ކަނޑު ދަތުރުފަތުރުކުރާ ހުރިހާ އުޅަނދެއް 2017 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން އިންޝުއަރެންސް ކުރަން މަޖުބޫރުވާނެ ކަމަށް އިކޮންމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނަމިކް މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އިކޮނަމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކެޕްޓަން އަބްދުއްލަތީފު މުހައްމަދު ވިދާޅުވީ ކަނޑުދަތުރު ފަތުރުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމަށްޓަކައި ގަވައިދެއް އެކުލަވާލާފައިވާ ކަމަށެވެ. 'ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދު ފަހަރުގެ ސަލާމަތާއި ބެހޭ ގަވައިދު' އަންނަ މަސް ތެރޭ ގެޒެޓް ކުރާނެ ކަމަށް ލަތީފު ވިދާޅުވިއެވެ.
" ޚާއްސަކަމެއްގެ ގޮތުގައި އެބައޮތް ކަނޑުގައި ދުއްވާ އުޅަދުފަހަރު އިންޝުއަރެންސް ކުރުން، އެނގިވަޑައިގަންނަވާނެ އެކްސިޑެންޓެއް ދިމާވެއްޖެއްޔާ މުޅި ދޯނި އެއްކޮށް އަޑިއަށް ހިނގައިދާނެ ނޫނިއްޔާ ބޭނުންނުކުރެވި އަދައިގެން ހިނގައިދާނެ، ދެން އިންޝުއަރެންސްކޮށްފަ ނެތިއްޔާ އެ މީހާގެ ހުރިހާ އެއްޗެއް އެދިޔައީ" ލަތީފް ވިދާޅުވިއެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުގަ ހުރިހާ ކަނޑުގަ ދުއްވާ ހުރިހާ އުޅަނދަކީ އިންޝުއަރެންސްކޮށްގެން ދުއްވާ އުޅަނދުތައް ކަމަށް ލަތީފް ވިދާޅުވިއެވެ.
އެ ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓަރު ހުސައިން ނަޒީރު ވިދާޅުވީ ކިތަންމެ ކުޑަ އުޅަނދެއް ކަމަށް ވިޔަސް 2017 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން އިންޝުއަރެންސް ކުރަން ޖެހޭނެ ކަމަށެވެ.
"އެކެއް ޖެނުއަރީ 2017 ފެށިގެން ސާވޭކޮށް އަޅުގަނޑުގެމެން ސަލާމަތީ ސެޓްފިކެޓް ދޫކުރަމުންދާނީ ހުރިހާ އުޅަދެއްގަ ވެސް އިންޝުއަރެންސް ކަވަރޭޖެއް އޮވެގެން،" ނަޒީރު ވިދާޅުވިއެވެ. އެ އިންޝުއަރެންސްވާން ޖެހޭ 'ފުލް ކަވަރޭޖް' އޮންނަ އިންޝުއަރެންސެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މިހާރު ކުރާ ޖޫރިމަނާތައް މުސްތަގުބަލުގައި އެހެންގޮތަކަށް ބަދަލުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ލަތީފު ވިދާޅުވީ އޭގެ ތަފްސީލް ފަހުން ދެއްވާނެ ކަަމަށެވެ.
ދަތުރުފަތުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހުރިހާ އެއްމެން ސަމާލުވުމަށް ލަތީފް ވިދާޅުވިއެވެ.