ފްލައިން ސްކޫލްގެ ކުޑަ ބޯޓެއް އައްޑު އަށް ވެއްޓިއްޖެ

ފްލައިން ސްކޫލްގެ ބޯޓު ގަން އެއާޕޯޓަށް ވެއްޓިފައި -- ފޮޓޯ/ ސަން ކިޔުންތެރިއެއް
އައްޑޫ ސިޓީގެ ފްލައިން ސްކޫލްގެ ކުޑަ ބޯޓެއް ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ އަށް ޖައްސަނިކޮށް ވެއްޓި ދިވެހި ޒުވާން އަންހެން ކުއްޖަކަށް ފޭދޫ ސިއްހީ މަރުކަޒުގައި ފަރުވާދޭން ފަށައިފި އެވެ.
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ސަން އަށް ވިދާޅުވީ މިއަދު ހެނދުނު 11:00 އާއި 12:00އާ ދެމެދުގެ ވަގުތެއްގައި ހިނގި އެ ހާދިސާއަކީ ސީރިއަސް ހާދިސާއެއް ނޫން ކަމަށެވެ. ނަމަވެސް ބޯޓަށް ގެއްލުންވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ އެ ހާދިސާ ހިނގި އިރު ބޯޓުގައި ތިބީ ދެ މީހުން ކަމަށާއި އެކަކީ ޕައިލެޓުން ޓްރޭންކޮށްދޭ މީހާ ކަމަށެވެ. އަދި އޭނާ އަށް އެއްވެސް ވަރަކަށް އަނިޔާ ނުވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
ފޭދޫ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ އާމިނަތު ލުބުނާ ސަން އަށް ވިދާޅުވީ ފްލައިން ސްކޫލްގެ ސީނިއާ ސްޓޫޑެންޓުގެ ބޭރު ފުށުން އެއްވެސް ޒަޚަމެއް ފެންނަން ނެތް ކަމަށާއި އެތެރެފުށުން އަނިޔާއެއް ލިބިފައިވޭތޯ ބަލަން އެކްސްރޭ ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އޭނާ ވިދާޅުވީ ފްލައިޓު ވެއްޓުމުން އެކުއްޖާ އަށް ލިބުނީ ޓްރޮމެޓިކް ޝޮކެއް ކަމަށާއި ތަދުކަނޑުވާ ބޭސް ދިނުމަށް ފަހު އެކުއްޖާ މިހާރު އޮތީ އޮބްޒަވޭޝަން ރޫމްގައި ކަމަށެވެ.
އައްޑޫ ސިޓީގެ މޭޔަރު ވިދާޅުވީ މީގެ ދެ އަހަރު ކުރިން ވެސް އެފަދަ ހާދިސާއެއް ހިނގާފައިވާ ކަމަށާއި އެ ފަހަރު ވެސް ހިނގީ ސީރިއަސް ހާދިސާއެއް ނޫން ކަމަށެވެ.
comment ކޮމެންޓް