އަޅުގަނޑަކީ މިހާރު މަޖިލީހުގެ މެޖޯރިޓީ ލީޑަރު: ރީކޯ މޫސަ

ޑީއާރުޕީ، ޕީއޭ ކޯލިޝަން ރޫޅިފައިވާ ކަމަށް ބުނެ، މިހާރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިފައި ވަނީ ސަރުކާރު ހިންގާ އެމްޑީޕީ އަށް ކަމަށާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކު ކަމަށް، އޭނާ އަމިއްލަފުޅަށް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ތަޅުމުގައި އިދިކޮޅު ފަރާތްތައް ބައިބައިވެފައިވުމުން މަޖިލީހުގެ މެޖޯރިޓީއާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާތީ ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރީކޯ މޫސާ މަނިކު ވިދާޅުވީ ޑީއާރުޕީ އާއި ޕީއޭ އަށް މަޖިލީހުގައި ލިބިފައިވާ މެޖޯރިޓީ ގެއްލިފައިވާ ކަމަށެވެ. އަދި ޑީއާރުޕީ، ޕީއޭ ކޯލިޝަން ރޫޅާލާލިކަން އިއުލާންކޮށްފައިވާ އިރު، މަޖިލީހުގެ އިދާރާއަށް އެކަން ރަސްމީކޮށް އަންގާފައި ނެތަސް މަޖިލީހުގެ މެޖޯރިޓީ ލިބިފައި ވަނީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕަށް ކަމަށް ވެސް މޫސާ މަނިކު ވިދާޅުވި އެވެ.

"ކޯލިޝަން ބްރޭކްކޮށްފި އެ މީހުން. ކޯލިޝަނެއް ނެތް ކަމަށް އެބޭފުޅުން އަމިއްލަފުޅަށް މިތާގައި [މަޖިލީހުގައި] ވާހަކަދައްކައިފި. މަޖިލީހުގެ ރަޖިސްޓްރީ އާއި ތާވަލުގެ ތެރެއިން އެކަން އަންގާކަން ނުކެރޭ. އަދިވެސް އެތިބެނީ، އެހެންވެއްޖެޔާ މިހާރު ތަސްމީނަކީ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކަށް ނުވާނެ. އަޅުގަނޑު މެޖޯރިޓީ ލީޑަރަކަށް ވާނީ."

މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ހޯދުމަށް ކެނޑިނޭޅި އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ، މޫސާ މަނިކު ވިދާޅުވީ އިދިކޮޅު ފަރާތްތައް ބައިބައިވުމުން ސަރުކާރަކަށް ކުޑަވެސް ލޮޅުމެއް ނޭރުވޭނެ ކަމަށެވެ.

އެމްޑީޕީ އާއި ޕީއޭއާ ދެމެދު "ޑީލް"ތަކެއް ނިންމާފައިވާ ކަމަށް އަޑުފެތުރެމުންދާތީ މޫސަ ވިދާޅުވީ ޕީއޭއާ އެކު ޑީލެއް ހަދާފައި ނުވާނެ ކަމަށާއި އެފަދަ ކަމެއް ކުރާނަމަ އެ ޕާޓީއާ އެކު ފުރަތަމަ އެމްޑީޕީ ކޯލިޝަނެއް ހަދާނެ ކަމަށެވެ.

"ޕީއޭއަކާ ވަކި ޑީލެއް ހަދައިގެނެއް އަޅުގަނޑުމެން ނޫޅެން. އަޅުގަނޑުމެން ހަދާނީ އެންމެ ޑީލެއް. އެއީ ދެބައި މީހުންގެ ދެމެދުގައި ކޯލިޝަނެއް އުފެއްދުމަށް ފަހު އެގްރިމެންޓެއް ހެދުން." ރީކޯ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު