ކިތަންމެ ގިނަ ތައްޓެއް ހޯދިޔަސް އަބުޖީއާއި މާއްޓޭގެ މަގާމަކަށް އަޅުގަނޑަކަށް ނުދެވޭނެ: ސުޒޭން

ސަންޓީވީގެ ސްޕޯޓްސް ޕްރޮގްރާމްގައި ސުޒޭން ވާހަކަދައްކަނީ: އޭނާ ބުނީ ކިތަންމެ ގިނަ ތައްޓެއް ހޯދިޔަސް އަބުޖީއާއި މާއްޓޭގެ މަގާމަކަށް އަޅުގަނޑަކަށް ނުދެވޭނެ ކަމަށް --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ކިތަންމެ ގިނަ ތައްޓެއް ހޯދިޔަސް ވިކްޓްރީގެ ކުރީގެ ދެ ކޯޗުން ކަމަށްވާ އަބްދުލް ޖަލީލް (އަބްޖީ) އާއި މައުރޫފް އަހްމަދު (މާއްޓޭ) ގެ މަގާމަކަށް ދުވަހަކުވެސް އޭނާއަށް ނުދެވޭނެކަމަށް މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނެފިއެވެ.

ސަންޓީވީގެ ސްޕޯޓްސް ޕްރޮގުރާމުގައި ވާހަކަ ދައްކަމުން އަބްޖީއާއި މާއްޓޭގެ ކޯޗް ކަމުގެ ދަށުން ވިކްޓްރީއަށް ކުޅެ އެޓީމުގެ ކޯޗްކަންވެސް ކޮށްފައިވާ ސުޒޭން ބުނީ ފުޓްބޯޅައިގައި އޭނާއަށް ގިނަ ކަންތައް އެނގުނީ އަބްޖީއާ މާއްޓޭގެ ކިބައިން ކަމަށެވެ.

"އަބުޖީ އާއި މާއްޓޭމެން ކައިރިން އަޅުގަނޑު ދަސްކުރި ފިލާވަޅުތައް އެއީ އަޅުގަނޑު ތަށި ހޯދަން ދަސް ކުރި ސަބަބަކީ. އޭގެތެރެއިން އައިމީހެއް އަޅުގަނޑަކީ. އަޅުގަނޑު މިހިރަ މަގާމަށް ބަލާއިރު އަޅުގަނޑު އެއްގޮތަކަށްވެސް ބަލާކަށް ނުޖެހޭ އަބުޖީ އާއި މާއްޓޭ ހޯދި ކާމިޔަބުތަކާ ހަމަކުރާކަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑު އެއާ ހަމަ ކުރާނެ. އެހެން ނަމަވެސް އެމީހުންނާ ހަމަޔަށް ދުވަހަކުވެސް އަޅުގަނޑަކަށް ނާދެވޭނެ،"

އޭނާގެ ކުރީގެ ކުލަބު ވިކްޓްރީއާ މެދު ދެކެނީ ކިހިނެއްތޯ ސުވަލުކުރުމުން ސުޒޭން ބުނީ ވިކްޓްރީއަކީ އޭނާއާ ޚާއްސަ ގުޅުމެއް އޮތް ކުލަބެއް ކަމަށާއި ނަމަވެސް މާޒިޔާއަށް ދެރަ ނުވާނެ ކޮންމެ ގޮތަކަށް ވިކްޓްރީ މޮޅުވުމަކީ އޭނާވެސް އެދޭނެ ގޮތް ކަމަށެވެ.

އޭނާގެ ފުޓްބޯޅައިގެ ކެރިއާ ނިންމާލަން ބޭނުންވަނީ މާޒިއާގައި ހުރެގެން ކަމަށާއި އިތުރު ކުލަބަކަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށް ވެސް ސުޒޭން ބުންޏެވެ.

ރާއްޖޭގައި މިހާރު އެންމެ ސަޕޯޓަރުން ގިނަ އެއް ކުލަބަކީ މާޒިޔާކަމަށް ދަންނަވަން ކެރޭ ކަމަށާއި މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު ރަށުގައި ކުޅުނު ޕްރެޒިޑެންޓް ކަޕްގެ ފައިނަލް މެޗްގައި 99 ޕަސަންޓް ސަޕޯޓަރުން ތިބީ މާޒިޔާއާ އެކު ކަމަށް ވެސް ސުޒޭން ބުންޏެވެ.

އޭނާ ބުނީ ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި މާލޭގައިވެސް އެންމެ ސަޕޯޓަރުން ގިނަ ކުލަބަށް މާޒިޔާ ވެގެންދާނެ ކަމަށެވެ.

"މާލޭގެ އެންމެ ސަޕޯޓަރުން ގިނަ އެއް ކުލަބަށް ވެދާނެ ނިއުރޭޑިއަންޓް. ނުވަތަ ވިކްޓރީވެސް ވެދާނެ. ނުވަތަ ވެލެންސިއާވެސް ވެދާނެ. އެކަމަކު ދިވެހިރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކުލަބަކީ މިހާރު މާޒިޔާ. އެކަން އެނގޭނެ އައްޑޫގެ ހިތަދޫ ސްޓޭޑިއަމުންވެސް. 10 މީހުން ތިބިއްޔާ ނުވަ މީހުން ތިބީ ފެހި ކުލައިގައި. ދެން އިން މީހާ އިނީ ނޭނގޭ ކަމަށް ހަދައިގެން ފެށުނީންސުރެ 99 ޕަސަންޓް ތިބީ މާޒިޔާގެ ސަޕޯޓަރުން. މިދައްކަނީ މާލެ ފިޔަވައި ދެން އޮތް އެންމެ ބޮޑު ރަށުގެ ވާހަކަ،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ އެންމެ ގިނަ ސަޕޯޓަރުން ގުނަން ޖެހޭނީ ފޭސްބުކް ޕޭޖަކަށް ލައިކު ކޮށްފައިވާ އަދަދު ބަލައިގެން ނޫން ކަމަށާއި ސަޕޯޓަރުންގެ ގޮތުގައި ބަލަން ޖެހޭނީ ފައިނަލް މެޗްތަކުގައި ކުލަބަށް ސަޕޯޓުދޭން ދާ މީހުން ކަމަށެވެ.

comment ކޮމެންޓް