ޒާތީ ދިރިއުޅުން ބޭޒާރު ކުރުން ހަމައިން ނެއްޓިފައި

ކަސްބީ އަންހެނަކު، މަތިހަދައި މޫނުގައި ގަނޑުފުށްޖަހައިގެން ނުކުމެ ހުންނަ ގޮތަށް ދިވެހިންގެ ކަންކަން ބޭރުފުށަށް ރީތިކޮށްގެން ތިއްބަސް އެތެރެ އޮތީ ވަރަށް ހަޑިކޮށެވެ. ކަންކަން ހަޑިކުރަމުން ގޮސް މިހާރު ތާހިރު ޒާތީ ދިރިއުޅުމެއް އޮތް މީހަކު ނެތް ހިސާބަށް ދިޔައީ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން މިއަހަރު ނެރުނު، 2010 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި އެތަކެއް ކަންބޮޑުވުމެއް ފާޅުކޮށްފައިވާއިރު މީހުންގެ ޒާތީ މުއާމަލާތްތަކާއި މުއާސަލާތުތައް މީޑިޔާގައި ލީކު ކުރާ މައްސަލަ ވަނީ ފާހަގަ ކޮށްފަ އެވެ. ރިޕޯޓު ބުނެ އެވެ: "ރާއްޖޭގައި މިހާރަކަށް އައިސް އެކަކު އަނެކަކަށް ކުރެވޭ ޒާތީ މުއާސަލާތުތައް މީޑިއާ ހާމަކުރެވެމުންދާކަމީ މި ކޮމިޝަނުން ވަރަށް ކަންބޮޑުވާ ކަމެކެވެ."

ޒާތީ މިނިވަން ކަމުގެ ހައްގުތައް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ ހުރިހާ އިދާރާތަކަކަށް ހިއުމަން ރައިޓްސް އިން ގޮވާލި ނަމަވެސް އެކަމެއް އެގޮތަކަށް ނުހިނގައެވެ. ފަހަރަކު "ޗެޕްޓަރެއް" ލީކު ކުރަމުން ދަނީ އެވެ.

ފުރަތަމަ ލީކްކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފޯނު ކޯލްތަކެވެ. ހަމަ އެމަޖިލީހުގެ ކޮމެޓީތައް ކުރިއަށް ގެންދިޔަ ނުދޭން ލަވަ ވިދާޅުވެ، ބެރު ޖައްސަވާފައިވާ އޯޑިއޯ ކްލިޕްތަކެވެ. ފަހުން ޖޭއެސްސީގެ ބޭފުޅުން ކޮޅެއްގެ އެބެފުޅުންގެ "ބޮޑު ފޯނުން" ކުރެއްވެވި މުޢާމަލާތްތަކެކެވެ. އެފަހަށް ކުންފުންޏެއްގެ ވެރިޔަކު ދައްކަވާފައިވާ ވާހަކަ ތަކެވެ. މިއީ ބައެއް ވާހަކަ އެކެވެ. ގައުމުގެ ބޮޑުންގެ "ބަރަހާނާ" ވީޑިއޯތައް މިކަމުގެ ތެރެއަށް ނުލައި ގުނިއަސް މިދިއަ ހައެއްކަ މަހަކީ މިފަދަ އޯޑިއޯތަކާއި ވީޑީއޯތައް މީޑިއާގެ އެކި މީޑިއަމްތަކަށް ބަންޑުން ކުރުމުގައި ހަމައިން ނައްޓާފައިވާ ދުވަސްތަކެކެވެ.

މުޅި މައްސަލައަށް ބަލާއިރު އެންމެ ފުރަތަމަ ފެށުނީ ވިޔަފާރިއަށްޓަކައި މީހުންގެ އަޑު ހިމެނޭ ކްލިޕްތައް ލީކު ކުރުމާއި ބްލެކް މެއިލް ކުރުމެވެ. އޭގެ ބައެއް މީހުންނާ ވާހަކަ ބޭޒާރުވި ހިސާބުން ހުއްޓުމެއް ނާދެ އެވެ. މީހެއްގެ އޯޑިއެއް ލީކު ނުކުރާ ހަފުތާއެއް ކަލަންޑަރަކުން އަދި ނުކެނޑެ އެވެ. އުތުރުގެ ރަށެއްގެ ގޭ ގޭގެ ކޮޓަރިތަކާއި ގިފިލިތަކުގައި ކެމެރާ ހަރުކޮށް ޒުވާން އަންހެން ކުދިންގެ ބަރަހަނާ މަންޒަރުތަކާއި ދެމަފިރިކަމުގެ ގުޅުންތައް ދައްކުވައިދޭ ވީޑިއޯތަކާއި އެމީހުންގެ އަޑު ހިމެނޭ ފައިލްތައް ވެސް ވަނީ އާންމުކޮށްފަ އެވެ. އެއީ ޒާތީ ދިރިއުޅުން ހާމަ ކުރުމުގައި އަޑާއި މަންޒަރާ ގުޅުވައިލި ހިސާބެވެ. އެހިސާބުން ފެށިގެން އެތައް ބައެއްގެ ޒާތީ ދިރިއުޅުން މިއަދާ ހަމައަށް ދިޔައީ ބޭޒާރުކޮށް ލަދުގަންނަވަމުންނެވެ. ގާނޫނު އަސާސީން ކޮންމެ މީހަކަށްމެ، ލިބިދީފައިވާ ޒާތީ ދިރިއުޅުމުގެ ހައްގުތައް ދިޔައީ ނިގުޅައިގަންނަމުންނެވެ.

ގާނޫނު އަސާސީ ކަށަވަރުކޮށްދޭ އެ މީހެއްގެ ނަމާއި އަބުރު ރައްކާތެރި ކުރުމުގެ ހައްގު ލިބިފައި ވަނީ ކިހާ މިންވަރަކަށްތޯ ސުވާލު އުފެދެނީ މިހިސާބަށް ދިއުމުންނެވެ. ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި، ގޯތި ގެދޮރާއި، އަނެކުންގެ ޒާތީ މުޢާސަލާތުތަކަކީ، ހުރުމަތް ތެރިވެގެންވާ ތަންތަނާއި ކަންކަން ކަމަށް ގާނޫނު އަސާސީގައި ބުނެފައިވީ ނަމަވެސް އެ ހައްގު ލިބިފައިވެއެކޭ މިހާރު ބުނެވޭކަށް ނެތެވެ.

ރައްޔިތުން ކުރާ ޝަކުވާ އަކީ ލިބެންޖެހޭ އަސާސީ ހައްގުތައް ނުލިބި ދިރިއުޅުން ފުރިހަމަ ކުރަމުން އަންނައިރު އެ ދިރިއުޅުމުގެ ތެރެއަށް ވަދެގަނެގެ ޒާތީ ފަތިފުށް ބޭޒާރު ކުރަމުންދާދިއުމެވެ. އެކަމުގައި ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ނުލިބޭތީ ކުރާ ޝަކުވާ އެވެ. ހަގީގަތުގައި މިއަދުގެ ހާލަތަށް ބަލާއިރު އެއީ ކުރެވެން އޮތް ޝަކުވާއެކެވެ. ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.

"ސްކޫލްގައި އުޅޭ ބޮޑެތިވަމުން އަންނަ ކުދިންނާއި ޒުވާން އަންހެން ކުދިން ރޮނީ. އަޅުގަނޑުގެ 18 އަހަރުގެ އަންހެން ދަރިފުޅު މިއަދު އައިސް ބުނަނީ ބައްޕާއޭ ގިފިލި ހިޔާ ކޮށްދޭށޭ. ވަރަށް އެބަ ބިރު ގަނެއޭ،" ގިފިލިތެރޭ ކެމެރާ ހަރުކޮށްގެން ވީޑިއޯ ލީކްކޮށްލާފައިވާ ކުއްޖެއްގެ ބައްޕަ ބުންޏެވެ.
މީހުންގެ ޒާތީ މުއާމަލާތާއި މުއާސަލާތުތައްކުގެ ތެރެއަށް ވަދެގެނެ ބޭޒާރު ކުރަމުންދާދިއުމަކީ ހާއްސަ އޮޕަރޭޝަނަކަށް ބޭނުންވެފައިވާ މައްސަލައެކެވެ. އެބައެއްގެ ޒާތީ ދިރިއުޅުމަކީ ނެތް އެއްޗެއް ކަމަށް ހަދާފައި އަނެއް ބަޔަކަށް ވެސް ދިރިއުޅުން "އަމިއްލަ" ކޮށްފައި ބާއްވާކަށް ފަސޭހައެއް ނުވާނެ އެވެ.
ކަންކަން ހަޑިވެފައި އޮތް މިންވަރުން "ކަސްބީ އަންހެނަކާ" ދިވެހިންގެ ކަންކަން ހިންގާ އުސޫލު އެއްވެސް ތަފާތެއް ނެތޭ ބުނަން ޖެހެނީ ކޮންމެ ދިމާއަކުން ވެސް މި ހަގީގަތް ފެންނާތީ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް