިން އަޙްމަދު ރައްޔާން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޒީސްކް ހަސަން ލަޠީފްގެ މައްޗަށް ތިން ސެޓް އެއް ސެޓުން ކަމިޔާބު ހޯދައިގެންނެވެ.

comment ކޮމެންޓް