އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މިއަދު ކުޅުނު މެޗްގައި މަހިބަދޫ ސްޕޯޓްސްއިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ވެލެންސިއާ އިން ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން ކުރިހޯދައި މޮޅަކާއެކު ފުރަތަމަ ބުރު ނިންމާލައިފިއެވެ.
މިނިވަން ފަންސާހުގެ ކުޅިވަރުތަކަށް އެޅި ހަރު ކާޕެޓްގެ ސަބަބުން ވިނަ ގަނޑު ހަލާކުވި "ގައުމީ ފުޓްބޯޅަ ދަނޑުގެ ވިނަ ގަނޑު ރަނގަޅުވި ނަމަވެސް، ފަސްގަނޑު މަޑުކަމުން" ކަމަށް ބުނެ ލީގް މެޗްތައް އެދަނޑުގައި ނުކުޅެވޭނެކަން ޔޫތު މިނިސްޓްރީން އެފްއޭއެމްއަށް އެންގުމުން ލީގް މެޗްތައް ޓާފް ދަނޑަށް ބަދަލު ކުރި ފަހުން ކުޅުނު ދެ ވަނަ މެޗްގެ ފުރަތަމަ ހާފު މަހިބަދޫއިން ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކު އެވެ.
އެގޮތުން މިއަދުގެ މެޗްގައި މަހިބަދޫގެ ފުރަތަމަ ލަނޑު ކަމިޔާބު ކުރީ މެޗްގެ 18 ވަނަ މިނެޓްގައި މުޙައްމަދު ޖުނޭދު ހުރަސް ކުރި ބޯޅައަކުން ބިދޭސީ ކުޅުންތެރިޔާ ނިކޮމޮން ރޮޑްރިގޭ ޓަހީއެވެ.
މަހިބަދޫގެ ދެ ވަނަ ލަނޑު ޢިއްޒަތު ޢާބްދުލް ބާރީ ކާމިޔާބު ކުރީ މެޗްގެ 41 ވަނަ މިނެޓްގައި ޖުނޭދު ފޮނުވާލި ބޯޅަ ވެލެންސިއާގެ ކީޕަރު ޢަހްމަދު ޢާޠިފް ދިފާއު ކުރުމުން އޮހިގެން އައި ބޯޅަ ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.
މެޗްގެ ދެ ވަނަ ހާފު ފަށައިގެން ދިހަ ވަނަ މިނެޓްގައި މަހިބަދޫއަށް ވަނީ ލީޑް ފުޅާ ކުރުމަށް ރަނުގެ ފުރުސަތެއް ލިބިފައެވެ.
ވެލެންސިއާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެޓީމްގެ ބިދޭސީ ކުޅުންތެރިޔާ ނޮގަޔަމް ފޭތު މޯކީ މަހިބަދޫގެ ޢިއްޒަތަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ މަހިބަދޫގެ ޓަހީ ފޮނުވާލި ނަމަވެސް ވެލެންސިއާގެ ކީޕަރު ޢާޠިފު ވަނީ އެ ބޯޅަ ދިފާއުކޮށްފައެވެ.
ވެލެންސިއާގެ ފުރަތަމަ ލަނޑު އޭގެ ނުވަ މިނެޓް ފަހުން ކާމިޔާބު ކުރީ މަޒުހަރު ޢަބްދުﷲ އެވެ.
އޭގެ އެއް މިނެޓް ފަހުން ވެލެންސިއާއަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑުވެސް ކާމިޔާބު ކުރީ މަޒުހަރެވެ.
މެޗްގައި ވެލެންސިއާ މޮޅުކޮށްދިން ލަނޑު މެޗްގެ 80 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިބްރާހިމް ޢަބްދުﷲ އެވެ.
ލީގް ގައި މާދަމާ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ވިކްޓްރީއާއި އީގަލްސްއެވެ.