ބަރޮހަށް އެރި ޝާފިއުގެ މަރު:
ކަފުންވެފައިވާ ބޮޑު ވާހަކައެއް، އެތަކެއް ސުވާލެއް؟

"އޭނަގެ ކަނާތް ފަރާތު ކަންފަތުގައި އިންޗިއެއްހާތަން މަތިން ހުރި ފަސް އިންޗިވަރު ދިގުމިނަށް ފަޅައިގެންގޮސްފައި. ފުއްކިބައިގައި ވެސް ހުރި ބޮޑު ޒަޚަމެއް. ހިނެވިއިރު ވެސް ލޭމަނާނުވެއޭ ބުނީ. ކަނާތުލޮލަށް ވެސް ލޭއަރައި، އެ ލޯހުރީ ވަރަށް ބޮޑަށް ދުޅަވެފައި. ކޮނޑުންނާއި އަތުގައި ހުރި އެކިތަންތަނުން ނޫފައިގައިންފައި،" މިދިޔަ އަންގާރަ ދުވަހުގެ ފަތިހު ބަރޮސް ރިސޯޓުގެ ފަޅުތެރެއިން މަރުވެފައި އޮއްވާ ނެގިކަމަށްބުނާ ޒުވާނާ، އަލީ ޝާފިއު، 20، ގެ ގާތް އެކުވެރިޔަކު ބުންޏެވެ.

ޝާފިއުގެ އާއިލާގެ ފަރާތުންވެސް ވެސް ވަނީ ޝާފިއުއަށް ޒަޚަމްތަކެއް ލިބިފައިވާކަން ކަށަވަރުކޮށްދީފަ އެވެ. މިވާހަކަތަކާއެކު އެ ހާދިސާގެ ފުނަށް އިތުރަށް ފީނަން ޖެހޭ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.

ޝާފިއުއަކީ ބަރޮސް ރިސޯޓަށް ވައްކަންކުރަން އެރި ކަމަށް ތުހުމަތުކުރެވޭ ހަތަރު ޒުވާނެއްގެ ތެރެއިން އެކަކު ކަމަށާއި އޭނާ މަރުވެފައި އޮއްވާ ފެނުނީ ހޯދަމުންދަނިކޮށް އެ ރިސޯޓުގެ ޖެޓީ ކައިރީ ފަޅުތެރޭ އޮއްވައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މޫދުން ނެގިއިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ނަމަވެސް ހއ. ތުރާކުނަށް އުފަން ޝާފިއުގެ އާއިލާ އާއި ރަހްމަތްތެރިން މިކަމުގައި ދެކޭގޮތްތަފާތެވެ؛ "ޝާފިއު މަރުވީކީނޫން. އަހަރެން ބުނާނީ ބޮލުގައި އެއްޗަކުން ޖަހައި މަރައިލައިފައި މޫދަށް އެއްލައިލީއޭ،" ސަން އަށް މައުލޫމާތުދިން އޭނާގެ ގާތް އެކުވެރިންގެ ތެރެއިން އެކަކު ބުންޏެވެ.

ޝާފިއުގެ ހަށިގަނޑު މާލެ ގެނެސް އެންމެ ފުރަތަމަ ގެންގޮސްފައިވަނީ އާ ސަހަރާއަށެވެ. ނަމަވެސް، އޭނާގެ ހަށިގަނޑު ޗެކުކުރުމަށްފަހު އައިޖީއެމްއެޗަށް ގެންގޮސްފައި ވެއެވެ. އަދި ފުލުހުންނާއި އާއިލާ އާއި ގިނަ އެކުވެރިންތަކެއްގެ ހާޒިރުގައި އޭނާ ވަޅުލައިފައިވަނީ އިއްޔެ އަސުރު ނަމާދަށް ފަހު އެވެ.

ދާދިފަހުން ރަނގަޅު ނަތީޖާއަކާއެކު ސީއެޗްއެސްއީ ނިންމި ޝާފިއު ކަފުންކޮށް ވަޅުލައިފައިވާ ނަމަވެސް، އާއިލާ އާއި ރަހްމަތްތެރިން އޭނާއަށް ވީގޮތް ބަލަންބޭނުން ވެއެވެ.

"އަހަރުމެންނަކަށް ނޭގޭ ވީގޮތެއްވެސް. ޝާފިއު އެރޭ ނުކުތީ ރައްޓެހި ކުދިންތަކާއެކު މަސްބާނަން ދާށޭ ކިޔައިފައި. ދެން ގުޅައިފައި ފުލުހުން ދިނީ އަނެއްދުވަހު އެ ޚަބަރު. އަހަރުމެންނަކަށް ނޭނގޭ އެކައްޗެއްވެސް،" އާ ސަހަރާގައި ހުރެ އޭނާގެ އާއިލާ މީހަކު އިއްޔެ ބުންޏެވެ. "އެހެންވެގެން އަސްލު މިކަން ބަލަން ބޭނުންވަނީ ވެސް. ބޭނުން އެއީ ކިހިނެތް ލިބުނު ޒަޚަމްތަކެއްތޯ ބަލަން ޝާފިއުއަށް،"

ނަމަވެސް މި މައްސަލައިގައި، ފުލުހުންނާއި އަދި ބަރޮސް ރިސޯޓުންވެސް ބަހެއް ބުނެފައިނުވުމުން ޝާފިއުގެ އާއިލާ އާއި ރަހްމަތްތެރިންގެ ސުވާލުތައް ދަނީ ފުނިޖެހެމުންނެވެ. ރިސޯޓުން މީޑިއާއަށް އެއްވެސް މައުލޫމާތެއް ދޭން ބޭނުންނުވާ ކަމަށް ބުނެފައިވާއިރު ފުލުހުންވެސް ވަނީ "މައްސަލަ ތަހުގީގުކުރަމުންދާތީ" އިތުރު ތަފްސީލު ދިނުމަށް އުޒުރުވެރިވެފަ އެވެ.

ފުލުހުން ނެރުނު ނޫސް ބަޔާނުގައި ހަމައެކަނި ބުނެފައިވަނީ ބަރޮސް ރިސޯޓަށް ދަންވަރު އެރި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކު ރިސޯޓްގެ ފަޅުތެރޭ މަރުވެފައި އޮއްވައި ފެނުނު ކަމަށެވެ. އަދި އެ މީހުން އެ ރިސޯޓަށް އެރީ ވައްކަންކުރަން ކަމަށް ފުލުހުން ތުހުމަތުކުރުމާ ގުޅިގެން ޝާފިއުގެ މަރުގެ ސަބަބުން އާއިލާއަށް ލިބު ފުންހިތާމަވަނީ އިތުރަށް ބޮޑުވެފަ އެވެ. ޝާފިއުގެ އާއިލާއިން ބުނަނީ އޭނަ "އެކަހަލަ ގޯސް ކަމެއް ނުކުރާނެ" ކަމަށެވެ.

"ޝާފިއުގެ ނޯންނާނެ ކުށުގެ ރެކޯޑެއް. ޝާފިއުއަކީ ރަނގަޅު ނަތީޖާ ހޯދި ކުއްޖެއް. އަބަދު އާއިލާއާއެކީ އުޅޭނީ. ބުނެފައި ނޫނިއްޔާ ބޭރަކަށް ނުދާނެ. އަނެއްކޮޅުން ނުލާހިކު ރަނގަޅު ވަޒީފާއެއްގައި އުޅެނީ،" އޭނާގެ އާއިލާ މީހަކު ބުންޏެވެ. "ކީއްކުރަން އޭނަ ވައްކަންކުރަންވީ،"

އޭނާގެ އާއިލާގެ އިތުރަށް، ޝާފިއުގެ މަރާ ގުޅިގެން ހިތާމަކުރަމުންދާ އޭނާގެ ގާތްއެކުވެރިން ތިބީ އެ ތުހުމަތާއި ޝައްކުތަކުގެ ތެރޭގައި ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ.

"ހުސް ދޮގުއެއީ. އެމީހުން ނާރާ ވައްކަންކުރާކަށް. އެންމެން ދިޔައީ މަހަށް. ތިލަފުއްޓަށް ގޮސް މަސްފިހަން ވެގެން އެރިސޯޓަށް އެރީ ހިކިފަން ނަގަން. ގަބޫލުކުރަން އެރީ ވަގަށްކަން. އެކަމަކު އެއީ ވައްކަންކުރާކަށެއް ނޫން. އެމީހުން އައި ލޯންޗު ނައްޓާލީ )ރިސޯޓުގެ( ގާޑު މީހާ ހަޅޭލަވާ އަޑަށް. ދެން ރިސޯޓު މީހުން އަރައިގަތީ. އެހެންވެ ބިރުން ދުވެ ފިލީ،"" ބަރޮހަށް ޝާފިއު އާއި އޭނާގެ ރައްޓެހި އެރި ސަބަބު ކިޔައިދެމުން އޭނާގެ ރައްޓެސަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ރިސޯޓު މީހުން ވަނީ ޝާފިއު ފަހަތުން ދުވެ، އޭނައާ ދިމާއަށް ގާ އުކައިފަ އެވެ. އަދި އޭނާ މޫދަށް ފުއްމާލީ އިތުރު ގޮތެއް ނެތިގެން ކަމަށާއި މޫދުގައި އޮއްވައި ވެސް ގަލެއް އެއްލައި ޝާފިއު ގައިގައި ޖެހި ކަމަށް އޭނާ ބުންޏެވެ.

"އެތާ ހުރި ރިސޯޓުކުއްޖަކު ބުނި ތެޅިއޭ. މޫދަށް ފުއްމާލީމަ ވެސް ގާ އެއްލާ ތެޅިއޭ ބުނީ،" ފަތަން ދަންނަ ޝާފިއުގެ މަރާ ގުޅޭ ގޮތުން އޭނާގެ ރައްޓެހިންނަށް ރިސޯޓުން ލިބިފައިވާ މައުލޫމާތުތަކާ ގުޅޭ ގޮތުން އެކަކު ބުންޏެވެ. "އެކަމަކު ރިސޯޓުން އޮތީ އަންގައިފައި އެކެއްޗެކޭ ވެސް ނުބުނަން. އެހެންވެ އެކަކުވެސް ނުބުނަނީ އެ."

މިކަމާ ގުޅޭ ގޮތުން ޝާފިއުގެ އާއިލާއަކަށް އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތެވެ. އަދި އެ ރިސޯޓަށް އެރީ ކީއްވެގެން ކަމެއްވެސް އާއިލާ މީހުންނަކަށް ނޭގެ އެވެ. އަދި އެ ރިސޯޓުން އާއިލާ މީހުންނާ ވާހަކަދައްކައިފައިނުވާ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

ކޮންމެއަކަސް، ސުވާލުމާކެއްގެ ތެރޭއޮތް ޝާފިއުގެ މަރުގެ ޚަބަރުން ގިނަ ބަޔަކަށް ސިހުން ލިބި، އޭނާގެ އާއިލާ ފުންހިތައިމައިގެ ތެރެއަށް ވެއްޓިފައިވާއިރު، ކަމުގެ ހަގީގަތް ބެލުމަށް ކޮންމެ ގަލެއް ފުރޮޅުމަށް އޭނާގެ އެކުވެރިން ތިބީ ތައްޔާރަށެވެ. އަދި އާއިލާއިންވެސް މަސައްކަތްކުރަމުންދަނީ ޝާފިއުގެ ބޮލުގައި އެޅިފައިވާ ވައްކަމުގެ ތުހުމަތު އެއީ ދޮގެއްކަން ސާބިތުކޮށް، އޭނާއަށް އިންސާފު ހޯދައިދިނުމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް