މިދިޔަ ރިއާސީ އިންތިހާބުގައި ޒަކީ މެދުވެރިކޮށް ބޭރުގެ ފަރާތަކުން އެމްޑީޕީއަށް އެހީވިތޯ ބަލައިދިނުމަށް އިލެކްޝަނަށް ހުށަހަޅައިފި

ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހިމް ހުސެން ޒަކީ މެދުވެރިކޮށް ރާއްޖެ އިން ބޭރުގެ ފަރާތަކުން އެޕާޓީ އަށް އެއްވެސް އެހީއެއް ވެފައިވޭތޯ ބަލައި، އެކަމުގައި ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް އެދި ގައުމީ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ރިޔާސީ އިންތިހާބު 2008ގެ ކެމްޕޭނު ދުވަސްވަރު ތައްޔާރުކުރި ޓީޝާޓުތަކަކަށް ފައިސާ ދެއްކުމަށް ބޭރު މީހެއްގެ ކިބައިން ޒަކީ އެދިވަޑައިގެންފައިވާ ކަމަށް ބެލެވޭ ގޮތަށް މީހަކާ ވާހަކަ ދައްކަވާފައިވާ ފޯން ކޯލެއްގެ އޯޑިއޯ ލީކުވުމާ ގުޅިގެން ގައުމީ ޕާޓީން އިލެކްޝަންސް ކޮމިޝަންގެ ރައީސަށް ފޮނުވި ސިޓީއެއްގައި ބުނަނީ، "ޒަކީ މެދުވެރިކޮށް ރިޔާސީ އިންތިހާބަށް އެމްޑީޕީ އަށް ބޭރުގެ ފަރާތްތަކުން އެހީވެފައިވާ ނަމަ، އެއީ އިންތިހާއަށް ކަންބޮޑުވާ ކަމެއް" ކަމަށެވެ.

"އަދި މިފަދަ އެހީތައް އެމްޑީޕީ އަށް ދީފައި ވަނީ ވެރިކަމާ ހަވާލުވުމަށް ފަހު ކޮންފަދަ ކަންތައްތަކެއް ކުރެއްވުމަށް ޝަރުތުކޮށްފައިކަމެއް ނޭނގޭ،" ގައުމީ ޕާޓީން ބުނެފައިވެ އެވެ. އަދި އެފަދަ އެހީތެރިކަމެއް ހޯދައިފައިވޭތޯ ބަލައި، ފިޔަވަޅު އެޅުމަށް ވެސް ގޮވައިލައިފައިވެ އެވެ.

"އަދި ބޭރުގެ ފަރާތްތަކުން 2008ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން އެހީހޯދައިފައިވާ ނަމަ އެ އެހީ ދިން ބޭރުގެ ފަރާތްތަކުން ސަރުކާރުގެ މައްޗަށް ކުރިމަތިކުރުވައިފައިވާ ޝަރުތުތަކާ ނުފޫޒުތަކަކީ ކޮބައިކަން އޮޅުން ފިލުވައި، ސަރުކާރާއި ރައްޔިތުން މިފަދަ އެންމެހާ ބޭރުގެ ނުފޫޒުތަކުން ސަލާމަތްކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުން އެދެމެވެ." ގައުމީ ޕާޓީގެ ޑެޕިއުޓީ ސެކްރެޓެރީ ޖެނެރަލް ސޮއިކުރައްވައި ފޮނުއްވި ސިޓީގައިވެ އެވެ.

އިންތިހާބުތަކާ ބެހޭ އާއްމު ޤާނޫނުގެ 70 ވަނަ މާއްދާގެ ދަށުން އިންތިހާބަކަށް ވާދަކުރައްވައި ކެންޑިޑޭޓަކު "ބިދޭސީންނާއި ބިދޭސީ ފަރާތްތަކާއި ބިދޭސީ އިދާރާތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި" ގަބޫލުކުރުމަކީ މަނާކަމެކެވެ.

ނަމަވެސް، ނަން ނުޖެހުމަށް ޝަރުތުކޮށް އިތުބާރުކުރެވޭ ފަރާތަކުން ސަން އަށް އެންމެ ފުރަތަމަ ދީފައިވާ ޒަކީގެ އެ އޯޑިއޯ ކްލިޕުގައި އިވެނީ، އިންތިހާބު ބޭއްވުމުގެ ކުރިން ޓީޝާޓުތަކެއް ރާއްޖެ ގެންނަ ވާހަކަ އެވެ. އަދި އެންމެ ފަސޭހަވާނީ ޓީޝާޓުތައް ތައްޔާރުކުރާ ކުންފުންޏަށް ސީދާ ފައިސާ ދެއްކުމުން ކަމަށް ޒަކީ ވިދާޅުވެފައިވެ އެވެ.

އިނގިރޭސިބަހުން ވާހަކަދައްކައިފައިވާ އެ އޯޑިއޯ ކްލިޕްގައި، "އާނަންދު"ގެ ނަމުން ޒަކީއަށް ތައާރަފްވި އެމީހާ ބުނެފައި ވަނީ އިންތިހާބުގެ ކުރިން އެ ޓީޝާޓުތައް ނުލިބިދާނެތީ ކަންބޮޑުވާ ކަމަށެވެ. ނަމަވެސް، އިންތިހާބުގެ ދުވަސްވަރު ރާއްޖެ އައި ޔޫރިޕިއަން ޔޫނިއަންގެ ވަފުދާ މަޝްވަރާކުރުމަށް ފަހު، އިންތިހާބު އޮކްޓޯބަރަށް ފަސްކުރާ ވާހަކަ ދައްކައިފައިވާ ކަމަށް ޒަކީ ވިދާޅުވުމުން އެކަމަށް ތާއީދުކޮށް، އެމީހާ ވާހަކަދައްކައިފައިވެ އެވެ.

އެ އަޑުކޮޅާ ގުޅޭ ގޮތުން ޒަކީ ވިދާޅުވެފައި ވަނީ، ސީދާ ބޭރުގެ ފަރާތަކުން އެމްޑީޕީއަށް އެހީއެއް ވެފައި ނޯންނާނެ ކަމަށެވެ. އެހެންނަމަވެސް، ބޭރުގެ ފަރާތްތަކުން އޭނާ އަށް ދީފައިވާ އެކިކަހަލަ އެހީ ޕާޓީ އަށް އަމިއްލަ އަށް ހަދިޔާކުރައްވައިފައިވާ ކަން ފާހަގަކުރެއްވި އެވެ. އެގޮތުން އޭގެ ތެރޭގައި ޓީޝާޓުތަކެއް ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު