އއ. ތޮއްޑޫ ރަށު އޮފީހަށް ކަރަންޓް ނުލިބޭތާ އަށް މަސް ފަހުން އެ އޮފީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވިގެން ރަށު އޮފީސް ބަންދުކޮށްފި އެވެ.
ތޮއްޑޫ ކަތީބު އަލީ އާދަމް މިއަދު ވިދާޅުވީ ކަރަންޓް ނުލިބޭ ތަނަކުން ރަނގަޅު ހިދުމަތެއް ވެސް ނުދެވޭ ކަމަށް ބުނެ، ރަށުގެ ބަޔަކު ނުކުމެ އެ ރަށު އޮފީސް މިއަދު ބަންދުކޮށްފައިވާ ކަމަށެވެ.
ރަށު އޮފީހަށް ކުރިން ކަރަންޓް ދެމުން ދިޔައީ އަމިއްލަ ޖަމިއްޔާއެއްގެ އިންޖީނު ގެޔަކުން ކަމަށާއި ރަށު އޮފީހުން ކަރަންޓް ކަނޑާލީ ކަރަންޓް ބިލްތަކަށް ފައިސާ ނުދެއްކުމުން ކަމަށް ކަތީބު ވިދާޅުވި އެވެ. އަދި އެ ބިލްތަކަށް ރަށު އޮފީހުން ފައިސާ ނުދައްކަނީ ކަރަންޓް ބިލަށް އަރާ އަދަދު ބޮޑުކަމުން ކަމަށާއި އެ ކަމާ ގުޅިގެން އަތޮޅު އޮފީހާ ވާހަކަ ދައްކައިގެން ވެސް މިހާތަނަށް ވެސް ހައްލެއް ހޯދިފައިނުވާ ކަމަށް ތޮއްޑޫ ކަތީބު އަލީ އާދަމް ވިދާޅުވި އެވެ.