އޯކިޑްގޭގައި ދެ މައިން މަރުވީ ފަސް ފޫޓުގެ ކުޑަ ކޮޓަރިއެއްގައެއް ނޫން: އާއިލާ

މިދިއަ އާދިއްތަ ދުވަހު ހ. އޯކިޑް ގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި އެގޭ ހަދީޖާ އަހުމަދު (ހާޖީ އެދުރުގެ ދޮންސިއްތި) އާއި އޭނާގެ ދަރިފުޅު އިއުތިސާމް އާދަމް (އަންގޫ)ގެ ދެ މައިން ބައިތިއްބާފައިވަނީ 5 ފޫޓް 10 ފޫޓުގެ ކުޑަ ކޮޓަރިއެއްގައި ނޫންކަމަށް އެ އާއިލާއިން މިއަދު ބުނެ ފި އެވެ.

މީޑިއާގައި އެ ދެ މަރުހޫމުންނާ މެދު ތަފާތު ވާހަކަތަށް ފަތުރާ ކަމަށް ބުނެ އާއިލާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ދެ މައިން އަވަހާރަވީ ގޭގައި އަލިފާން ރޯވުމުން މަތީ ބުރީގައި ހުރި 15 ފޫޓް ނުވަ ފޫޓުގެ ބޮޑު ކޮޓަރިއަކަށް އެ ދެ މައިން ގެންގޮސްފައި ވަނިކޮށް ކަމަށެވެ.

"ގޭގައި އަލިފާން ރޯވުމުގެ ސަބަބުން އަވަހާރަވި އެ ދެ މައިން އެންމެ ރައްކާތެރި އަދި ސަލާމަތްތެރި ހިސާބަކަށް ގެންދިއުމުގެ ގޮތުން ގޭގެ މަތީ ބުރީގައި ހުރި 15 ފޫޓު ނުވަ ފޫޓުގެ ބޮޑު ކޮޓަރިއަކަށް ތިން މީހުން (ގެންދެވުނެވެ)،" އެ ބަޔާނުގައިވެ އެވެ.

ފަހަކަށް އައިސް ހިނގި އަލިފާނުގެ އެންމެ ނުރައްކާތެރި އަދި ހިތާމަވެރި އެއް އެ ހާދިސާއާ ގުޅިގެން ގައުމީ ދިފާއީ ބާރުން ބުނެފައިވަނީ އެދެމައިންގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް ފަސް ފޫޓު 10 ފޫޓުގެ ކޮޓަރިއަކުން ކަމަށެވެ.

އެއާއިލާއިން މިއަދު ބުނީ އަލިފާނުގެ ހާދިސާ ހިނގި ވަގުތު އޯކިޑް ގޭގައި އާއިލާގެ ފިރިހެނަކު ހުރިކަމަށެވެ. އަދި ބުނީ "ފިރިހެން ދަރިކަލުން އެހެން މީހެއްގެ އެހީތެރިކަން ހޯދުމަށް ފުރާޅުމަތިން ބޭރަށް ނުކުމެ ވަޑައިގަތުމަށްފަހު، އެ ދެ މައިން ސަލާމަތްކުރުމަށް ވަދެވަޑައިގެންނެވޭނެ ފުރުސަތެއް ނުލިބުނު." ކަމަށެވެ.
މަރުވި އެ ދެ މައިންގެ ހަށިގަނޑު ނެރެވުނީ، އަލިފާނުގެ ހާދިސާ ހިނގިތާ ދެ ގަޑިއިރެއްހާ އިރު ފަހުންނެވެ.
އެ ހާދިސާގައި މަރުވި ދޮންސިއްތި އަކީ ޖެންޑާ މިނިސްޓްރީގެ ޑިޕިއުޓީ މިނިސްޓަރު ފާތުމާތު އާފިޔާ އާއި އދ. ގައި ހުންނަ ރާއްޖޭގެ ދާއިމީ މަންދޫބު އިރުތިޝާމް އާދަމާއި ޑރ. އިކްލީލު މަންމަ އެވެ. އަދި އަންގޫއަކީ އެމީހުންގެ ކޮއްކޮ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު