ކެނެޑާގެ ބޮޑުމަސް ބަލާ ބޯޓެއް އަޑިއަށް ގޮސް ފަސް މީހަކު މަރުވެއްޖެ

ރެސްކިއު ޓީމުތައް ޓޮފީނޯގައި. ފޮޓޯ: ރޮއިޓާސް

ކެނެޑާގެ ވެންކޫވާ ކައިރިއަށް ބޮޑު މަސްމަސް ބަލަން ނުކުތް ބޯޓެއް ފެތި ފަސް މީހަކު މަރުވެއްޖެ އެވެ.

ކެނެޑާގެ ޖޮއިންޓް ރެސްކިއު ކޯޑިނޭޝަން ޓީމާ ހަވާލާދީ އެމެރިކާގެ ފޮކްސް ނިއުސް އިން މިއަދު ބުނި ގޮތުގައި އިއްޔެ އެ އުޅަދުން ވަނީ މޭޑޭ ކޯލްއެއްކޮށްފަ އެވެ.

ބްރިޓިޝް ކޮލަމްބިއާ އެމާޖެންސީ ހެލްތު ސާވިސްގެ ތަރުޖަމާނު، ޖެން ހެމިލްޓަން ބުނެފައިވާ ގޮތުގައި ބޯޓުގައި ތިބި 27 މީހުންގެ ތެރެއިން ފަސް މީހުން މަރުވެފައިވާ ކަން ބޯޓު ފެތުނުތާ މާގިނަ އިރެއްނުވެ ވަނީ ޔަގީން ވެފަ އެވެ. މަރުވެފައިވާ މީހުންގެ އެއްވެސް މައުލޫމާތެއް އަދި ނޭގޭ ކަމަށް އޭނާ ބުންޏެވެ.

ފެތިފައި ތިއްބާ ސަލާމަތްކުރި ފަސިންޖަރުންގެ ތެރެއިން ހަތަރު މީހުން ތިބީ ސީރިއަސް ހާލަތުގައި ކަމަށް ޖޮއިންޓް ރެސްކިއު ކޯޑިނޭޝަން ސެންޓާގެ ތަރުޖަމާނެއް ކަމަށްވާ ލިއުޓެނެންޓް ކޮމާންޑާ ޑެސްމަންޑް ކްރެއިގް ބުންޏެވެ. ނަމަވެސް މިހާތަނަށް ކަށަވަރުކޮށް މަރުވެފައި ވަނީ ނުވަތަ ގެއްލިފައި ވަނީ ކިތައް މީހުން ކަމެއް އަދި ޔަގީން ވެފައި ނުވެ އެވެ. ޖޮއިންޓް ރެސްކިއު ކޯޑިނޭޝަން ސެންޓާގައި ހިނެނެނީ ކެނެޑާގެ މިލިޓަރީ އާއި ކޯސްޓް ގާޑްގެ ބައިވެރިންނެވެ.

ވެންކޫވާގެ ޓޮފީނޯގެ ހުޅަނގުން ފެތުނު މިބޯޓުގެ އަށް މީހުން ވަނީ ޓޮފީނޯ ޖެނެރަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ކަމަށް އައިލެންޑް ހެލްތުގެ ތަރުޖަމާނު ވެލެރީ ވިލްސަން ބުންޏެވެ. މީގެ ތެރެއިން އެކަކު ސީރިއަސް ހާލަތުގައިވާ އިރު އަނެއް ހަތް މީހުންގެ ހާލު ރަނގަޅު ކަމަށް އޭނާ ބުންޏެވެ.

ކޯސްޓް ގާޑާއި އެހެނިހެން ރެސްކިއު އުޅަނދު ތަކުން މިހާރު ދަނީ އިތުރު މީހަކު ފެނޭތޯ ޓޮފީނޯ ވަށައިގެން ހޯދަމުންނެވެ.

ފެތިފައިވާ ބޯޓަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނީ ޓޮފީނޯ ކައިރީގައި އޮންނަ އަހައުސެޓް ފަސްޓް ނޭޝަންގެ ބޯޓުތައް ކަމަށް އެބޯރިޖަނަލް ކައުންސިލާ ޓޮމް ކޭމްޕްބެލް ބުންޏެވެ.

ވިހި މީޓަރުގެ "ލެވިތަން II" އަކީ ވެންކޫވާ އައިލެންޑްގައި ގިނަ އަހަރުތަކެއް ވަންދެން ބޮޑުމަސް ބެލުމަށް އުޅެފައިވާ ޖޭމީސް ވޭލިން ސްޓޭޝަންގެ ބޯޓެއް ކަމަށް އެހެން ވޭލިން ސްޓޭޝަނެއްގެ ވެރިއެއް ކަމަށްވާ ޖޯން ފޯޑް ބުންޏެވެ. އޭނާ ބުނާ ގޮތުގައި މޫސުން ރަނގަޅަށް އޮތް ދުވަހެއްގައި ބޯޓު ފެތުމަކީ ވަރަށް އާދަޔާ ޚިލާފު ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު