އައްޑޫ ސިޓީއަށް އޮތީ ހުސް ގޮންޖެހުން

އެތައް ހުރަހެއް ގިރާކުރުމަށްފަހު އައްޑު އަތޮޅަށް، އައްޑޫ ސިޓީއެއްގެ ދަރަޖަވަނީ ދީފަ އެވެ. އައްޑޫއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކޮށް، ތަރައްގީކުރުމަށް މަގުޗާޓު ކުރަހައި، އެއަށް އަމަލީ ސިފަ ގެނައުމުގެ ޒިންމާ ހަ މެމްބަރުންގެ އައްޑޫ ސިޓީ ކައުންސިލާ ރައްޔިތުންވަނީ ހަވާލުކޮށްފަ އެވެ. މާލެއަށްފަހު އެންމެ ބޮޑަށް ތަރައްގީވެފައިވަނީ އައްޑު އަތޮޅުކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް، އައްޑޫގެ ތަރައްގީ އާއި އިގުތިސާދު އޮތީ ކުރިއެރުވޭނެ މިންވަރާ އަޅާބަލާއިރު ވަރަށް ފަހަތުގަ އެވެ.

އާމްދަނީ ހޯދުމަށް ކުރެވޭނެ މަސައްކަތްތައް އައްޑޫގައި މަދުވެފައި، އިގުތިސާދީ ހަރަކާތްތައް ވެސް މަދެވެ. ބައިނަލް އަގްވާމީ ވައިގެ ބަނދަރަކާއި ސަރަހައްދީ ބަނދަރެއް އޮތް ނަމަވެސް، އެތަން ތަނަށް ބޭނުންވާ ވަރަށް ޑިމާންޑް ނެތުމުން ހަގީގަތުގައި މާބޮޑު ފައިދާތަކެއް ނުކުރެ އެވެ. ދެ ރިސޯޓެއް ހުޅުވައި ހިދުމަތްދޭން ފަށައިފައިވާނަމަވެސް، އެތަންތަނުން ވެސް ވަޒީފާ ލިބިފައިވަނީ ނިސްބަތުން މަދު ދިވެހިންނަކަށެވެ. އެހެންކަމުން، އައްޑޫގައި ވަޒީފާއެއް ލިބުމަކީ ފަސޭހަކަމެއް ނޫނެވެ. ތަރައްގީގެ ގޮތުން ބަލާ އިރު އެތައް ތަނެއް ފަހަތުގައި އިގުތިސާދު އޮތްއިރު، އަސާސީ ހިދުމަތްތަކެއް ވެސް ނުލިބެ އެވެ. ނަރުދަމާ އާއި ސާފު ބޯފެނުގެ މަޝްރޫއު އަދިވެސް ނުނިމި، މަސައްކަތް ކުރިއަށްދާއިރު، ސިއްހީ ހިދުމަތުގެ ފެންވަރު އަދިވެސް އޮތީ ދަށު ދަރަޖައެއްގަ އެވެ. މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތުތައް ވެސް އެހާ ހަންޏެވެ. ބޮޑެތި ލޯނުތަކެއް ނަގައިގެން ދަރަނިވެރިވެފައިވާ އާއިލާތަކުން ދަނީ ރަނގަޅު ބޯހިޔާވައްސެއް ހޯދުމަށް ލިބޭ މަދު އާމްދަނީކޮޅު ގުރުބާންކުރަމުންނެވެ. މިއީ އައްޑޫގެ ހާލަތެވެ.
~
އެހެންކަމުން، ތިރީސްހާހާ ގާތްކުރާ މީހުންގެ އާބާދީއެއް އޮންނަ އައްޑު އަތޮޅުގައި ސިޓީ ކައުންސިލެއް އުފައްދައި، އެތަނަށް ސިޓީގެ ނަން ދިނުމުގައި ސަރުކާރުގެ ކޮންމެ މަގުސަދެއް އޮތް ނަމަވެސް، އައްޑޫ ރައްޔިތުން އެތަނުގައި ސިޓީ ކައުންސިލެއް އުފައްދަން ބޭނުންވި ސަބަބު ވަރަށް ސާފެވެ. އައްޑޫއަށް ގެންނަންޖެހޭ، އަދި ގެނެވޭނެ ކަމަށް އެ އަތޮޅުގެ ރައްޔިތުން ޒަމާނުއްސުރެ ގަބޫލުކުރި ފުރިހަމަ ތަރައްގީ ގެނައުމެވެ. އައްޑޫ ރައްޔިތުން މިހާރު ތިބި ހާލަތުން އަރައިގަތުމެވެ.

"އަފިރިހެން ބޭނުންވޭ ކަންކަން ކެރުމުގެ ބާރަ އޮތީ ސިޓީ ކައުންސިލަކި އަތި. އެހެންވެ ވޯޓާ ދިނީ،" ސަރުކާރުން ކަނޑައަޅައިފައިވާ އުސޫލުން ރަށްތައް ގުޅާލުމަށް ފެނޭތޯ ބެލުމަށް އޮކްޓޯބަރު 9، 2010 ބޭއްވި ރިފެރަންޑްރަމްގައި އައްޑޫ ސިޓީއަކަށް ހެދުމަށް ވޯޓު ދިން 23 އަހަރުގެ ޒުވާނަކު ބުންޏެވެ.

އައްޑޫ ސިޓީ ކައުންސިލުގެ ހަ ގޮނޑި ލިބިފައިވަނީ ވެސް، އައްޑޫ ސިޓީއަކަށް ހެދުމަށް އެންމެ ބޮޑަށް ވަކާލާތު ކުރި ވެރިކަންކުރާ އެމްޑީޕީގެ ބޭފުޅުންނަށެވެ. އައްޑޫ ސިޓީގެ މޭޔާ އަބްދުﷲ ސޯދިގު ވިދާޅުވީ، އައްޑޫގައި އެކަށީގެންވާ ހިދުމަތްތައް ނުލިބުމާއި ވަޒީފާގެ ފުރުސަތުތައް މަދުވުމުގެ ސަބަބުން ގިނަ ރައްޔިތުންތަކެއް ދިރިއުޅެން ޖެހިފައިވަނީ ވަރަށް ދަތިހާލުގައި ކަމަށް އޭނާ އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ.
"ރައްޔިތުން ތިބީ ވަރަށް ދަތިހާލުގައި. އަންއެމްޕްލޯއިމެންޓް ރޭޓް )ވަޒީފާނެތް މީހުންގެ އަދަދު( އެންމެ ގިނައީ އައްޑޫގައި ކަމަށް އަޅުގަނޑަށް މިފެންނަނީ،" ސޯބެ، 42 ވިދާޅުވި އެވެ. އެ ހާލަތު ބަދަލުކުރުމަކީ އައްޑޫ ސިޓީ ކައުންސިލްގެ އަޒުމް ކަމަށާއި އައްޑޫ ނަމޫނާ ސިޓީއަކަށް ހެދުމަށް ކައުންސިލުން މިހާރު ވެސް ވަނީ މަސައްކަތް ފަށައިފަ ކަމަށް ސޯބެ ވިދާޅުވި އެވެ. ނަމަވެސް، އެ މަސައްކަތް ރަނގަޅަށް ކުރިއަށް ގެންދެވޭނީ ކައުންސިލްގެ ޕްލޭނެއްގެ އިތުރުން ވިޝަން އަދި މިޝަން އެއް އޮވެގެން ކަމަށާއި "ސުމަކުން" ފަށައިގަތުމަށްވުރެ ބޮޑަށް ރަނގަޅުވާނީ އައްޑޫ ތަރައްގީ ކުރަން މީގެ ކުރިން އެކުލަވާލައިފައިވާ ތަސައްވުރު "ވިޝަން އައްޑޫ" އިސްލާހުކޮށްގެން، އެ ތަސައްވުރަށް އަމަލުކުރުން ކަމަށްވާތީ، ސިޓީ ކައުންސިލުން އައްޑޫ ވިޝަން ގަބޫލުކޮށްފައިވާ ކަމަށެވެ.

"ކައުންސިލްގެ މަސައްކަތްތައް ޕްލޭނެއް ނެތި އޮތިއްޔާ އެ ވެގެންދާނީ ވަރަށް ނުބައި ކަމަކަށް. ތަރައްގީއެއްނޫން ކުރެވޭނީ. ވަރަށް ގޯހުން ގޯހަށް ކަންކަންދާނީ. އެހެންވީމަ އަޅުގަނޑުމެން މިދަނީ ފެށުނީއްސުރެ ފަށައިގެން، ފުރަތަމަ ކައުންސިލްގެ ހިންގާ ގަވައިދު ފާސްކޮށް. ދެން އާއްމު ގަވައިދުތައް ފާސްކޮށް، މިހާރު މިދަނީ ޕްލޭންކުރަމުން،" ސޯބެ ވިދާޅުވި އެވެ.

އެގޮތުން ވިޝަން އައްޑޫގައި ހުރި ދާއިރާތަކުން ކުރެވެން ހުރި ކަންތައްތަކާ ގުޅޭ ގޮތުން ތަފާތު ދާއިރާގެ ފަންނީ ބޭފުޅުންނާ މަޝްވަރާކޮށް، އެކްޝަން ޕްލޭން އެކުލަވާލުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ މިދިޔަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު މުހިންމު ވޯކްޝޮޕްތަކެއް ވެސް ބާއްވައިފަ އެވެ. ސޯބެ ވިދާޅުވީ، އެ ވޯކްޝޮޕުގައި މައިގަނޑު ދާއިރާތަކެއް ކަނޑައަޅައި، އެ ދާއިރާތަކަށް ވަކިވަކިން ޕްލޭންތައް އެކުލަވާލަމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ޓޫރިޒަމާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރަށް ސިއްހަތާއި އަދި ތައުލީމީ ދާއިރާ ހިމެނޭ ކަމަށާއި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭ އެ ދާއިރާތަކުން އައްޑޫ ތަރައްގީކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށް ވެސް ސޯބެ ވިދާޅުވި އެވެ.

އެ ހުރިހާ ޕްލޭނެއްގެ ތެރެއިން ވެސް، އެންމެ ބޮޑު އިސްކަމެއް ދެވިފައިވަނީ ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަޒީފާގެ ފުރުސަތުތައް ހުޅުވައިލެވޭނެ ގޮތަކަށް އަޅުގަނޑުމެންގެ ވިސްނުން މިހުރީ. ޓޫރިޒަމްގެ ދާއިރާއިންވެސް އެކަންކަންކުރެވިދާނެކަން އަޅުގަނޑުމެން ޕްލޭންކުރަމުންދާއިރުވެސް ފެނޭ. އެހެންވީމަ އެކި ދާއިރާތަކުން އަޅުގަނޑުމެން ހުޅުވާލާނަން، ކައިރި މުސްތަގުބަލެއްގައި ވަޒީފާ އުފެދޭނެ ގޮތަށް، ވިޔަފާރީގެ އެކިކަންކަން ކުރިއަށްގެންދިއުމަށް،" ސޯބެ ވިދާޅުވި އެވެ.
ކައުންސިލުން އާ ޕްލޭންތަކެއް އެކުލަވާލަމުންދާއިރު ސަރުކާރުން ވަނީ އައްޑޫގައި ގިނަ މަޝްރޫއުތަކެއް ހިންގުމަށް މިހާރު ވެސް އެކި ކުންފުނިތަކާ ހަވާލުކޮށްފަ އެވެ. އޭގެ ތެރޭގައި އައްޑޫގެ ފެނާއި ނަރުދަމާ އާއި މަގުހެދުމާއި އަދި ސިއްހީ ދާއިރާ ހަރުދަނާކުރުމުގެ އިތުރަށް ކަރަންޓުގެ މަސައްކަތްތައް ހިމެނެ އެވެ. ސޯބެ ވިދާޅުވާ ގޮތުގައި، ކައުންސިލުން އެކުލަވައިލައި ޕްލޭނަކީ އެ ހުރިހާ މަސައްކަތެއްވެސް "އޭގެ އެންމެ ރަނގަޅު ގޮތުގައި ގެންދިއުމަށް އެޅޭ ބިންގަލެއް" ކަމަށެވެ. އަދި އެމަސައްކަތްތަކާ ހަވާލުވެތިބި ފަރާތްތަކާ މަޝްވަރާކޮށްގެން އެ މަސައްކަތްތައް އަވަސްކުރުވުމަށް ވެސް ހުންނެވީ ތައްޔާރަށެވެ.

ރައްޔިތުންގެ މަޖިލިސްތެރެއިން މިހާރު އޮތް އައްޑޫ ސިޓީ ކައުންސިލްގެ ޤާނޫނީ ހައިސިއްޔަތާ ދޭތެރޭ ސުވާލު އުފައްދަމުންދާ މި ދަނޑިވަޅުގައި އެ ކައުންސިލަށް އޮތް ގޮންޖެހުންތައް ކުޑައެއްނޫނެވެ. އިދިކޮޅު ފަރާތްތަކުން ސިފަކުރާ ގޮތުގައި، "ޗާޓުން ބޭރުން" ސަރުކާރުން އެކުލަވައިލައިފައިވާ އައްޑޫ ސިޓީ "ބޭސް ސިޓީ" އަކަށްވުރެވެސް ހާލު ދެރައެވެ. އެހެންނަމަވެސް، އައްޑޫގެ މޭޔާ ވިދާޅުވަނީ، އެކަންކަމަށްވުރެ ބޮޑަށް ސަމާލުކަންދެއްވަނީ ރައްޔިތުންނަށްވީ ވައުދުތައް ފުއްދައިދީ، ނަތީޖާ ދެއްކުމަށެވެ.

"ކުރިއަށް އޮތް ކައިރި މުސްތަގުބަލުގައި ހުސް ވާހަކަ ނުދައްކާ ނަތީޖާ ނެރުން އަޅުގަނޑުމެންގެ އަޒުމަކީ"



ގުޅޭ ޓެގު
comment ކޮމެންޓް