ހަތްދިހަ ފަސް ކުޅުންތެރިންނާއި އަށް ޓީމާއެކު 55 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތް ރޭ ފަށައިފިއެވެ.
މުބާރާތާ ބެހޭ ގޮތުން ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް އަހްމަދު ލަޠީފު ސަންއަށް ވިދާޅުވީ، މުބާރާތުގައި ޓީމްތަކުގެ އިންވެންޓްގެ އިތުރުން ސިންގަލްސްއާއި ޑަބަލްސް އިވެންޓް ކުޅޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މުބާރާތުގައި ފުރަތަމަ ޑިވިޝަންގައި ފަސް ޓީމް ވާދަކުރާ ކަމަށް ޓީޓީ އެސޯސިއޭޝަނުން ބުންޏެވެ.
ފުރަތަމަ ޑިވިޝަނުން ފިރިހެން ތިން ޓީމް ވާދަކުރާއިރު އަންހެން ޑިވިޝަނުން ވާދަކުރަނީ ދެޓީމެވެ.
އަދި ދެވަނަ ޑިވިޝަނުން ވާދަކުރަނީ ތިން ޓީމްކަމަށް ލަޠީފު ވިދާޅުވިއެވެ.
ޓީމް އިވެންޓުގެ އިތުރުން ދެން ކުޅެން ހަމަޖެހިފައިވާ ސިންގަލްސްއާއި ޑަބަލްސްގައި ނުވަ އަހަރުންދަށާއި 15 އަހަރުން ދަށުގެ އުމުރުފުރައިގެ މެޗްތައްވެސް ކުޅެން ހަމަޖެހިފައިވާކަމަށް ލަޠީފު ވިދާޅުވިއެވެ.
މުޅި މުބާރާތުގައި ހުރިހާ ކެޓަގަރީއަކުން 200 އަށްވުރެ ގިނަ މެޗް ކުޅޭއިރު މުބާރާތުގެ ފައިނަލް އިވެންޓްތައް އޮންނާނީ މިމަހު 29 ވަނަ ދުވަހުއެވެ.
ޓީޓީ އެސޯސިއޭޝަނުން ވަނީ އިންޓަ އޮފީސް ޓީޓީ ޓޯނަމަންޓް އަންނަ މަހު ބޭއްވުމަށް ތާވަލްކޮށްފައެވެ.