ސުޕްރީމް ކޯޓްގެ ދެ ފަނޑިޔާރެއްގެ ފޯން އެލަވަންސާ ގުޅޭ ހިޔާނަތުގެ ތުހުމަތުތަކެއްކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އާންމު ފަރާތަކުން ހުށަހެޅުމާ ގުޅިގެން ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބުދުﷲ ސައީދު، އެ ތުހުމަތުތަކަށް އިންކާރު ކުރައްވައި ރައްދު ދެއްވައިފި އެވެ.
އިންތިގާލީ މަރުހަލާގެ ސުޕްރީމް ކޯޓްގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވެވި އަބްދުﷲ ސައީދު މިއަދު ވިދާޅުވީ އެމަނިކުފާނުގެ ފަސްބައިގައި ކިނލަބުކަމެއް ނޯންނެ ކަމަށާއި އޭނާ އަށް އެހެން ފަނޑިޔާރެއްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތާ ބެހޭ ގޮތުން ކެރިހުރެގެން ސާބިތުކަމާ އެކު ވާހަކަފުޅު ދައްކަވަން ބޭނުންފުޅުވާ ކަމަށެވެ. އޭނާއާ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދާ ބެހޭ ގޮތުން އޭސީސީއަށް މައްސަލައެއް ލައި ވާހަކަތަކެއް ފަތުރާފައި ވަނީ ޒާތީ ހަސަދަވެރިކަމުގައި ކަމަށް ވެސް ވިދާޅުވި އެވެ.
"އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް. އެކަން ކޮށްގެން އުޅެނީ ކޮންބައެއްކަން ވެސް އެނގޭ، އެގޮތަށް މަސައްކަތް ކުރެއްވެވި ނަމަވެސް އަޅުގަނޑެއް، އަޅުގަނޑުމެނެއް ދަށަކު ނުލެވޭނެ، އަދި އެ ވާހަކަތަކަކީ ބުހުތާން ދޮގެއް،" ސައީދު ވިދާޅުވި އެވެ.
އަބްދުﷲ ސައީދު ވިދާޅުވީ އޭނާ ވެސް އަދި ސުޕްރީމް ކޯޓްގެ އެހެން ފަނޑިޔާރުން ވެސް ފޯނު އެލަވަންސެއް ނުނަންގަވާ ކަމަށާއި ދައުލަތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދޭ ގޮތަށް ހަމަޖެހިފައި އޮންނަ އެއްޗެެއްގެ އިތުރަށް އެއްވެސް ފައިސާއެއް ނުހޯއްދަވާ ކަމަށެވެ.
ސައީދު ވިދާޅުވީ ލިބިވަޑައިގަންނަވާ ފައިސާ ހަރަދު ކުރާ ގޮތުގެ މާލީ ރިޕޯޓް ބަރާބަރަށް ފޮނުވައި އަބުރުވެރި ކަމާއެކު އުޅުއްވާ ކަމަށާއި "މޫނުބަލާ ލޯގަނޑުން މީހާ ފެންނަ ފަދައިން މީހުންނަށް އަބްދުﷲ ސައީދު ރަނގަޅަށް ފެންނާނެ"ކަމަށް ވެސް ވިދާޅުވި އެވެ.
"ތުހުމަތު ކޮށްފައިވާ އެއްވެސް ކަމަކީ ހަގީގަތެއް ނޫން. އެފަދަ ކަމެއް ނޯނާނެ ވަރަށް ސާބިތުކަމާ އެކު މިދަންނަވަނީ އަޅުގަނޑަކީ ޖުޑިޝަރީ ތަރައްގީ ކުރުމުގައި އުޅޭމީހެއް. އަޅުގަނޑު އުއްތަމަ ފަނޑިޔާރު ކަމުގައި ހުރި އިރު ވެސް މާލީ މުއާމަލާތުގެ ތެރަށް ވަދެއް ނުހަދަން،" އަބްދުﷲ ސައީދު ވިދާޅުވި އެވެ.
އަބްދުﷲ ސައިދު ވިދާޅުވީ އޭނާއާާ އަލީ ހަމީދުގެ މައްޗަށް ތުހުމަތު ކޮށްފައިވާ ފޯނު އެލަވަންސްގެ ކަންތައް މިއަދު ބައްލަވައިލެއްވެވި ކަމަށާއި އެގޮތުން ފަނޑިޔާރުން ބޭނުން ކުރާ ފޯނުތަކުގެ ބިލަށް ވޭތުވެދި ހަ މަސް ދުވަސް އެއްކޮށްލުމުން ވެސް 17000ރ. ހަމަނުވާ ކަމަށެވެ.
ތުހުމަތުތައް ކޮށްފައިވާ ފަނޑިޔާރު އަލީ ހަމީދު ވިދާޅުވީ އެ މައްސަލައާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ބަޔާނެއް ނެރޭނެ ކަމަށާއި އޭގެ ކުރިން އެކަމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވުމަށް ބޭނުންފުޅު ނުވާ ކަމަށެވެ.
ބޮޑެތި އަދަދުތަކުން ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދު ފޯނު އެލަވަންސް ނަގާފައިވާ ކަމަށް ބުނެ އާންމު ފަރާތަކުން ވަނީ މައްސަލައެއް އޭސީސީއަށް ހުށަހަޅާފަ އެވެ.