ސަން އެފްއެމް އެވޯޑްސް 2010ގެ ފައިނަލް ބުރުގައި އެކި ކެޓެގަރީން ވާދަ ކުރާ ގަދަ ތިނެއް މިރޭ އިއުލާނު ކޮށްފި އެވެ. ގަދަ ތިނަކަށް ވާދަ ކުރާ ފަރާތްތައް އިއުލާނު ކޮށްފައި ވަނީ މިރޭ 10:00 ގައި ވީޓީވީން ނާއި ސަންއެފްއެމް އިން ކުރިޔަށް ގެންދިޔަ ސަން އެފްއެމް އެވޯޑްސް ގެ ފުރަތަމަ ކައުންޓްޑައުން ޝޯގަ އެވެ. ދެހާސް ދިހަ ވަނަ އަހަރުގެ ސަން އެފްއެމް އެވޯޑްސްގައި ހިމެނޭ ނުވަ އެވޯޑަށް ވާދަ ކުރާ ގަދަ ތިނެއްގެ ގޮތުގައި 27 ފަރާތެއްގެ ނަން މިރޭ ވަނީ އިއުލާނު ކޮށްފަ އެވެ.
އެ ގޮތުން 2010 ވަނަ އަހަރުގެ އެންމެ މަގުބޫލު ޝަޚުސިއްޔަތަށް ދޭ އެވޯޑަށް ވާދަ ކުރާ ތިން ބޭފުޅުންނަކީ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަލް އުސްތާޒް މައުމޫން ޢަބްދުލް ގައްޔޫމާއި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން ޢަލީ އެވެ.
ސަން އެފް އެމް އެވޯޑްސް 2010 ގައި އަލަށް ދިނުމަށް ހަމަޖައްސާފައިވާ އަހަރުގެ އެންމެ މަގުބޫލު އިޖުތިމާއީ ޝަޚުސިއްޔަތު އެވޯޑުގެ ގަދަ ތިނަކަށް ހޮވުނީ ގާސިމް އިބްރާހީމް އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ މުހައްމަދު އައިމަން އަދި ޑރ. އަހުމަދު ރާޒީ އެވެ.
ސަން އެފްއެމް އެވޯޑްސްގެ އަހަރުގެ އެންމެ މަގުބޫލު ވިޔަފާރި ޝަޚުސިއްޔަތު އެވޯޑަށް ވާދަ ކުރާ ގަދަ ތިނަކީ އިބްރާހީމް އާމިރު (ސަލްސާ އާމިރު) އާއި ޝާއިރާ ސަލީމް (ޝެރީ ޝާއިރާ) އަދި އަލިމަނިކު (ޓެޕްކޯން އައްޔަ) އެވެ.
ސަންއެފްއެމް އެވޯޑްސް އަށް މިއަހަރު އަލަށް ތައާރަފު ކުރި ދާއިރާ ތަކުގެ ތެރޭގައި ހިމެނޭ އަހަރުގެ އެންމެ މަގުބޫލު އެކްޓަރު އެވޯޑަށް ވާދަ ކުރާ ގަދަ ތިނަކީ މުހައްމަދު ޢަބްދުﷲ (މުހައްމާ) އާއި މުހައްމަދު މަނިކު އަދި އަހުމަދު އަޒްމީލް (އަޒޭ) އެވެ.
ސަންއެފްއެމް އެވޯޑްސް އަށް މިއަހަރު އަލަށް ތައާރަފު ކުރި ދާއިރާ ތަކުގެ ތެރޭގައި ހިމެނޭ އަހަރުގެ އެންމެ މަގުބޫލު އެކްޓްރެސް އެވޯޑަށް ވާދަ ކުރާ ގަދަ ތިނަކީ ސަން އެފްއެމް އެވޯޑްސް 2009 ގެ އަހަރުގެ އެންމެ މަގުބޫލު މުނިފޫހި ފިލުވައިދިނުމުގެ ޝަޚުސިއްޔަތު އެވޯޑް (އަންހެން) ލިބުނު މަރިޔަމް އަފީފާގެ އިތުރުން ނިއުމާ މުހައްމަދު އަދި އާއިޝަތު ރިޝްމީ އެވެ.
ސަންއެފްއެމް އެވޯޑްސް އަށް މިއަހަރު އަލަށް ތައާރަފު ކުރި ދާއިރާ ތަކުގެ ތެރޭގައި ހިމެނޭ އަހަރުގެ އެންމެ މަގުބޫލު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑަށް ވާދަ ކުރާ ގަދަ ތިނަކީ ޢަބްދުﷲ ޝައްފާނާއި އިބްރާހީމް ޢަލީ (ކުޑަ އިއްބެ) އަދި މުހައްމަދު ޝަމްޢޫނު އެވެ.
ސަންއެފްއެމް އެވޯޑްސް އަށް މިއަހަރު އަލަށް ތައާރަފު ކުރި ދާއިރާ ތަކުގެ ތެރޭގައި ހިމެނޭ އަހަރުގެ އެންމެ މަގުބޫލު އަންހެން ލަވަކިޔުންތެރިޔާގެ އެވޯޑަށް ވާދަ ކުރާ ގަދަ ތިނަކީ މާއިން ރަޝީދާއި ޝިފާ ތައުފީގާއި މަރިޔަމް އުނޫޝާ އެވެ.
ސަން އެފްއެމް އެވޯޑްސް 2010 ގެ އެންމެ މަގުބޫލު ކުޅިވަރު ޝަޚުސިއްޔަތު (ފިރިހެން) އެވޯޑަށް ވާދަ ކުރާ ގަދަ ތިނަކީ ސަން އެފްއެމް އެވޯޑްސް 2009ގެ އެންމެ މަގުބޫލު ކުޅިވަރު ޝަޚުސިއްޔަތު (ފިރިހެން) ހާސިލު ކުރި އިބްރާހީމް ނިޒާރުގެ އިތުރުން އަލީ އަޝްފާގު (ދަގަނޑޭ) އާއި އިބްރާހީމް ފަޒީލު (އޮއްޕޮ) އެވެ.
ސަން އެފްއެމް އެވޯޑްސް 2010 ގެ އެންމެ މަގުބޫލު އަންހެން ކުޅިވަރު ޝަޚުސިއްޔަތު އެވޯޑަށް ވާދަ ކުރާ ގަދަ ތިނަކީ ސަން އެފްއެމް އެވޯޑްސް 2009ގެ އެންމެ މަގުބޫލު ކުޅިވަރު ޝަޚުސިއްޔަތު (އަންހެން) ހާސިލު ކުރި އާއިޝަތު ނާޒިމާގެ އިތުރުން މުއީނާ މުހައްމަދާއި މަރިޔަމް ޝީނީޒް އެވެ.
ސަން އެފް އެމް އެވޯޑްސް 2010ގެ ގަދަ ތިނަކަށް ހޮވުނު ފަރާތްތަކުގެ ތެރެއިން ކޮންމެ ކެޓެގަރީ އަކުން ވެސް ގަދަ ތިނެއް ހޮވުމަށް ވޯޓު ދިނުމުގެ ފުރުސަތު މިރޭ ވަނީ ހުޅުވައިލައިފަ އެވެ. މި ފުރުސަތު ބަންދު ވާނީ އަންނަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ރޭ 12:00ގަ އެވެ.
މި ދިޔަ އަހަރު ކުރިޔަށް ގެންދިޔަ ސަން އެފްއެމް އެވޯޑްސް ގައި އަހަރުގެ ޝަޚުސިއްޔަތުން ހޮވާފައި ވަނީ 100 ޕަސެންޓް އާންމުންގެ އެސްއެމްއެސް ވޯޓުންނެވެ. އެހެން ނަމަވެސް މި އަހަރު އެ ވޯޑުގެ ގަވައިދަށް ވަނީ ބައެއް ކަހަލަ ބަދަލުތައް ގެނެސްފަ އެވެ. އެ ގޮތުން އާންމުންގެ ވޯޓަށް 50 ޕަސެންޓް އަދި ފަނޑިޔާރުންގެ ވޯޓަށް 50 ޕަސެންޓް މާކްސް ލިބޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މިދިޔަ އަހަރުގެ ބޭއްވި ސަން އެފްއެމް އެވޯޑްސް 2009 ގައި އެކި ދާއިރާ ތަކުން އެވޯޑް ހާސިލު ކުރެއްވި ފަރާތްތަކަށް ފައިސާގެ އިނާމެއް ދީފައެއް ނުވެ އެވެ. އެހެން ނަމަވެސް މި ފަހަރުގެ އެ ވޯޑުގައި ފައިސާގެ އިނާމުގެ ގޮތުގައި އެއް ލައްކަ ރުފިޔާ ވަނީ ހިމަނައިފަ އެވެ. އެ ގޮތުން ސަން އެފްއެމް އެވޯޑްސް 2010 ގެ އަހަރުގެ އެންމެ މަގުބޫލު ޝަޚުސިއްޔަތަށް ސަން އެފްއެމް އެވޯޑާ އެކު ދިނުމަށް ހަމަޖައްސާފައި ވަނީ ވިހިހާސް ރުފިޔާގެ ގެ ފައިސާގެ އިނާމެވެ. އަހަރުގެ އެހެންޝަޚުސިއްޔަތުންނަށް ހޮވޭ ފަރާތްތަކަށް އެވޯޑާ އެކު ދިނުމަށް ހަމަޖައްސާފައި ވަނީ ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެވެ.
ސަން އެފްއެމް އެވޯޑްސްގެ ފަނޑިޔާރުންގެ ޕެނަލުގައި މި ފަހަރު ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ރައީސް އަހުމަދު ޒާހިރު (ހިރިގާ) އާއި ސަން އެފްއެމްގެ ޕްރޮގްރާމްސް ކޮންސަލްޓެންޓް ފަރެސް މުހައްމަދު އާމިރާއި ވީޓިވީގެ ހެޑް އޮފް ނިޔުސް އެންޑް ކަރަންޓް އެފެއަޒް އިމާދު ލަތީފާއި ވޮލީ ބޯޅަ އެސޯސިއޭޝަންގެ ނައިބު ރައީސް އިލްޔާސް އަހުމަދާއި ދިޓީވީގެ ޑިރެކްޓަރު މަސްއޫދު އަލީ އާއި ފުޓުބޯޅައިގެ ތަޖުރިބާކާރު އިސްމާޢީލް ޒަރިޔަންދު އަދި މިނިސްޓްރީ އޮފް ހޯމް އެފެއަޒްގެ ޑެޕިޔުޓީ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝިޔާމެވެ.
ސަން އެފްއެމް އެވޯޑްސް އަކީ ރާއްޖޭގެ ޚިދުމަތުގެ ދާއިރާގެ އަގު ވަޒަން ކުރުމާއި، ޚިދުމަތްތެރިންނަށް ހިތްވަރު ދިނުމާއި ފުރިހަމަ ޚިދުމަތުގެ ވެއްޓެއް ގާއިމު ކުރުމުގައި މީޑިއާ ސްޓޭޝަނެއްގެ ގޮތުން ސަން އެފްއެމްގެ މައްޗަށް ލާޒިމު ކުރާ އިޖުތިމާއީ މަސްއޫލިއްޔަތުގެ ދަށުން 2009 ވަނަ އަހަރު ސަން މީޑިއާ ގްރޫޕުގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު ފައްޓަވައި ދެއްވާފައިވާ ވަރަށް ޚާއްސަ ޕްރޮގްރާމެކެވެ.
ސަން އެފްއެމް އެވޯޑްސް އަކީ ރާއްޖޭގައި މިހާރު ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މި އެވޯޑަކީ ރައްޔިތުންގެ ބަސް އެންމެ ފުޅާ ދާއިރާއެއްގައި ހިމެނިގެން ދެވޭ އެވޯޑް ވެސްމެ އެވެ. މިދިޔަ އަހަރުގެ ސަން އެފްއެމް އެވޯޑް ނައިޓަކީ ރާއްޖޭގައި މިދިޔަ އަހަރު ބޭއްވި އެންމެ ކުލަ ގަދަ އެފަދަ އެއް ހަފުލާ އެވެ. މި އަހަރުގެ ސަން އެފްއެމް އެވޯޑް ނައިޓު ވެސް ވަރަށް ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އެވޯޑްސް ކޮމެޓީގެ މުގައްރިރު ފަރެސް މުހައްމަދު އާމިރު ވިދާޅުވެ އެވެ.
ސަން އެފްއެމް އެވޯޑުގެ ގަދަ ތިނަކަށް ހޮވިފައިވާ ފަރާތްތަކުގެ ތެރެއިން އަހަރުގެ ޝަޚުސިއްޔަތުން ހޮވުމަށް ޢާންމުން ވޯޓު ދޭ އިރު ކޮންމެ ދުވަހަކު ވެސް ކުރީ ދުވަހާ ހަމަޔަށް އޮންނަ ވަގުތީ ނަތީޖާ ސަން އެފްއެމް އިންނާއި ސަން އޮންލައިން މެދުވެރިކޮށް އެނގޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމުގައި އެވޯޑު ކޮމެޓީގެ މުގައްރިރު ފަރެސް އާމިރު ރޭ ވަނީ ވިދާޅުވެފަ އެވެ. އެ ގޮތުން މި ނަތީޖާތައް އާންމު ކުރާނީ ލިބޭ އެސްއެމް އެސްގެ ސީދާ އަދަދުގެ ބަދަލުގައި ޕަސެންޓޭޖުން ކަމަށް އޭނާ ވިދާޅުވި އެވެ.