ލޯކަލް ކައުންސިލް އިންތިހާބު:
ކެލާ ދާއިރާގެ ވޯޓުލާ މީހުންގެ ރަޖިސްޓްރީ އާންމުކޮށްފި

ހއ. ކެލާ ދާއިރާއަށް ވޯޓް ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓް އިލެކްޝަނުން އާއްމުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެޕްރީލް9 ، 2011 ވަނަ ދުވަހު ކެލާގައި ނެގުމަށް ހަމަޖައްސާފައިވާ ކެލާ ކައުންސިލާއި އަތޮޅު ކައުންސިލަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓް، އެ ކޮމިޝަންގެ ވެބްސައިޓްގަ އާއި ކެލާ ގައި މިހާރު އާއްމުކޮށްފައިވާ ކަމަށެވެ.

ކޮމިޝަނުން ބުނީ މި އިންތިޚާބްގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވަނީ ފެބްރުއަރީ5، 2011 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކެލާ ކައުންސިލަށާއި، އަތޮޅު ކައުންސިލަށް ވޯޓްލުމަށް ކެލާގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ އެގްޒެކެޓިވް ޑިރެކްޓަރ އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ ކޮމިޝަނުން އާއްމުކޮށްފައިވާ ކެލާ ދާއިރާގެ ރަޖިސްޓްރީގައި ހިމެނޭނީ ހަމައެކަނި ކެލާ ދާއިރާއަށް ވޯޓްލާ މީހުންނާ އެއަތޮޅު ކައުންސިލަށް ވޯޓްލާ ވަށަފަރު މީހެއްގެ ނަން ކަމަށެވެ.

" ކުރިން ފަހަރު ވޯޓްލުމަށް ބަހައްޓާފައި ވާނީ އެއް ފޮށި. ނަމަވެސް މިފަހަރު 1009 މީހުން ވޯޓްލުމަށް ދެ ފޮށި ހުންނާނެ. އެ ދެ ފޮށި ކައިރީގައި ވެސް ޙަރަކާތްތެރި ވާނީ އިލެކްޝަނުން އެކޮޅަށް ދާ އޮފިޝަލުން." ހަބީބު ވިދާޅުވި އެވެ.

ކެލާ ދާއިރާގެ އިންތިހާބް ދެވަނަ ފަހަރަށް ބާއްވަނީ އިންތިހާބްގައި ކެލާ ދާއިރާގައި ވޯޓްލުން ކުރިއަށް ދިޔައިރު ވޯޓުލުމުގެ ހައްގު ގިނަ ބަޔަކަށް ގެއްލި، ގިނަ އަދަދެއްގެ ބަޔަކު ވޯޓު ލާން ކިޔޫގައި ތިއްބައި ވޯޓު ފޮށި ބަންދުކުރުމަށްފަހު ވޯޓު ލެވޭނެ މާހައުލެއް އަލުން އުފައްދައި ދީފައިނުވުމާއި ކެލާގެ ވޯޓު ފޮށި ގުނިއިރު ކެންޑިޑޭޓުންނާއި އޮބްޒާވަރުންނަށް ބައިވެރިވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ބުނެ އަލުން އިންތިހާބް ބާއްވައިދިނުމަށް އެދި އެމްޑީޕީން ހައި ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެމައްސަލާގައި މިމަހުގެ 19 ވަނަ ދުވަހު ހައިކޯޓުން ވަނީ ކެލާގައި އެރަށު ކައުންސިލާއި، އަތޮޅު ކައުންސިލަށް ވޯޓްލުމަށް ބޭއްވި އިންތިހާބް ބާތިލް ކަމަށް ބުނެ އެ ދާއިރާގެ ވޯޓްލުން އަލުން ބޭއްވުމަށް ހުކުމްކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު