ފޯކައިދޫގައި ވަކިން ޖަމާއަތް ހަދައިގެން ބަޔަކު އީދު ނަމާދުކޮށްފި

ށ. ފޯކައިދޫގެ ފުޓްބޯޅަ ދަނޑުގައި އީދު ނަމާދު ކުރަނީ. އެ ރަށުގައި އީދު ނަމާދުކުރުން އޮންނާނީ ދަނޑުގައި ކަމަށް ކައުންސިލުން ވަނީ އަންގާފައި.

ށ. ފޯކައިދޫ ގައި އީދު ނަމާދުކުރުން އޮންނާނީ އެ ރަށު ފުޓްބޯޅަ ދަނޑުގައި ކަމަށް ކައުންސިލުން އަންގާފައި އޮއްވައި އެ ރަށު މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން އީދު ނަމާދުކޮށްފި އެވެ،

ފޯކައިދޫ ކައުންސިލްގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ވަކިން ޖަމާއަތް ހަދައިގެން އީދު ނަމާދުކޮށްފައި ވަނީ އާއްމު މައިދާނެއްގައި އީދު ނަމާދުކުރުމާދެކޮޅު ހަދާ ބައެއް ކަމަށެވެ.

އެމީހުން އީދުނަމާދު ކުރިއިރު ޚުތުބާ ކިޔާފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ރަސްމީކޮށް ހަމަ ވަރަށް ކުރިންސުރެ އިއުލާންކުރެވިފަ އޮންނާނީ. އިއްޔެ ހަވީރުވެސް އިއުލާން ކުރެވިފަ އޮންނާނީ،" ކައުންސިލްގެ މެމްބަރަކު ވިދާޅުވިއެވެ.

އީދު ނަމާދު ކުރުން އޮންނާނީ ފޯކައިދޫ ފުޓްބޯޅަ ދަނޑުގައި ކަން ކައުންސިލުން އަންގާފައި ވަނިކޮށް އެގޮތަށް އީދު ނަމާދުކުރަން ބޭނުންނުވާ ފަރާތްތަކުން ރަށުގެ މިސްކިތަށް އައުމަށް ބަޔަކު ލައުޑް ސްޕީކަރުން އިއުލާންކޮށްފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ކައުންސިލް މެމްބަރަކު ވިދާޅުވީ ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރި މީހުންނާއި ދޭތެރޭ ފިޔަވަޅެއް އަޅަން ގަސްތުނުކުރާ ކަމަށާއި އެހެން ނަމަވެސް އޮފީސް ހުޅުވުމުން އެ މީހުން ހާޒިރުކޮށް ނަސޭހަތްދިނުމަށް ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް