ރަންގަލި ރިސޯޓު މުވައްޒަފުންގެ މުޒާހަރާ ދިގުދެމިގެންދާތީ ފުލުހުންގެ ފައުޖެއް ރިސޯޓަށް އަރައިފި

ކޮންރަޑް މޯލްޑިވްސް ރަންގަލި ރިސޯޓުގެ ދިވެހި މުވައްޒަފުން މެނޭޖްމެންޓާމެދު ހިތްހަމަނުޖެހިގެން މުޒާހަރާ ކުރަމުން ދާތީ އެމައްސަލަ ހައްލުކުރުމަށް ފުލުހުން އެ ރިސޯޓަށް އަރައިފި އެވެ.

ރޭ އިރާކޮޅުން ފެށިގެން އެ ރިސޯޓުގައި މުޒާހަރާ ކުރަމުންދާ ދިވެހި މުވައްޒަފުންގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވާ މީހުން މިއަދު ބުނީ ފުލުހުން އެރަށައް ގޮސްފައި ވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައި ކަމަށާއި ފުލުހުން މިހާރު މެނޭޖްމަންޓާ ވާހަކަދައްކަމުންދާ ކަމަށެވެ.

"ފުލް ކިޓްގައި ތިބި 30 ހަކަށް ފުލުހުން އެބައުޅޭ މި ރަށައްއަރައިގެން،" މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފަކު ބުންޏެވެ.

ފުލުހުންގެ މީޑއާ އޮފީޝަލަކު މިއަދު ވިދާޅުވީ މުވައްޒަފުންގެ މުޒާހަރާ ދިގުދެމިގެން ދާން ފެށުމުން އެކަމުން ރާއްޖޭގެ އިގްތިސޯދަށް ނުބައި އަސަރު ކުރާނެ ކަމަށް ލަފާކުރެވޭތީ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންގެ ޓީމެއް އެ ރިސޯޓަށް ގޮސްފައިވާކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް ފުލުހުން މެނޭޖްމަންޓާ ވާހަކަދައްކަމުން އަންނަ ކަމަށެވެ.

"މިކޮޅުން އަޅުގަނޑުމެން ސްޕެޝަލް އޮޕަރޭޝަންގެ 30 ހަކަށް ފުލުހުން އެރަށައް ގޮސް އެކަން ހައްލުކުރުމަށް މެނޭޖްމަންޓާއި މުއާމަލާތްކުރަމުން އަންނަނީ،" އޮފިޝަލް ވިދާޅުވި އެވެ. އަދި އެ މައްސަލަ ކޮންމެވެސް ވަރަކަށް ހައްލުވެފައި ވާކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ރަންގަލި ރިސޯޓުގެ ދިވެހި މުވައްޒިފުން މުޒާހަރާ ކުރަން ނުކުތީ ދިވެހި މުވައްޒަފުންނާއި ބިދޭސީންނާ ތަފާތު ކުރުން އިންތިހާއަށް ގޮސް، އެކަން ހައްލު ކުރުމަށް ތަފާތު ގޮތްގޮތަށް މެނޭޖުމަންޓާ ވާހަކަ ދައްކައިގެން ހައްލު ނުވުމުން ކަމަށް އެ ރިސޯޓުގެ ބައެއް މުވައްޒަފުން ބުނެ އެވެ.

އެ މީހުން ބުނީ މެނޭޖުމަންޓުން އެ މީހުންގެ އަޑު އަހައި ޖަވާބު ދިނުމާ ހަމައަށް ޓޫރިސްޓުންނަށް ދޭންޖެހޭ ހިދުމަތް މެދު ކެނޑުނަ ނުދީ މުޒާހަރާތައް ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ބުނީ މިވަގުތު ވެސް ރިސޯޓްގެ ސްޓާފް އޭރިޔާއަށް 100 އަށް ވުރެ ގިނަ ދިވެހި ސްޓާފުން އެއްވެ ޝުއޫރުތައް ފާޅު ކުރަމުންދާ ކަމަށެވެ.

މިކަމާބެހޭ ގޮތުން ރިސޯޓަށް ގުޅުމުން އެ ރިސޯޓުގެ މެނޭޖްމެންޓުން އެއްޗެއް ނުބުނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު