ޖޭމްސް ބޮންޑް ފިލްމުތަކުގައި ބޮންޑުގެ ރޯލުން ފެނިގެންދާ ޑެނިއަލް ކްރޭގް އިތުރު ބޮންޑް ފިލްމުތަކެއް ކުޅެން ބޭނުން ނުވާ ކަމަށް ބުނެފި އެވެ.
ކްރޭގްގެ ހަތަރު ވަނަ ބޮންޑް ފިލްމު "ސްޕެކްޓާ" އަންނަ މަހު އެޅުވުމަށް ހަމަޖެހިފައިވާ އިރު އެއާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް އިންޓަވިއު އަކަށް އަރާ އޭނާ ބުނީ ބޮންޑް ފިލްމެއް އިތުރަށް ކުޅެން ބޭނުން ނުވާ ކަމަށާއި ދެން ބޭނުން ވަނީ އެކި ރޯލުތަކުން ކުރިއަށް ދާން ކަމަށެވެ.
ބޮންޑް ފިލްމު ކުޅުން ހުއްޓަލުމުގެ ހިޔާލު މީގެ ދެ އަހަރު ކުރިން ފެށިގެން ވެސް ގެންގުޅެމުން އަންނަ ކަމަށް ކްރޭގް ވަނީ އެ އިންޓަވިއުގައި ބުނެފަ އެވެ. އޭނާ ބުނީ އިތުރު ބޮންޑް ފިލްމެއް ކުޅުނަސް ދެން ކުޅޭނީ އެންމެ ފިލްމެއް ކަމަށެވެ. އެ ފިލްމު ވެސް ކުޅޭނީ ހަމައެކަނި އޭގެ އިން ލިބޭ ފައިސާ އަށް ކަމަށް ކްރޭގް ބުންޏެވެ.
"އިތުރު ބޮންޑް ފިލްމެއް ކުޅުން؟ އިތުރު ފިލްމެއް ކުޅުމުގެ ކުރިން އަހަރެން އަމިއްލަ އަތުގައި ތޫނު އެއްޗެއް އަޅާނަން. އަހަރެން ބޭނުމެއް ނޫން އިތުރު ބޮންޑް ފިލްމެއް ކުޅޭކަށް،" ބޮންޑް ފިލްމެއް ކުޅެން ބޭނުން ނުވާ ވަރު ހާމަ ކުރަމުން އޭނާ ބުންޏެވެ.
ކްރޭގް އެންމެ ފުރަތަމަ ބޮންޑް ފިލްމެއް ކުޅެފައި ވަނީ 2006 ވަނަ އަހަރުގަ އެވެ. ޖޭމްސް ބޮންޑްގެ ރޯލު އޭނާ 2006 ވަނަ އަހަރު ކުޅެފައި ވަނީ ކަސީނޯ ރޯޔަލްގަ އެވެ. އެއަށް ފަހު 2008 ވަނަ އަހަރު ވަނީ ކުއަންޓަމް އޮފް ސޮލޭސް އިން ފެނިގެން ގޮސްފަ އެވެ. އެންމެ ފަހުން ބޮންޑް ފިލްމަކުން ފެނިގެން ގޮސްފައި ވަނީ 2012 ވަނަ ނެރުނު ސްކައިފޯލް އިންނެވެ. އެ ފިލްމަކީ މިހާތަނަށް ނެރުނު އެންމެ ކާމިޔާބު އަދި ބޮޑު އާމްދަނީއެއް ލިބުނު ޖޭމްސް ބޮންޑް ފިލްމެެވެ.