ތަސްމީން ފެކްޝަނުން މާދަމާ ރޭ ބާއްވާ ބައްދަލުވުމަށް ޑީއާރުޕީ މެންބަރުން ނުދިޔުމަށް މައުމޫން ފެކްޝަނުން އިލްތިމާސްކޮށްފި

ޑީއާރުޕީ އާއި ގައުމީ ޕާޓީގެ ކޯލިޝަނުން މާދަމާ ރޭ ބާއްވާ ޖަލްސާގައި އެ ޕާޓީގެ ޒައީމް މައުމޫނަށް ތާއީދުކުރާ އެއްވެސް މެންބަރަކު ބައިވެރި ނުވުމަށް މައުމޫން ފެކްޝަނުން މިއަދު ގޮވާލައިފި އެވެ.

މައުމޫން ފެކްޝަނުގެ ފަރާތުން ނޫސްވެރިންނާ ބައްދަލުކޮށް ޑީއާރުޕީގެ ޒުވާނުންގެ ގޮފީގެ ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވީ ތަސްމީން ފެކްޝަނުން އިސްނަގައިގެން މާދަމާ ރޭ ބާއްވާ ޖަލްސާއަކީ ޑީއާރުޕީން އިންތިޒާމް ކުރާ ޖަލްސާއެއް ނޫން ކަމަށާއި ކަލާފާން ސުކޫލުގައި ބާއްވާ އެ ޖަލްސާ އަށް މައުމޫނަށް ތާއީދުކުރާ، ޕާޓީގެ އެއްވެސް މެންބަރަކު ބައިވެރިނުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

"އެއީ ޑީއާރުޕީއެއް ނޫން މިހާރު. އެއީ ވަކިން އޮތް ތަސްމީންގެ ޕާޓީ. އެހެންވީމަ ޑީއާރުޕީން ބާއްވާ އެއްވެސް ބައްދަލުވުމެއް ނޯންނާނެ. އެއީ ޑީއާރުޕީން ބާއްވާ ބައްދަލުވުމެއް ނޫން. އަޅުގަނޑުމެންނަށް (މައުމޫނަށް) ތާއީދު ކުރާ އެއްވެސް ބޭފުޅަކު އެ ޖަލްސާގައި ބައިވެރިނުވުމަކީ އަޅުގަނޑުމެންގެ އެދުމެއް. އެތަނަށް ކުޅި ބަލަން ވެސް ނުދިޔުމަށް މި އެދެނީ. އެމީހުން (ތަސްމީން ފެކްޝަނުން) ކުރަން އެ އުޅެނީ ޓެސްޓެއް. ތާއީދު އޮތް ވަރު ބަލަން،" ފަހަކަށް އައިސް މައުމޫން ފެކްޝަނުން މީޑިއާގައި ހަރުއަޑުން ވާހަކަ ދައްކަވާ މަހުލޫފް ވިދާޅުވި އެވެ.

މައުމޫން އާއި ތަސްމީން އާ ދެމެދު ހިނގި ކަންތައްތަކަކީ މާޒީ ކަމަށާއި މިހާރު ކުރަމުން އަންނަ މަސައްކަތްތަކީ ދެ ފެކްޝަންގެ ދެމެދުގައި "ލައިނެއް ދަމާލުން" ކަމަށް މަހުލޫފް ވިދާޅުވި އެވެ. އަދި ވިދާޅުވީ ލައިން ދަމާލުމުގެ މަސައްކަތް އުންމީދު ކުރާހާ ބާރު ސްޕީޑުގައި ކުރިއަށް ނުދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ބަލައިލަން ޖެހޭ ކަންތައްތައްތަކެއް އެބަހުރި. އެހެންވީމަ އެންމެ ބޭނުންވާ ސްޕީޑްގައި އެ މަސައްކަތް ކުރިއަކަށް ނުދޭ،" ދެ ފެކްޝަންގެ ދެމެދުގައި ލައިނެއް ޑްރޯކުރުމުގެ މަސައްކަތް ނިންމާލެވޭނީ ކޮން އިރަކުންތޯ ނޫސްވެރިއަކު ސުވާލު ދެންނެވުމުން މަހުލޫފް ވިދާޅުވި އެވެ.

ގައުމީ ޕާޓީ ވެސް ބައިވެރިވާ ގޮތަށް މާދަމާ ރޭ ޖަލްސާއެއް ބޭއްވުމަށް ތަސްމީން ފެކްޝަނުން ތައްޔާރީތަކެއް ވަމުން އަންނަ އިރު މައުމޫން ފެކްޝަނުން ހަމަ އެ ރޭ ބޭއްވުމަށް ކަނޑައެޅި ޖަލްސާ ވަނީ، ދެ ފެކްޝަން ފުށުއަރާތީ، ހުކުރު ދުވަހުގެ ރެ އަށް ފަސްކޮށްފަ އެވެ.

މައުމޫން ފެކްޝަނުން ބާއްވާ ބައްދަލުވުން އޮންނާނީ، އެ ފެކްޝަނުން ބުނެފައިވާ ގޮތުގައި، ސުނާމީ ބިނާ ސަރަހައްދުގަ އެވެ.

މައުމޫން ފެކްޝަނުން ބުނީ ހުކުރު ދުވަހުގެ ރޭ ބާއްވާ ޖަލްސާއަކީ މާރާމާރީތައް ރާއްޖޭގައި އިތުރުވެފައިވާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު