ބަރޮހަށް އެރި މީހުން ވަނީ ފައިސާ ހުރި ތަންތަނަށް ގެއްލުންދީފައި!

ކ.ބަރޮސް އައިލެންޑް ރިސޯޓަށް ވަގަށް އެރި ހަތަރު މީހުންގެ ތެރެއިން އެކަކު ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

އެހާދިސާގައި މަރުވެފައި ވަނީ ހއ. ތުރާކުނު، ނިޔަނދުރުމާގޭ އަލީ ޝާފިއު 20، އެވެ. އެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފައިވާ އިރު އޭގެ ތެރޭގައި އެ ރަށު ރޯޝަނީގޭ އަލީ ޝިހާން ހިމެނޭކަން ސަން އަށް ވަނީ ކަށަވަރުވެފަ އެވެ.

ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ފަތިހު 4:00 ޖަހާއެހާކަންހާއިރު ބަރޮހަށް ކުޑަ ލޯންޗެއްގައި ދިޔަ ހަތް މީހުންގެ ތެރެއިން ހަތަރު މީހަކު ރިސޯޓަށް އެރި ކަމަށާއި އޭގެ ތެރެއިން ތިން މީހަކު ރިސޯޓުން ހިފެހެއްޓީ ކަމަށެވެ. ނަމަވެސް ހަތަރު ވަނަ މީހާ ހޯދަމުން ދަނިކޮށް ފެނުނީ 4:15 އެހާކަންހާއިރު ފަޅުތެރޭ މަރުވެފައި އޮއްވައި ކަމަށެވެ.

ރަށަށް ނާރައި ލޯންޗުގައި ތިބި ތިން މީހުން އެވަގުތު ފިލާފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

އެހެންނަމަވެސް އެމީހުން އެ ރަށަށް އެރީ ކޮން ބޭނުމަކު ކަމެއް ފުލުހުންގެ އޮފިޝަލު ވިދާޅެއްނުވެ އެވެ. ރިސޯޓުން ބުނީ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުން ނޫން ކަމަށެވެ.
މަރުވި މީހާގެ އާއިލާގެ ފަރާތުން ބުނަނީ، އެމީހުން މާލެއިން ފުރީ މަސްބާނަން ކުރާ ދަތުރަކަށް ކަމަށް ބުނެފައި ކަމަށެވެ.

އެހަތަރު މީހުން ބަރޮހަށް ދިޔަ ވަގުތަކީ، އެ ރަށަށް އެހެން ލޯންޗެއް ދިޔަ ވަގުތަކަށް ވާތީ، ޖެޓީ އާ ކައިރި ނުކޮށް އެމީހުން ފަޅުތެރެއަށް ފޭބުމަށް ފަހު ލޯންޗު ފޮނުވާލީ ކަމަށާއި އެ މީހުންގެ ތެރޭގައި ކުރިން ބަރޮހުގައި މަސައްކަތް ކުރި މީހަކު ވެސް ހިމެނޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ހަތަރު މީހުން ވަނީ އެރިސޯޓަށް އަރައި ރިސޯޓުގައި ފައިސާ ހުންނާނެ ކަމަށް ބެލެވޭ ތަންތަން ބަލައި ގެއްލުންތައް ވެސް ދީފަ އެވެ. އެގޮތުން ދޮރެއްގެ ބިއްލޫރި ގަނޑު ތަޅާލައި އެތެރެ އަށް ވަންނަން މަސައްކަތް ކުރަނިކޮށް އެ ރަށުގެ ގާޑަކަށް ފެނިގެން ގޮސް ސްޓާފުންތަކެއް ކައިރީ ބުނުމުން އެ ރަށުގެ ސްޓާފުން އެމީހުން ފަހަތުން އަންނަކަން އެނގުމުން ވަނީ ފިލަން މަސައްކަތް ކޮށްފަ އެވެ.
އެގޮތުން އެ ހަތަރު މީހުން ދުވެފައި ގޮސް އެތާ އޮތް ފެރީއަކަށް އަރައި ފެރީ ސްޓާޓު ނުވުމުން ފަޅަށް ފުންމާލައިގެން ވަނީ އެތާ ކައިރީ އޮތް އެހެން ކުޑަ ދޯންޏަކަށް އަރަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެ ދޯންޏަށް އެރުނީ އެތަނުން ދެ މީހުންނަށެވެ. އަދި ދޯންޏަށް ނޭރުނު ދެ މީހުން ގެނބެންފެށުމުން ސަލާމަތްކޮށްފައި ވަނީ އެ ރިސޯޓުގެ މުވައްޒަފުންނެވެ.

މަރުވި ޒުވާނާގެ ހަށިގަނޑު ނެގީ ފަޅުތެރެ އިން ކަމަށް ފުލުހުން ބުނި ނަމަވެސް، ސަން އަށް މައުލޫމާތު ދިން ބައެއް ފަރާތްތަކުން ބުނަނީ، މޫދުން ނެގިއިރު އޭނާގެ ފުރާނަ ހުރި ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުން ކޮންމެވެސް ވަރަކަށް ޒަޚަމްތައް ފެންނަން ހުރި ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ވަނީ މޫނު ނިވާ ކޮށްގެން ތިބި ބަޔަކު ބ. ކިހާދުއްފަރު ރިސޯޓަށް އަރައި އެ ރިސޯޓުގައި ތިބި މުވައްޒަފުންނަށް ބިރުދެއްކުމަށް ފަހު ތިޖޫރީއެއް ފެރިގަނެގެން ފިލާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު