މަޑަވެލީ ސްކޫލް ހުޅުވިތާ ދެ ދުވަސް ފަހުން ދަރިވަރުން ސްކޫލް ބަންދުކޮށްފި

ގދ. މަޑަވެލީ ސްކޫލްގައި ބެލެނިވެރިން ތަޅުއަޅުވާފައި ހުންނަތާ ދެ ހަފްތާ ފަހުން އަލުން ކިޔަވައިދިނުމަށް ފެށުމުން، މަގާމުން ދުރު ކުރި އެ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް އިގްބާލް ހަމީދަށް އަލުން ވަޒީފާ ދިނުމަށް އެދި މަތީ ސާނަވީ ގްރޭޑްތަކުގައި ކިޔަވާ ކުދިން ސްކޫލްގެ ބައެއް ތަކެއްޗަށް ގެއްލުންދީ ގޭޓުގައި ތަޅު އަޅުވައި މިއަދު އަލުން ސްކޫލް ބަންދުކޮށްފި އެވެ.

މަޑަވެލިން ވާހަކަ ދެއްކި ގްރޭޑް 8ގެ ބެލެނިވެރިއެއް ކަމަށްވާ ރަން އަލި، ޒިދުނާ އަބްދުލް ހަކީމް މިއަދު ބުނީ މަތީ ސާނަވީ ކުލާސްތަކުގެ ދަރިވަރުން ކިޔެވުން ހުއްޓާލައި މުޒާހަރާ ކުރަން ފެށީ މިއަދު މެންދުރެއް ހާއިރު ކަމަށާއި އެ ކުދިން ސްކޫލްގެ ގޮނޑިތަކާއި މޭޒުތަކަށް ގެއްލުންދީ އެއް ގޭޓްގައި ތަޅުވެސް އަޅުވާފައިވާ ކަމަށެވެ. އަދި ބުނީ އެ ކުދިން ގޮވަމުން އަންނަނީ އެޑިއުކޭޝަންގެ އެންގުމަށް މިހާރު މާލެ ވަޑައިގެން ހުންނެވި މަޑަވެލީ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އިގްބާލަށް އަލުން ވަޒީފާ ދިނުމަށް ކަމަށެވެ.

"މޭޒުތަކާއި ގޮނޑިތައް ވެސް ސްކޫލް ތެރެއަށް އުކާފައި މިހުރީ. އެއް ގޭޓުގައި ތަޅުވެސް އަޅުވައިފި. އަދި އެކުދިން ސްކޫލް ތެރޭ އަޑުގަދަ ކުރަނީ އިގްބާލް ގެންނާށޭ ކިޔައިގެން،" ޒިދުނާ ބުންޏެވެ.

އޭނާ ބުނީ މިހާރު އެޑިއުކޭޝަންގެ ބައެއް ވެރިން ވެސް އެ ރަށަށް ވަޑައިގެންފައިވާ ކަމަށާއި މުޒާހަރާ ކުރާ ފަރާތްތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

މަޑަވެލީ ކައުންސިލްގެ އިދާރާ އިން މިއަދު ބުނީ ސްކޫލްގެ ދަރިވަރުން ނުކުމެ ސްކޫލުގެ ދެ ގޭޓުގައި އެތެރެ އިން ތަޅު އަޅުވައި ބަންދު ކޮށްފައި ވާ ކަމަށާއި އެކުދިންނާ އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
"މިހާރުގެ ހާލަތަކީ ގޭޓްތައް ބަންދުކޮށް ތަޅުއަޅުވާފައި މި ހުރީ. މިއީ އަދި ދެވެން އޮތް މައުލޫމާތަކީ،" ކައުންސިލްގެ އިދާރާގެ އިސްއޮފިޝަލަކު ވިދާޅުވި އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ވެސް ސްކޫލްގެ ބެލެނިވެރިންތަކެއް އޭރު ހުންނެވި ޕްރިންސިޕަލާ މެދު ހިތްހަމަ ނުޖެހިގެން ވަނީ ސްކޫލުގެ ގޭޓްގައި ތަޅު އަޅުއަޅުވައިފަ އެވެ. އޭގެ ދެ ހަފްތާ ފަހުން ތަޅު ނައްޓާލާ ކިޔެވުން އަލުން ފެށުމަށް ހުއްދަ ދިނީ އޭރު ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި އިގްބާލް މަގާމުން ދުރު ކުރުމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު