ލިފްޓް ގޮޅިން ވެއްޓުނު ތުއްތު ކުއްޖާ ނިޔާވެއްޖެ

ހެންވޭރު ފެންނާގެ: އަންހެނަކާއި ތުއްތު ކުއްޖަކު ވެއްޓުނު -- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ހެންވޭރު ފެންނާގޭ ލިފްޓް ގޮޅިން އިއްޔެ ވެއްޓުނު ހަތް މަހުގެ ތުއްތު ކުއްޖާ މިއަދު ހެނދުނު ނިޔާވެއްޖެ އެވެ. އޭޑީކޭ ހޮސްޕިޓަލުން އެކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު މިއަދު "ސަން" އަށް ވިދާޅުވީ އެ ކުއްޖާ ނިޔާވީ މިއަދު ހެނދުނު 9:30 އެހާކަންހާއިރު ކަމަށެވެ. އަދި ވިދާޅުވީ ތުއްތު ކުއްޖާ ނިޔާވީ އެ ކުއްޖާގެ ބޮލަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ކަމަށެވެ.

އައްފާލު ރޭ "ސަން" އަށް ވިދާޅުވީ ތުއްތު ކުއްޖާގެ ބޮލަށް ލިބުނު އަނިޔާތަކަށް އޮޕަރޭޝަނެއް ވެސް ކޮށްފައިވާ ކަމަށެވެ. އަދި ތުއްތު ކުއްޖާގެ ބޮލުގެ ނާށިގަނޑުގެ އެކި ތަންތަނުން ފަޅައިގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ކުއްޖާގެ ވާތު ފައިގައި ރެނދު ވެސް ލާފައިވާ ކަމަށެވެ.

ތުއްތު ކުއްޖާއާ އެކު ލިފްޓު ގޮޅިން ވެއްޓުނު އެ ކުއްޖާގެ މާމަގެ ހާލު އެހާ ސީރިއަސް ނޫން ކަމަށް އައްފާލު ވިދާޅުވި އެވެ. އައްފާލު ވިދާޅުވީ އެ ކުއްޖާގެ މާމައަށް މާ ބޮޑެތި އަނިޔާތަކެއް ނުލިބޭ ކަމަށެވެ.

ފެންނާގޭގެ ލިފްޓްގޮޅި: މި ލިފްޓު ގޮޅިން ވެއްޓުނު ތުއްތު ކުއްޖާގެ ބޮލުގެ ނާށިގަނޑުގެ އެކިތަންތަނުން ފަޅައިގެން ގޮސްފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނި -- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ތުއްތު ކުއްޖާ އާއި އެ ކުއްޖާގެ މާމަ ލިފްޓު ގޮޅިން ވެއްޓުނު ހ. ފެންނާގޭގައި ދިރިއުޅޭ މީހަކު ރޭ "ސަން" އަށް ބުނީ ތުއްތު ކުއްޖާ ވެއްޓިފައި އޮތް އިރު އެ ކުއްޖާގެ ހަރަކާތް ހުއްޓިފައިވާ ކަމަށެވެ. އޭނާ ބުނީ އެ ކުއްޖާގެ މާމަ ވެއްޓިފައި އޮތް އިރު އޭނާ ލައިގެން ހުރި ހެދުން ލިފްޓު ގޮޅި ތެރޭގައި ހުރި ހޮޅިދަނޑިއެއްގައި އަޅައިގަނެފައިވާ ކަމަށެވެ. އަދި ބުނީ ތުއްތު ކުއްޖާ ވެއްޓުނު އިރު ޖަހައިގެން އޮތް ނެޕީ ވެސް ނެއްޓިފައިވާ ކަމަށެވެ.

"ލިފްޓު ގޮޅި ކުރިން ހުރީ ބައްދާފައި. ބައްދާފައޭ މި ބުނީ ކުޑަވަރެއްގެ ފާރެއް ރާނާފައި ހުރީ. އެކަމަކު ލިފްޓު ލުމަށް ކަމަށް ބުނެ އެ ފާރު ތަޅާލިތާ އަދި ނުވާނެ މާ ގިނަ ދުވަހެއް. އަޅުގަނޑުމެންނަށް ވެސް އުނދަގޫވޭ މިހާރު އެ ލިފްޓު ގޮޅިއާ ދިމާލަށް ބަލާލަން ވެސް. ބިރުގަނޭ. މި އިމާރާތުގައި ވަަރަށް ގިނަ ތުއްތު ކުދިން އުޅޭނެ." ހ. ފެންނާގޭގައި ދިރިއުޅޭ މީހާ ކިޔައިދި ނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު އިއްޔެ "ސަން" އަށް ވިދާޅުވީ، އިއްޔެ މެންދުރު 12:38 އެހާކަންހާއިރު، ހ. ފެންނާގޭ ހަ ވަނަ ފަންގިފިލާއިން އަށް މަހުގެ ތުއްތު އަންހެން ކުއްޖަކާއި 56 އަހަރުގެ އަންހެނަކު އެ ގޭގެ ލިފްޓް ގޮޅިއަށް ވެއްޓި އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފެންނާގެ ވެރިފަރާތުން ސަން އަށް ވާހަކަ ދެއްކި މީހަކު ބުނީ އެ ހާދިސާ ހިނގީ އެގޭގެ ލިފްޓް ލުމަށް، ލިފްޓް ގޮޅީގެ ބޭރުގައި ރާނާފައި ހުރި ހަތަރު ފޫޓުގެ ފާރުތަޅާލިތާ ދެ ވަނަ ދުވަހު ކަމަށާއި އެ ހާދިސާ ހޮނިހިރު ދުވަހު ހިނގީ، މަސައްކަތް ހަވާލު ކުރި ކުންފުނިން އައިސް އެ ދުވަހު މަސައްކަތް ފެށުމުގެ ކުރިން ކަމަށެވެ. އަދި ބުނީ ލިފްޓު ލުމާއި ލިފްޓް ގޮޅީގައި ސިމެންތި ޖަހައި ރީތި ކުރުމަށް ހަވާލުކޮށްފައި ވާނީ ވެސް ޕްރޮފެޝަނަލް ދެ ކުންފުންޏަކާ ކަމަށާއި އެކަމުގައި އެ ދެ ފަރާތުގެ ޒިންމާއެއް ވެސް އޮންނާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި ބުނީ ތަން ކުއްޔަށް ދިން އިރު އެއްވެސް ބައެއްގެ ކައިރީގައި ވަކި މުއްދަތަތެއްގެ ތެރޭގައި ލިފްޓްލާނެ ކަމަށް ބުނެފައި ނުވާނެ ކަމަށެވެ.

އެގޭގެ ވެރިފަރާތުން ބުނީ އެ ހާދިސާ ހިނގުމުން ހިތާމަކުރާ ކަމަށާއި ނަމަވެސް އެކަން ހިނގީ ޒަމާންތަކެއް ވަންދެން ލިފްޓް ގޮޅި ހުޅުވާލާފައި ހުރުމުން ނޫން ކަމަށާއި ލިފްޓް ލުމަށް މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.

comment ކޮމެންޓް