މުސްލިމުންގެ ނާކާމިޔާބީގެ އަސްލަކީ މުސްލިމުން ބައިބައިވުން ކަމަށް މިއަދުގެ ޢީދު ޚުތުބާގައި ބުނެފިއެވެ.
ހުރިހާ މުސްލިމުން ވެސް ބައިބައިނުވެ އުއްމަތުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެއްގަލަކަށް އަރަން ވެސް މިއަދުގެ ޚުތުބާގައި ވަނީ ގޮވާލާފައެވެ. އަދި މުސްލިމުންނަށް ލިބުނު ކާމިޔާބީތަކުގެ އަސްލަކީ އެއްބައިވަންތަކަން ކަމަށް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
އިސްލާމީ އުއްމަތަކީ، ބާރުގަދަ އުއްމަތެއް ކަމަށާއި އެހެން މީހުންނަށް ލިބިފައިނުވާ ކިތަންމެ ބާރުތަކާއި ގާބިލުކަމާއި މުއްސަނދިކަން މި އުއްމުތަަށް ލިބިފައިވާ ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.
" ތެލުގެ މުއްސަނދިކަން އެންމެ ބޮޑީ އިސްލާމީ ގައުމުތަކުގެ އެވެ. އިސްލާމީ އުއްމަތް ޖޯގްރަފީ ގޮތުން ބަލާއިރު މިއޮތީ ދުނިޔޭގެ އެންމެ މުހިއްމު ސަރަހައްދުގައެވެ. އޭޝިޔާ އިން ޔޫރަޕަށް ދެވޭ މަގުތައް އޮތީ އިސްލާމީ އުއްމަތުގެ ސަރަހައްދުގެ ތެރޭގައެވެ." ޚުތުބާގައި ވެއެވެ. އެހެންނަމަވެސް އިސާލާމީ އުއްމަތަށް ލިބިފައިވާ މި ބާރުތައް ބޭނުން ނުކުރާކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.
އިސްލާމްދީން އައީ އަޅުކަންތަކުގެ ތެރެއިންލާފައި މިއުއްމަތުގެ ހަރުދަނާކަމާއި އާރާއި ބާރު ހާމަކޮށްދޭން ކަަމަށް ވެސް ޚުތުބާގައި ވެއެވެ. އެގޮތުން ފަރުޟު ފަސްނަމާދާއި ހުކުރު ނަމާދުން ހާމަކޮށްދެނީ އެ ހިސާބުގަނޑުގައި އުޅޭ މުސްލިމުންގެ ބާރު ކަމަށް ޚުތުބާގައި ވެއެވެ.
އަދި ހައްޖަކީ ދުނިޔޭގެ މުސްލިމުން ތަމްސީލްކޮށްދޭ މަހާސިންތާ ކަަމަށް ފާހަގަކޮށްފައި ވެއެވެ.
އިސްލާމީ އުއްމަތް ބަލިކަށި ވުމުގެ އަސްލަކީ ﷲ އަށްޓަކައި ހޭދަކުުރުން ދުރުހެލިވުމާއި ﷲ އަށް ކިޔަމަންގަތުން ދުރުހެލިވުން ކަމަށް ވެސް ބުނެފައި ވެއެވެ.
" އިސްލާމް ދީން ނެތް ނަމަ މިފަދަ ބޮޑު ބައްދަލުވުމެއް ބޭއްވިދާނެތޯއެވެ؟ އެހެންކަމުން ހައްޖަކީ މުސްލިމުންގެ ބާރު ދައްކުވައިދޭ ކަމެކެވެ. އިސްލާމީ އުއްމަތުގެ އެކުވެރިކަމާއި އެއްބައުިވަންތަކަން ހާމަކޮށްދޭ އަޅުކަމެކެވެ." ޚުތުބާގައި ބުނެފައި ވެއެވެ.
ކުރިން މާފަންނު ސްޓޭޑިއަމްގައި އީދު ނަމާދުކުރާ ގޮތަށް އޮތް ނަމަވެސް މޫސުން ތަންނުދޭތީ އީދު ނަމާދުކޮށްފައި ވަނީ މިސްކިތްތަކުގައެވެ.