ކުޑަ ކުއްޖަކާ ގަދަކަމުން ބެހުނު ކަމުގެ ތުހުމަތުގައި ނިލަންދޫ މީހަކު ހައްޔަރުކޮށްފި

ފ. ނިލަންދޫގައި ކުޑަ އަންހެން ކުއްޖަކާ ގަދަ ކަމުން ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އުމުރުން 35 އަހަރުގެ އެ މީހާ ހައްޔަރު ކުރީ އުމުރުން ހަތް އަހަރުގެ އަންހެން ކުއްޖަކާ ބެހިގެން ރޭ 9:30 ހާކަންހާއިރު ކަމަށެވެ.

ފުލުހުން ބުނީ އެ ކުޑަ އަންހެން ކުއްޖާ ދިރިއުޅޭ ގެއަށް އާންމުކޮށް ވަދެ އުޅޭ އެ ފިރިހެން މީހާ އެކިފަހަރު މަތިން އެ ކުއްޖާއާ ބެހިފައިވާ ކަމަށެވެ.

ފަހަކަށް އައިސް ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަ އަންނަނީ ފެންމަތިވަމުންނެވެ.

އެގޮތުން ނ. ކުޑަފަރީގައި އުމުރުން ނުވަ އަހަރުގެ ކުއްޖަކާ، އެ ކުއްޖާގެ ދޮންބައްޕަ ބެހުނު ކަމުގެ ތުހުމަތުގައި ބުރާސްފަތި ދުވަހުގެ ރޭ ވަނީ ދޮންބައްޕަ ހައްޔަރުކޮށްފަ އެވެ.

އަދި ހއ. ދިއްދޫގައި އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި 86 އަހަރުގެ މީހަކު ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު