ގދ. މަޑަވެލީ ސްކޫލްގެ ޕްރިންސިޕަލްކަމުން ދުރުކުރި އިގްބާލް ހަމީދު އަލުން ސްކޫލްގެ ޕްރިންސިޕަލް ކަމަށް ގެނައުމަށް ބުނެ ސްކޫލް ކުދިން ކުރަމުންދާ މުޒާހަރާ ހުއްޓާ ނުލައި މިއަދު ވެސް ކުރިއަށް އެބަ ދެ އެވެ.
މަޑަވެލިން ވާހަކަ ދެއްކި ގްރޭޑް 8 ގެ ކުއްޖެއްގެ ބެލެނިވެރިއެއް ކަމަށްވާ އެ ރަށު ރަން އަލި، ޒިދުނާ އަބްދުލްހަކީމް މިއަދު ބުނީ ރޭ ވެސް ގްރޭޑް 10ގެ ހުރިހާ ދަރިވަރުންނާއި ބައެއް ބެލެނިވެރިން ވެސް ވަގުތުތައް ހޭދަކުރީ ސްކޫލްގެ ގޯތި ތެރޭގައި ކަމަށާއި މިއަދު ވެސް ދަރިވަރުން ވަނީ ސްކޫލްގެ ގޭޓުތައް ކުރިމަތީގައި ފަރުނީޗަރުތައް ބަހައްޓައިގެން ގޭޓްތައް ބަންދުކޮށްފައި ކަމަށެވެ.
"ގޭޓްގައި ޑެސްކާއި ގޮނޑި އަދި މޭޒު އަތުރައިގެން ގޭޓްތައް ބަންދުކޮށްފައި އެ ހުރީ. އިއްޔެއެކޭ އެއްގޮތަށް ބޯޑުތައް ހިފައިގެން އިގްބާލް ގެންނާށޭ އެ ކުދިން މި ގޮވަނީ،" ސްކޫލްގެ މައި ގޭޓު ކުރިމަތީ ހުރެ ޒިދްނާ ކިޔައިދިނެވެ.
އިއްޔެ ހަވީރު ފުލުހުން ވެސް ވަނީ މަޑަވެލީގައި ޖެހިގެން އުޅޭ މައްސަލަ ހައްލުކުރުމަށް އެ ރަށަށް ގޮސްފަ އެވެ. ނަމަވެސް ބެލެނިވެރިންނާ އަދި ކުދިންނާ ވެސް މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ފަހު ފުލުހުން މިއަދު ވަނީ އެ ރަށުން ގޮސްފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުންބުންޏެވެ.
މަޑަވެލީ ކައުންސިލް އިދާރާ އިން ވެސް މިއަދު ބުނީ ދަރިވަރުން މުޒާހަރާ ކުރަމުން ގެންދާތީ ސްކޫލް ކިޔެވުން މިއަދު ވެސް މެދުކަނޑާލާފައިވާ ކަމަށެވެ.
މަޑަވެލީ ސްކޫލުގެ ޕްރިންސިޕަލް އިގުބާލު ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމަކަށް މާލޭގަ އެވެ. އެޑިއުކޭޝަނުން އޭނާ މާލެ ގެނައީ މަޑަވެލީ ސްކޫލުގައި ފެންވަރު ރަނގަޅު ޓީޗަރުން ނެތް ކަމަށާއި ކުދިން ސްކޫލަށް ނުފޮނުވުމަށް ބެލެނިވެރިންނަށް އެންގުމުން އެކަމާ ހިތްހަމަ ނުޖެހިގެން ބެލެނިވެރިން ނުކުމެ ސްކޫލްގައި ތަޅު އެޅުވުމުންނެވެ.